ހަރުގެ އަތުލަނީ އޮޅުވައިލުމާއި މަކަރާއި ހީލަތުން: އެމްޑީޕީ

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) އެމްޑީޕީ ނޫސްވެރިންގެ ބައްދަލުވުމެއްގައި --

އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ އަތުލުމަށް އެ ތަނުގެ ވެރި ފަރާތުން މަސައްކަތް ކުރަނީ އޮޅުވައިލުމާއި، މަކަރާއި ހީލަތުން ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މައި ހަރުގެ، އެ ބިމުގެ ވެރިފަރާތުން އަތުލުން ހުއްޓުވަން އެ ޕާޓީން އެދިފައިވާ އަމުރު ނެރޭނެ ހަމައެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމީ ނިމިދިޔަ މޭ މަހުގެ 30ވަނަ ދުވަހެވެ.

އެ ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އިބުރޭ ވިދާޅުވީ ރިޔާސީ އިންތިޚާބު ނިމުމުގެ ކުރިން އެ ހަރުގެއިން އެމްޑީޕީގެ ހަރަކާތްތައް ހުއްޓައި ބަދަލުވުމަށް ނާންގާނެ ކަމުގެ ޔަގީންކަން ހަރުގޭގެ ވެރިފަރާތްކަމަށްވާ ޝަފިއްޔާ ޒުބައިރު ދިން ކަމަށެވެ.

އެހެންވެ، އެ ހަރުގެއަށް އަށް ލައްކަ އަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން މަސައްކަތް ފެށި ކަމަށާއި ތަނުން ދިއުމަށް އަންގައި ނޯޓިސް ދިނީ މަސައްކަތް ފެށި ފަހުން ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ އެ ހަރުގެއިން ނެރުމަށް ކުރާ މަސައްކަތަކީ ޝަފިއްޔާގެ ސިޔާސީ ފިކުރަށް އައި ބަދަލުގެ ސަބަބުން ކުރި ކަމެއްކަން ޔަގީންވާ ކަމަށެވެ.

"ވަރަށް ބޮޑަށް އޮޅުވައިިލައިގެން ހީލަތަކުން އެހެން ޕާޓީއަކަށް ދޭންވެގެން ކުރިކަމެއް އިނގޭތޯ. އަޅުގަނޑުމެންނަށް މައުލޫމާތު ދެނީ އެ ތަނުގައި އިމާރާތެއް ކުރަން ބޭނުންވެގެންނޭ. އެހެންނަމަވެސް ފެނުނީ އެހެން ސިޔާސީ ޕާޓީއަކުން [ޑިމޮކްރެޓްސް] ގޮސް ވަތްތަން،" އިބްރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑިމޮކްރެޓްސްއަށް އެ ތަން ހޯދައިދިނުމުގައި ގެންގުޅެފައިވަނީ 'މަގުމަތިން އިންސާފު ހޯދުމުގެ ސިޔާސަތެއް' ކަމަށެވެ.

"ގަދަކަމުން ގޮސް ތަޅާއި އެއްޗެހި ހަލާކުކޮށްލައިފައި ތަނަކަށް ވަދެ، އެ ތަނުގައި ހަމަ އެ ވަގުތުން ފެށިގެން އަނެއް ސިޔާސީ ޕާޓީގެ މަސައްކަތް ފެށީމާ އެނގިއްޖެ ޝަފިއްޔާގެ ހިތްވަރެއް ނެތީކަން އަޅުގަނޑުމެން ކައިރީ އަނެއް ޕާޓީއަށް ދޭން އުޅުނިއްޔޭ ބުނަން. އެ ހިތްވަރު ނެތީ. މަކަރާއި ހީލަތުން އޮޅުވައިލައިގެން އަޅުގަނޑުމެން އަތުން ގަދަބާރުން އަތުލައިގެން ސިޔާސީ ވިސްނުން ތަފާތު ވެގެން ޝަފިއްޔާ ސަޕޯޓުކުރާ ޕާޓީއަށް ދޭން ކުރެއްވި ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އިބުރޭ ވިދާޅުވިއެވެ.

ސިވިލް ކޯޓުން ހަރުގެ އަތުލުން ހުއްޓުވައިދިނުމަށް އަމުރު ނުނެރެވޭނެ ކަމަށް ނިންމުމުން އެމްޑީޕީގެ ވަކީލުން އެ މައްސަލަ ބަލައި، ވަގުތީ އަމުރު އިސްތިއުނާފު ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އިބްރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ތިބީ ޝަފިއްޔާގެ ތަނެއް ގަދަކަމުން ހިފައިގެން ނޫން ކަމަށެވެ. އެ ތަން ބޭނުންކުރުމުގެ އެއްބަސްވުން އޮތީ ރިޔާސީ އިންތިޚާބުގެ ނިޔަލަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ތަން ދޫކުރަން އެންގުމުން ޖުލައި 31 އާ ހަމައަށް ވަގުތު ދިނުމަށް ވެސް އެދުނު ކަމަށް އިބުރޭ ވިދާޅުވިއެވެ.

comment ކޮމެންޓް