އިސްލާމީ އުސޫލުތަކުން ހިންގާ ވެރިކަމުގެ ނިޒާމަކަށް އަދާލަތުން އަމާޒު ހިފައިފި

އަދާލަތު ޕާޓީން ރޭ ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް އިމްރާން ވާހަކަ ދައްކަވަނީ --- ފޮޓޯ: އަދާލަތު ޕާޓީ

އަދާލަތު ޕާޓީ އުފެއްދިއިރު ކުރަން ނިންމި ކަންތައްތަކަށް ވުރެ މާ ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާއިރު މިހާރު ބޭނުން ވަނީ އިސްލާމީ އުސޫލުތަކުގެ ތެރެއިން ހިންގާ ވެރިކަމުގެ ނިޒާމެއް އުފެއްދުން ކަމަށް އެ ޕާޓީގެ ރައީސް ޝެއިހް އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މެންބަރުންނާ މަޝްވަރާކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ, އަދާލަތު ޕާޓީން ވެރިކަން ކުރުމުގެ ވިސްނުން ވެސް އޭރު ނެތް އިރު އޭރުގެ ސްޓޭންޑަކީ ގައުމު އިސްލާހު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އުޅެނީ ރާއްޖެ އިސްލާމީ އުސޫލްތަކާ ހަމަތަކުގެ މަތިން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމެއް ރާއްޖޭގައި އުފައްދަން. އަޅުގަނޑުމެންގެ ސްޓްރެޓިޖިކް ޕްލޭންގައި އިރާދަކުރެއްވިއްޔާ ކަނޑައަޅާފައިވާނީ އެކަން ކުރަން ކުރާހަފަވާ މަގު ވަރަށް ސާފު," އިމްރާން ވިދާޅުވިއެވެ.

އިސްލާމީ ވެރިކަމުގެ ނިޒާމެއް ގެނައުމަށް ކުރަން ޖެހޭ މަސައްކަތް އެނގޭކަން ފާހަގަކޮށް އިމްރާން ވިދާޅުވީ އެމަގަށް ދަތުރުކުރެވޭނީ މިއަދުން ފެށިގެން އަޅަންޖެހޭ ފިޔަވަޅުތައް ސާބިތުކަމާއެކު އަޅައިގެން ކަމަށެވެ. އަދި މިވަގުތު އެ ޕާޓި އޮތީ އެކަން ކުރުމުގެ މުހިންމު މަރުހަލާއެއްގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދާލަތު ޕާޓީން ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: އަދާލަތު ޕާޓީ

ކުރިމަތީގައި އޮތީ ފުން ކޯރެއް ނުވަތަ ކަނޑެއްކަން ފާހަގަކޮށް އިމްރާން ވިދާޅުވީ އެ މަރުހަލާގައި އަދާލަތު ޕާޓީން ކުރާ މަސައްކަތުން ނެރެވޭ ނަތީޖާއިން ރާއްޖޭގެ ތާރީހު ބައްޓަންވެގެން ދިއުމުގައި އެ ޕާޓީން އަދާކުރާ ދައުރު ކަނޑައެޅިގެން ދާނެ ކަމަށެވެ.

ރާއްޖޭގެ ތާރީހުގައި ވެސް ވޭތުވެ ދިޔަ 25 އަހަރަކީ ފާހަގަކޮށްލެވޭ އަހަރުތަކެއްކަން ފާހަގަކޮށް އިމްރާން ވިދާޅުވީ, މީގެ ކުރިން ދުވަހަކު ވެސް ރާއްޖޭގައި ދީނީ ހޭލުންތެރިކަން އުފެދިފައިނުވާ ވަރަށް އެ އަހަރުތަކުގައި ދީނީ ހޭލުންތެރިކަން އިތުރުވެފައިވާ ކަމަށެވެ. އެކަމަށް މަގުފަހިވެފައިވަނީ ވޭތުވެދިޔަ 25 އަހަރު ތެރޭގައި ރާއްޖޭގައި އުފެދުނު ދީނީ އިލްމްވެރިންގެ ސަބަބުން ކަމަށް އިމްރާން ވިދާޅުވިއެވެ.

"އެ 25 އަހަރުގެ ތެރެއިން ރާއްޖެއަށް މުހިންމު ބަދަލުތައް ގެނައުމުގައި 18 އަހަރު އަދާލަތު ޕާޓީގެ ދައުރަކީ އެކަން ރަނގަޅަށް ގާތުން ބަލައި ފިކުރުކުރާ މީހަކަށް ވަރަށް މުހިންމު ކަމެއް," ގިނަ ދީނީ އިލްމްވެރިންތަކެއް ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވިއެވެ.

އަދާލު ޕާޓީ އުފެއްދިއިރު މިހިސާބަށް އެ ޕާޓީ ހިނގައިދާނެ ކަމަށް އޭރުގެ ވެރިން އެއްވެސް ވަރަކަށް ތަސައްވަރު ކޮށްފައި ނުވާކަމަށް އިމްރާން ވިދާޅުވިއެވެ. އެކަން އެނގެނީ އޭރު ލިޔެފައިހުރި އެ ޕާޓީގެ ދުސްތޫރު ބެލުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ރާއްޖޭގައި އުފެދުނު ސަރުކާރުތަކުގައި އަދާލުތު ޕާޓީގެ ހިއްސާ އޮވެ އެހާ ހިސާބަށް އެ ޕާޓީއަށް އާދެވިފައިވަނީ އެ ޕާޓީގެ އިހްލާސްތެެރި ނިޔަތެއް އޮތުމުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަތުގައި އޮތް ރާއްޖެ އިސްލާހު ކުރުމުގެ ހޮޔެ ނިޔަތެއް. އަޅުގަނޑުމެންގެ އަތުގައި އޮތް އަޅުގަނޑުމެންގެ ހަޔާތުގައި މާތްވެގެންވާ އިސްލާމް ދީނާއި ގައުމަށް ހިދުމަތް ކުރުމުގެ ވަރުގަދަ އަޒުމެއް. އޭގެ މަތީގައި މިއަދާ ހަމައަށް ވަރަށް ކެތްތެރިކަމާ ވިސްނުންތެރިކަމާ ސާބިތުކަމާ އެކުގައި ވަރަށް ގިނަ ބަޔަކު މަސައްކަތްކުރީމަ މި ބަދުލަތަކާ އެކު އައިސްފައި މިތިބީ," އިމްރާން ވިދާޅުވިއެވެ.

comment ކޮމެންޓް