ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ނެތި، މަޖިލީސް ނުބޭއްވުނު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ނެތުމުން، މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް އިއުލާނުކޮށް، ޖަލްސާ ނިންމާލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އަމީންއާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅިފައިވާތީ، މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަޖިލީހުގެ ރައީސް ކަމަށެވެ.

އެހެންވެ، އިއްޔެ އެކަން އަންގާ މަޖިލީހުގެ ރައީސަށް ވާނީ ސިޓީއެއް ފޮނުވާފައިވާކަން ފާހަގަކުރައްވައި ނިޔުޝާ ވިދާޅުވީ، އެހެންނަމަވެސް މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން، އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވަނީ އަންގަވައިފައެވެ.

"މިއަދުގެ މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާ ގުޅޭ ގޮތުން ވަކި ގޮތެއް ކަނޑަނޭޅެނީސް މި ވަގުތު މި ޖަލްސާ ކުރިއަށްގެންދެވެން ނެތް ވާހަކަ އިއްޒަތްތެރި މެންބަރުންނަށް ދަންނަވާލަން،" ނިޔުޝާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ރިޔާސަތު ނުބަލަހައްޓަވާނަމަ ދެން ރިޔާސަތު ބަލަހައްޓާނެ މެންބަރަކު މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ޖެހޭނެއެވެ.

އެކަމަކު، އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނެ ވަކި މެންބަރަކު މަޖިލީހުގެ ރައީސް ކަނޑައަޅުއްވައިފައެއް ނުވެއެވެ.

އީވާގެ މައްސަލަ އެޖެންޑާ ނުކުރުމުން އިއްޔެގެ ޖަލްސާ ވެސް ކުރިއަކަށް ނުގެންދެވުނެވެ. ސަރުކާރަށް ތާއީދުކުރާ މެންބަރުން އިހްތިޖާޖު ކުރުމުން އިއްޔެގެ ޖަލްސާ ވަނީ ނިންމާލައިފައެވެ.

މަޖިލީހުގެ ގަވާއިދާ އެއްގޮތް ވާގޮތަށް، އިއްޔެގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ނަޝީދާއި އީވާ އުޒުރުވެރިވެވަޑައިގަންނަވާ ހާލަތްތަކުގައި އާންމު ގޮތެއްގައި ހަސަން އަފީފް ރިޔާސަތު ބަލަހައްޓަވައެވެ. އެކަމަކު، މަޖިލީހުގެ އާންމު މެންބަރަކު ރިޔާސަތު ބަލަހައްޓަވާނީ، މަޖިލީހުގެ ރައީސް ނިންމެވުމުންނެވެ.

އީވާގެ މައްސަލަ މިއަދު އެޖެންޑާކޮށްގެން ފެށިއިރު ގަވާއިދުގައިވާ ގޮތުން އެ ޖަލްސާގެ އިންތިޒާމްތައް ހަމަޖައްސަންޖެހެނީ އާންމު ކޮމެޓީންނެވެ. ނަމަވެސް އެ ކޮމެޓީ ފުރިހަމަ ކުރާނެ ގޮތަކަށް ޕާޓީތަކަށް އެއްބަސްނުވެވިގެން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކާނެ މެމްބަރުންނާއި ވަގުތު ގަވާއިދުގައި ބުނާ ގޮތަށް ކަނޑައަޅައިފައެއް ނުވެއެވެ.

ކޮމިޓީތައް ހުއްޓިފައިވަނީ މަޖިލީހުގެ 13 މެންބަރަކު އެމްޑީޕީ ދޫކޮށްލުމުން, މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައިސްފައިވާ ބަދަލާ އެއްގޮތަށް ކޮމިޓީތައް އެކުލަވައިލުމުގައި ސިޔާސީ ޕާޓީތަކަށް އެއްބަސް ނުވެވިގެންނެވެ.

comment ކޮމެންޓް