ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، މިއަދު އަމަލުކުރެއްވީ ވަރަށް ޚުދުމުޚުތާރުކޮށް ކަމަށް، އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ހުށަހަޅާފައިވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވަނިކޮށް، މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ނަޝީދު ވަނީ ދެކޮޅު ހައްދަވައިފައެވެ. އަދި، ރިޔާސަތު ބަލަހައްޓަވާނެ އެހެން މެންބަރަކު ކަނޑައަޅުއްވައިފައެއް ނުވެއެވެ. އެހެންވެ، މިއަދުގެ ޖަލްސާ ވަނީ ކުރިއަށް ނިގެންދެވިފައެވެ.
އެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ "ސަން"އާ ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، ނަޝީދު އަމަލު ކުރައްވަނީ ވަރަށް ޚުދުމުޚުތާރުކޮށް ކަމަށާއި އުޅުއްވަނީ ގަދަބާރުން ރިޔާސަތުގައި އިންނަވަން ކަމަށެވެ. އެކަމަކު، ގަދަބާރުން މަޖިލީހުގެ އިމްތިޔާޒު ގެއްލުވާލައި، މަސައްކަތްތައް ހުއްޓުވާލުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެ ކަމުގައި ކުރިއަށް ދެވޭނެ ގޮތެއް އެބަ ރާވަން. ކަނޑައެޅިގެން މަޖިލީހުގެ ގަވާއިދާ ހިލާފު އަމަލެއް އެ ކުރެއްވީ،" އޭނާ ވިދާޅުވިއެވެ.
އަސްލަމް ގަބޫލުކުރައްވާ ގޮތުގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހޭ ޒިންމާތައް އަދާނުކުރައްވާ، އެ މަނިކުފާނު ވަނީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައެވެ. އަދި، އެ މަނިކުފާނު މަސައްކަތް ކުރައްވަނީ މަޖިލީސް ހުއްޓުވައިލަން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.
ކުރީގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ބޭފުޅުން ވެސް ކަންކަން ކުރެއްވީ މަޖިލީހުގެ ގަވާއިދުގެ ތެރެއިންކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، ނަޝީދު މަސައްކަތް ކުރައްވަނީ ގަވާއިދުން ބޭރުން ކަމަށެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސް ރިޔާސަތު ނުބަލަހައްޓަވާނަމަ ދެން ރިޔާސަތު ބަލަހައްޓާނެ މެންބަރަކު މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ޖެހޭނެއެވެ. އެކަން، ނަޝީދު މިއަދަކު ނުކުރައްވައެވެ.
އީވާގެ މައްސަލަ އެޖެންޑާ ނުކުރުމުން އިއްޔެގެ ޖަލްސާ ވެސް ކުރިއަކަށް ނުގެންދެވުނެވެ. ސަރުކާރަށް ތާއީދުކުރާ މެންބަރުން އިހްތިޖާޖު ކުރުމުން އިއްޔެގެ ޖަލްސާ ވަނީ ނިންމާލައިފައެވެ.
މަޖިލީހުގެ ގަވާއިދާ އެއްގޮތް ވާގޮތަށް، އިއްޔެގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ނަޝީދާއި އީވާ އުޒުރުވެރިވެވަޑައިގަންނަވާ ހާލަތްތަކުގައި އާންމު ގޮތެއްގައި ހަސަން އަފީފް ރިޔާސަތު ބަލަހައްޓަވައެވެ. އެކަމަކު، މަޖިލީހުގެ އާންމު މެންބަރަކު ރިޔާސަތު ބަލަހައްޓަވާނީ، މަޖިލީހުގެ ރައީސް ނިންމެވުމުންނެވެ.
އީވާގެ މައްސަލަ މިއަދު އެޖެންޑާކޮށްގެން ފެށިއިރު ގަވާއިދުގައިވާ ގޮތުން އެ ޖަލްސާގެ އިންތިޒާމްތައް ހަމަޖައްސަން ޖެހެނީ އާންމު ކޮމެޓީންނެވެ. ނަމަވެސް އެ ކޮމެޓީ ފުރިހަމަ ކުރާނެ ގޮތަކަށް ޕާޓީތަކަށް އެއްބަސްނުވެވިގެން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކާނެ މެމްބަރުންނާއި ވަގުތު ގަވާއިދުގައި ބުނާ ގޮތަށް ކަނޑައަޅައިފައެއް ނުވެއެވެ.
ކޮމިޓީތައް ހުއްޓިފައިވަނީ މަޖިލީހުގެ 13 މެންބަރަކު އެމްޑީޕީ ދޫކޮށްލުމުން, މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައިސްފައިވާ ބަދަލާ އެއްގޮތަށް ކޮމިޓީތައް އެކުލަވައިލުމުގައި ސިޔާސީ ޕާޓީތަކަށް އެއްބަސް ނުވެވިގެންނެވެ.