ނަޝީދަށް ހުރީ ވަރަށް އަސަރުކޮށްފައި، ހައްލު ހޯދުމަށް ހިތްވަރު ދެއްވި: އިދިކޮޅު

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން / ސަން ފޮޓޯ: ނަހުދާ ފާއިޒް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓި ޑެޑްލޮކަކަށް ގޮސްފައިވާ މައްސަލައަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކުރެއްވުމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިދިކޮޅު ޕީޕީއެމް/ޕީއެންސީ މެންބަރުންގެ އަރިހުން އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް މައްސަލަ ހުށަހެޅުމާއެކު ރިޔާސަތާ ހަވާލުވެވަޑައިގެންނެވުމަށް އެ ދެ ބޭފުޅުންވެސް ވަނީ އުޒުރުވެރިވެވަޑައިގެންފައެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސަށް ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންނެވޭނީ ޖެހިޖެހިގެން ތިން ދުވަހުއެވެ. އެ ތިން ދުވަހު ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

ގަވާއިދުން ޖާގަ ދޭ ތިން ދުވަސް އިއްޔެ ހަމަވެފައިވާއިރު، މަޖިލީހުގެ ޖަލްސާތައް އިތުރަށް ކުރިއަށް ގެންދާނެ ޖާގައެއް ނެތް ކަމަށް ވިދާޅުވެ، މިއަދުގެ ޖަލްސާ ބާއްވާފައެއް ނުވެއެވެ. ނަމަވެސް މިއަދު ރައީސް ނަޝީދު، މަޖިލީހުގެ ގޯތިތެރޭގައި ހުރި ކުޑައެއްގެ ދަށުގައި އިދިކޮޅު މެންބަރުންނާ ވާހަކަދައްކަވަން އިންނެވި މަންޒަރު ވަނީ ފެނިފައެވެ.

އިދިކޮޅު މެންބަރުންނާއެކު ރައީސް ނަޝީދު ކުޑަދަށުގައި / ސަން ފޮޓޯ: ނަހުދާ ފާއިޒް.

މަޖިލީހުގެ ޖަލްސާ ބާއްވާފައި ނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި މަޖިލީހުގެ އިދިކޮޅު މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދަވައި ދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި ކަމަށާއި، އެކަމަށް މަސައްކަތް ކޮށްދެއްވުމަށް ހިތްވަރުވެސް ދެއްވި ކަމަށެވެ.

ރައީސް ހަމަ ވަރަށް ދެރަފުޅު ވެފަ ހުންނެވީ ދެން ހަމަ ހިތްވަރު ވެސް ދޭ މަޖިލިސް ނުހިނގާތީ. އެމަނިކުފާނު ވަރަށް ލަދުފުޅު ގަންނަ ކަމެއް މަޖިލިސް ނުހިނގާ އޮތުމަކީ. ރައީސް ނަޝީދު އަޅުގަނޑު މެންނަށް ވަރަށް ހިތްވަރު ދެއްވި މަޖިލިސް ހުޅުވުމަށް މަސައްކަތް ކޮށްދެއްވާށޭ، ތިމަންނާ ބޭނުންވަނީ މަޖިލިސް ކުރިއަށް ގެންދާށޭ. އެމަނިކުފާނަށް ވަރަށް އަސަރުކޮށްފައި ހުރީ މަޖިލިސް ނުހިނގައިގެން. އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

މީގެއިތުރުން ސަލީމް ވިދާޅުވީ، މަޖިލިސް ހުއްޓިފައި އޮތުމުން ރައީސް ނަޝީދަށް ވެސް އެކި ތުހުމަތުތައް އަމާޒުވަމުންދާއިރު، އެކަމަށް އަވަސް ހައްލެއް ހޯދުމަށް ރައީސް ނަޝީދުވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައިވަނީ މަޖިލިސް ހުއްޓުވައި އިދިކޮޅުގެ އަޑު އެއްކޮށް ކަނޑުވާލުމަށެވެ. އަދި އެއީ ސަރުކާރުން ހިންގާ ޖަރީމާތައް ފަޅާ އަރައި، ރައްޔިތުންގެ ކުރިމައްޗަށް އައިސްދައިނެތީ ކުރި ކަމެއް ކަމަށްވެސް ތުހުމަތުކުރެއެވެ.

މަޖިލިސް ކުރިއަށް ގެންދެވޭނީ އެ ދެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް މައްސަލައެއް އަނބުރައި ގެންގޮސްގެން ކަމަށް ރައީސް ނަޝީދުވެސް ވިދާޅުވެފައިވާއިރު، އިދިކޮޅުން ވެސް ތާއީދު ކުރަނީ އެގޮތަށެވެ. މަޖިލީހުގެ ގަވާއިދުގެ ތެރެއިން ޖަލްސާތައް އަލުން ފަށައި މަޖިލިސް ކުރިއަށް ގެންދެވޭނެ މަގަކީ އެއީ ކަމަށް އެ ފަރާތުން ބުނެއެވެ.

އިދިކޮޅުން ބުނީ މަޖިލީހުގެ މެޖޯރިޓީ ވެރިކަން ކުރާ އެމްޑީޕީއަށް ލިބިފައި ވާއިރު، އެބޭފުޅުން ދޫދެއްވައިފި ނަމަ މިކަން އެއްކޮށް ހައްލު ވާނެ ކަމަށެވެ. ނަމަވެސް މިފަދައިން ދިމާވެފައި ވަނީ އެމްޑީޕީން ވެސް އަދި ސަރުކާރުންވެސް އެކަމަށް ހައްލެއް ގެނައުމުގެ ނިޔަތެއް ނެތުމުން ކަމަށް އިދިކޮޅުން ބުނެއެވެ.

comment ކޮމެންޓް