އިތުރު ވަގުތުގައި ތަފާތު ދައްކައި، ރެއާލް ކުއާޓާއަށް

ސްޕެނިޝް ކޮޕާ ޑެލް ރޭގެ ކުއާޓާ ފައިނަލުން ރެއާލް މެޑްރިޑް ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުން ރެއާލް ޖާގަ ހޯދީ ފަހު 16 ޓިމުގެ ބުރުގައި 5-2 އިން ސެލްޓަ ވީގޯ ބަލިކޮށްފައެވެ.

ނަމަވެސް, މެޗު ރެއާލަށް ކާމިޔާބުކުރެވުނީ އިތުރު ވަގުތު ކުޅެގެންނެވެ. ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފައެވެ.

މެޗުގެ ބޮޑު ބައިގައި މޮޅު ކުޅުމެއް ދެއްކި ރެއާލުން ވަނީ ފުރަތަމަ ހާފު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށް މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭއެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ކާމިޔާބުކޮށްދިން ލަނޑާ އެކު ރެއާލް ހަމަޖެހިލިތަން ފެނުނެވެ.

ނަމަވެސް، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނީ ސެލްޓާގެ ޖޮނަތަން ބަމްބާ ކާމިޔާބުކުރި ލަނޑާ އެކު މެޗުގެ ފަހު ވަގުތު ކޮޅުގެ ފޯރިގަދަވިއެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކޮށްދިނީ މާކޮސް އަލޮންސޯއެވެ.

އިތުރު ވަގުތުގައި އެކަމަކު ރެއާލުން ވަނީ ތަފާތު ދައްކައިފައެވެ. ޚާއްސަކޮށް، އެންޑްރިކެވެ. ފުރަތަމަ، 108 ވަނަ މިނެޓުގައި އެންޑްރިކް ވަނީ އަނެއްކާ ރެއާލަށް ލީޑު ނަގައިދީފައެވެ. މި ލަނޑު ޖެހިތާ ހަތަރު މިނެޓް ފަހުން ރެއާލްގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ފެޑެރީކޯ ވަލްވާޑޭއެވެ. ރެއާލްގެ ފަހު ލަނޑު މެޗުގެ 119 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވެސް އެންޑްރިކެވެ.

މި ކާމިޔާބީއާ އެކު ކުއާޓާ ފައިނަލްގެ ޖާގައެއް ރެއާލް ކާމިޔާބުކޮށްފައިވާއިރު އެންމެ ފަހުގެ ޗެމްޕިއަން އެޓްލެޓިކް ބިލްބާއޯގެ ނަސީބު އެހާ ރަނގަޅެއް ނުވިއެވެ. މިގޮތުން ބިލްބާއޯ ވަނީ އޮސަސޫނާއާ ބައްދަލުކުރި މެޗުން 3-2 އިން ބަލިވެ، މުބާރާތަށް އަލްވަދާއު ކިޔާފައެވެ.

comment ކޮމެންޓް