ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާ ގުޅިގެން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރާއިރު، ފަލަސްތިނާއި އަރަބި ގައުމުތަކުގެ ބަހެއް ހޯދަންޖެހޭ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމާ، ސަރުކާރުން އެކަން އިއުލާނުކުރީ ޖޫން މަހުގެ ދެވަނަ ދުވަހެވެ. އެ ނިންމުމަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ.
އޭރު އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އޮތީ މަޖިލީހަށް ބިލެއް ވެސް ހުށަހަޅާފައެވެ. ޕީއެންސީގެ ވެސް ފުރިހަމަ ތާއީދާ އެކު، އޭރު އެ ބިލު މަޖިލީހުން ބަލައިގަނެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވީ ޖޫން 10 ގައެވެ.
އޭރު ސަރުކާރު މެންބަރުން ވެސް އެ ކަމަށް ތާއީދުކުރެއްވި ނަމަވެސް ކޮމިޓީގައި އެ ބިލު އޮތީ ތާށިވެފައެވެ.

241 ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: ފަލާހް ވަނީ ފަލަސްތީނުގެ ބަހެއް ހޯދަންޖެހޭ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ މަޖިލިސް
ކޮމިޓީއަށް މި މައްސަލަ ފުރަތަމަ އެޖެންޑާކުރީ މި މަހު 12 ގައެވެ. އެ މައްސަލައިގައި ކޮމިޓީގައި ވާހަކަދައްކަވަމުން ފަލާހް މިއަދު ވިދާޅުވީ، އިޒްރޭލުގައި ވެސް ލައްކަ މުސްލިމުން އުޅޭ ކަމަށާއި މި މައްސަލަ އަވަސް އަރުވައިލާފައި ނިންމައިގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި މިކަން ކޮށްގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި ފަލަސްތީނުގެ ބަހެއް [ހޯދަންޖެހޭ]، އެ މީހުންގެ ވެސް ވެރިން އެބަތިބި،" ފަލާހް ވިދާޅުވިއެވެ.
"ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އައުން މަނާކުރުމުން އެ ބޭފުޅުންނަށް އެ ގައުމަށް މި ކަމުގައި ކިހާ މަންފާއެއް ފައިދާއެއް ހުރިތޯ ނުވަތަ އެ ބޭފުޅުންނަށް ލިބޭނެ ހިތްހަމަޖެހުމެއް އުފާވެރިކަމެއް އޮތްތޯ އަދި އަރަބި ގައުމުތަކާއި ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކުގެ ވެސް ކަމާ ގުޅުންހުރި އިދާރާތަކުގެ ވެސް ލަފައާއި މަޝްވަރާ ހޯދަންޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،"
އެހެންވެ، ފަލާހް ވަނީ މި މައްސަލައާ މެދު ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަންޖެހޭ ކަމަށެވެ.
އޭނާ ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމާ ގުޅޭ ގޮތުން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާގެ ބަހެއް ވެސް ވިދާޅުވާން އެދިވަޑައިގެންފައެވެ.
މި އުޅެނީ އެމްޑީޕީން އެއްޗެއް ބުނެގެނެއް ނޫން. ސަރުކާރުން އަރާ އިޒްރޭލު ޕާސްޕޯޓު މަނާކުރާނަމޭ ބުނެގެން،" ބަހެއް ވިދާޅުވަމުން ޣަފޫރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައްޔިތުން ގާތުގައި ބުނަންވާނީ ކުރެވޭވަރުގެ ކަންކަމުގެ ވާހަކަ ކަމަށެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް 241 ކޮމިޓީގައި ތާށިވެފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެހެންވެ، އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވާތީ އެމްޑީޕީން އަންނަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމަކު، އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ނުހުއްޓޭނެ ކަމަށާއި އެ މަސައްކަތް ވީހާ ވެސް އަވަހަށް ނިންމާނެ ކަމަށް ވެސް ޕީއެންސީން ވަނީ ބުނެފައެވެ.
comment ރިނިމާބި ކަނިސަން
5 month 3 week ago
އިޒުރޭލު ދައުލަތް ގަބޫލު ނުކުރާއިރު ޕާސްޕޯޓް ރީޑް ކުރަނީ ކީއްވެހޭ ޝސަމީރު ކުރިން ބުނިހެން. ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ބޭންކުރާނެކަން އިއުލާންކުރީ ކީއްކުރަންބާ؟ ނަމުން ފަލަސްތީން ކަމުން ޔަހޫދީ ބައެއް ވެރިކަމުގަ މިއޮތީ
comment އިބްރާހިމް
5 month 3 week ago
އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމާއި ބެހޭގޮތުން މަޝްވަރާކުރަން ފަލާޙް އިސްރާއީލްގެ ނަތަންޔާހޫ ކައިރިއަށްދާންވީ ނޫންތޯ؟
comment ފަލާހް
5 month 3 week ago
އިސްރޭއީލް އިން ރާއްޖޭގެ ނުވަތަ އަރަބި ގައުމެއްގެ ބަހެއް ހޯދައިގެންތަ ކުރާ ކަމެއް ކުރަނީ
comment ޔަހުޔާ
5 month 3 week ago
ދެންކީއްވެބާ ޔަހޫދުންގެބަހެއްހޯދަން ބޭނުންނުވަނީ ؟
comment .ޖިދާ
5 month 3 week ago
"އިޒްރޭލު ޕާސްޕޯޓު މަނާކުރާއިރު ފަލަސްތީނާއި އަރަބި ގައުމުތަކުގެ ބަހެއް ހޯދަންޖެހޭ: ފަލާހް" ބޮޑު ޖޯކެއް
comment ދޮގު ސަރުކާރު
5 month 3 week ago
މުއިއްޒުގެ ސަރުކާރަކީ ވަރަށް މުނާފިގު ސަރުކާރެކޭ. ބުނާ ބަހާ އަމަލާ ދިމާނުވުމުގެ ލާމަސީލު މިސާލެކޭ. ފަލަސްތީނޭ ކިޔައިގެންވެސް އުޅެނީ ސިޔާސީ ފައިދާ ނަގާށޭ.
comment ނައްޓު
5 month 3 week ago
ބަހަނާ ދައްކަނީ ކަންކުރަން ބޭނުން ނުވާތީ. ދެން އެންމެ ރަނގަޅޭ ނުކުރިޔަސް. މިހާރު އެނގިއްޖެ ތިބޭފުޅުންގެ އިންޓެންޝަން. އޯކޭ. ވަރަށް ސާފު.