އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ހަގީގަތެއް ނެތް ވައްކަން މީހުންގެ ބޮލުގައި އަޅުވައި ގައުމު ހަލަބޮލި ކުރަން ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެެއެެވެ.
އައްޑޫ ސިޓީއަށް މި ސަރުކާރުން ގެންނަ ތަރައްގީ ފާހަގަކުރުމަށް ރޭ އެ ސިޓީގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ, ވެރިކަމުގެ މި ފަސް އަހަރު ނިމުގެން މި ދަނީ ސުލްހަ މަސްލަހަތާ އެކުގައި ކަމަށެވެ. ނަމަވެސް މަސްލަހަތު ނަގާލައި ގައުމު ހަލަބޮލި ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ނިޒާރު ތުހުމަތު ކުރެއްވިއެވެ.
"އެއްވެސް ހަގީގަތެއް ނެތް ވައްކަން މީހުންގެ ބޮލުގައި އަޅުވަމުން އެދަނީ. އެއްވެސް ހަގީގަތެއް ނެތް," ނިޒާރު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވައްކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ނިޒާރު ވިދާޅުވީ އެ މަނިކުފާނު ރައްޔިތުންނަށް ހިޔާނަތްތެރިނުވާނެކަން ރައީސް ދަންނަ އެންމެން ވެސް ގަބޫލު ކުރާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އެފަދަ ވާހަކަތައް ދައްކަވައި ރައީސްގެ އިސްތަށިފުޅުގައި ތުހުމަތުތައް އަޅުވަނީ ސިޔާސީ މައިދާނުގައި ކުރިއަށް ވަޑައިގަތުމަށް ކަމަށް ނިޒާރު ވިދާޅުވިއެވެ.
"އިތުރު ފަސް އަހަރެއް އަޅުގަނޑުމެން ރައީސަށް ދެވިއްޖެ ނަމަ އަޅުގަނޑުމެންގެ ރާއްޖޭގައި ވާދަވެރިކަމާ އެކު މި އުޅުއްވާ ބޭފުޅުން ތަޅާހާ ބޭކާރު އަނގަ އެ ބޭކާރު ބަހުރުވަ އެ ފިތުނަވެރި މެސެޖުތައް ދޭން ދެން އުނދަގޫވާނެ," ނިޒާރު ވިދާޅުވިއެވެ.
ރާއްޖެ ބަދަލުވެ ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވާން ޖެހޭކަން ފާހަގަކޮށް ނިޒާރު ވިދާޅުވީ, ޗާގޯސް ފަދަ ބޭކާރު ހަގީގަތެއް ނެތް ވާހަކަ ދައްކައިގެން ގައުމު ހަލަބޮލި ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ރައީސް ކާކަށްތޯ ރައްދު ދެއްވަނީ. ކޮން ޓްވީޓަކަށްތޯ ކޮން ތުހުމަތެއް ތޯ ނުކުރައްވަނީ. މަރުގެ ތުހުމަތު. މީހަކު މަރަން މަސައްކަތް ކުރިކަމުގެ ތުހުމަތު ރައީސްގެ މައްޗަށް އެ ކުރައްވަނީ," ނިޒާރު ވިދާޅުވިއެވެ.
ކުރައްވާ ހުރިހާ ތުހުމަތުތަކަށް ރައްދު ދޭން ނުޖުހޭނެކަން ފާހަގަކޮށް ނިޒާރު ވިދާޅުވީ އެފަދަ ބޭކާރު ކަންކަމަށް ރައްދު ދިނުމުގައި ވަގުތު ހޭދަކޮށްގެން ދިވެހީން ބޭނުންވާ މަގަށް ރާއްޖެ ގެންދިއުމަށް ދަތިވާނެ ކަމަށެވެ.
ރައީސްއަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ބުނާ ވާހަކަތައް ނިޒާރު ވަނީ ރޭ ވެސް ތަކުރާރު ކުރައްވާފައެވެ. ސަބަބު ވެސް އޭނާ ވިދާޅުވެދެއްވިއެވެ.
"އައްޑޫގެ ތަރައްގީގެ މަންޒަރުތައް އަޅުގަނޑުމެންގެ ވަށައިގެން މި ފެންނަނީ މިއީ ހަގީގަތް ވަމުންދާގޮތް އެބަ ފެނޭ. އެއާޕޯޓްގެ ވެސް. އަސާސީ ގޮތުން އަޅުގަނޑުމެންގެ އަތޮޅު ތަރައްގީ ކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ރައީސްގެ މި ދައުރުގައި ފުރިހަމަކޮށްދެއްވައިފި. އަޅުގަނޑުމެނަށް އޮތީ މިތަން ބިނާކުރުމަށްޓަކައި ރައީސަށް ދެވަނަ ދައުރެއް ދިނުން. އެކަން ކުރުމަށް އަޅުގަނޑު ގަބޫލުކުރަނީ އެންމެ އަތުގުޅާލައިގެން ނިކުމެއްޖެ ނަމަ މި އައްޑޫ ސިޓީން 80 ޕަސެންޓް ނެރެދިނުމަކީ މާ އުނދަގޫ ކަމެއް ނޫން," ނިޒާރު ވިދާޅުވިއެވެ.