ވަގަށް ގޮވުމާއި އަވަގުރާނަ: މިއަދު ވެސް ޖަލްސާ ނުގެންދެވި، ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވައިލުމާ ގުޅޭ މައްސަލަ އެޖެންޑާ ކޮށްފައި އޮތީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ ސަރުކާރާ ދެކޮޅު މެންބަރުން ތަޅުމުގައި އަޑުގަދަ ކުރުމާ ގުޅިގެން ރިޔާސަތު ހަވާލުކޮށްފައިވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް ތަޅުން ކޮންޓްރޯލް ނުވެ މިއަދުގެ ޖަލްސާ ވެސް ނިންމާލައިފިއެވެ.

މިއަދުގެ ޖަލްސާ ފެށި އިރު ވެސް ދޭދޭ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކޮށް, މަޖިލީހުގެ ނިޒާމު އޮތޯ ގެއްލިފައެވެ. އެއް ބަޔަކު ގޮވާލަމުން ދިޔައީ ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނުހައްގުން ޖަލަށް ލާފައިވާ ކަމަށެވެ.

ޖަލްސާ ފެށުމަށް ފަހު ތަޅުން ކޮންޓްރޯލް ނުވެ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް މަޖިލިސް ވަނީ މެދުކަނޑާލާފައެވެ. އެއަށް ފަހު އަލުން މަޖިލިސް ފަށައި ޖަލްސާ ކުރިއަށް ގެންދެވުމަށް ރިޔާސަތުން މަސައްކަތް ކުރެއްވި ނަމަވެސް އިދިކޮޅު މެންބަރުން އެކަމަށް ޖާގަ ދެއްވާފައެއް ނުވެއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފަށް ކުއްލި މައްސަލަ ހުށަހަޅުއްވަން ދެއްވި ފުރުސަތުގައި ފަހަރަކު މެންބަރަކު ނިޒާމީ މައްސަލަ ނަންގަވައި އެ ބޭފުޅުންގެ ކަންބޮޑުވުންތައް ފާޅުކުރަމުން ދިޔައެވެ. އަދި، އެޖެންޑާ އެފަދައިން އޮއްވާ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނަމުން ދިޔައެވެ.

މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ޖަލްސާއެއްގެ އެޖެންޑާގައި ހިމަނާ ކަންކަން ސާފުކޮށް އެނގޭނެ މިންވަރަށް އަދި އެކަން ކަން ކުރުމަށް އެދޭ ތަރުތީބު ވެސް އެޖެންޑާގައި އޮންނަން ވާނެ ކަމަށެވެ.

އެ މާއްދާ އަށް އިޝާރާތް ކުރައްވައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ, ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ ހިމަނާފައި ވަނީ ސާފުކޮށް ނޫން ކަމަށެވެ.

"އެހެންވީމާ އެޖެންޑާއިން އެ މާއްދާ ނުނަގައި ދެން މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތޭ. ސާފު ނޫން ވީމައޭ. މި ގަވާއިދުގައި އެބަ ބުނޭ ސާފުކޮށް އޮންނަން ޖެހޭނެ އޭ." އަލީ އާޒިމް ވިދާޅުވިއެވެ.

އެކަމާ ގުޅުވައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މިނިވަން 16 މެންބަރަކު މަޖިލީހުގައި ތިބިއިރު, އެ މައްސަލާ ގުޅޭ އެއްވެސް މައުލޫމާތެއް އެ މެންބަރުންނަށް ނޭނގި އެ އައިޓަމް އެޖެންޑާ ނުކުރެވޭނެ ކަމަށެވެ.

"ރިޕޯޓެއް ތައްޔާރުކޮށްފައި ރިޕޯޓެއް މިއަދު ޕޯޓަލް އަށް ލާފައި އެޖެންޑާގައި ހިމަނައިގެން އެކަމެއް ނުކުރެވޭނެ. އަޅުގަނޑުމެން ވެސް އަޅުގަނޑުމެންގެ ހައްގު ކޮމިޓީތަކުގައި ބޭނުންވާ މިންވަރަށް މަސައްކަތް ކުރުމުގެ ހައްގު އޮންނަން ޖެހޭނެ. އެކަން ހައްލު ނުކޮށް އެޖެންޑާއަށް ލައިގެން ވޯޓަށް އަހައިގެން މިކަން ކުރުމަކީ އެޖެންޑާގައި [އެ މައްސަލަ] ހިމެނޭނެ ކަމެއް ކަމުގައި ނުދެކެން،" އިލްޔާސް ލަބީބު ވިދާޅުވިއެވެ.

މީގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގައި ތިއްބަވާ މިނިވަން މެންބަރުންގެ މަސްލަހަތު ހިމާޔަތް ކުރައްވާނީ މަޖިލީހުގެ ރައީސެވެ. މިއަދުގެ ޖަލްސާގެ އެޖެންޑާ ކަނޑައެޅުއްވީ ރައީސް މުހައްމަދު ނަޝީދެވެ. ރިޔާސަތުގެ ޒިންމާއަކީ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާފައިވާ އެޖެންޑާ ކުރިއަށް ގެންދެވުމެވެ. ނަމަވެސް ކޮމިޓީތައް އެކުލަވައިލުމުގެ މައްސަލަ އާ ގުޅޭ އެއްވެސް މައުލޫމާތެއް ރައީސް ނަޝީދު މަޖިލީހުގައި ތިއްބެވި މިނިވަން މެންބަރުންނާ ހިއްސާ ކޮށްފައެއް ނުވެއެވެ.

މަޖިލިސް ކުރިއަށް ގެންދެވޭނެ ނިޒާމެއް ކަނޑައެޅުމަކީ މަޖިލީހުގެ ރިޔާސަތުގެ ޒިންމާއެކެވެ. ހަސަން އަފީފް ވަނީ ނިޒާމް ގާއިމް ކުރުމަށް ދެ ފަހަރެއްގެ މަތީން ޖަލްސާ މެދު ވެސް ކަނޑާލައިފައެވެ. ނަމަވެސް އިދިކޮޅު މެންބަރުން ތިއްބެވީ ދޫ ދެއްވާ ގޮތަކަށް ނޫނެވެ.

ދެބަސްވުމުގައި އެތައް ވަގުތެއް ހޭދަވެ އިދިކޮޅު މެންބަރުން ވަނީ ގޮނޑިތައް ދޫކުރައްވައި ތަޅުމުގައި އަޑުގަދަ ކުރަން ފައްޓަވާފައެވެ. އަދި، އެމްޑީޕީގެ މެންބަރުން ވާހަކަދެއްކެވި ވަގުތު އެ މެންބަރުން ކައިރިއަށް ވަޑައިގެން ހުރަސް އަޅުއްވާ އެ މެންބަރުންނަށް ޖެއްސުން ކުރައްވާފައެވެ.

އެއަށް ފަހު އިދިކޮޅުގެ މެންބަރު ރިޔާސަތު ކުރިމަތީ އެތުރި ރައީސް ޞާލިޙަށް ވަގަށް ގޮވަން ފެށުމާ އެކު ހަސަން އަފީފް ވަނީ ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށް ނިންމަވައި މިއަދުގެ ޖަލްސާ ވެސް ކުރިއަށް ނުގެންގޮސް ނިންމާލައްވައިފައެވެ.

ނަމަވެސް ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވި އެއްވެސް މެންބަރަކަށް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ރިޔާސަތުން ނަސޭހަތްތެރި ވެފައެއް ނުވެއެވެ. އަދި، އެ މެންބަރުން ތަޅުމުން ނެރުމަށް ވެސް އެއްވެސް މަސައްކަތެއް ކުރައްވާފައެއް ނުލެވެއެވެ.

މަޖިލީހުގައި މި ދައުރަށް ހުށަހެޅި އެއްވެސް ބިލެއްގެ މަސައްކަތް ނިމިފައެއް ނުވެއެވެ. މަޖިލީހުގެ ޖަލްސާގެ ވަގުތު ޒުވާބުކޮށް އަޑުގަދަ ކުރުމުގައި ނަގާލަމުން އަންނަތާ މިހާރު ދެ ހަފުތާ ވެއްޖެއެވެ.

comment ކޮމެންޓް