ޔަހޫދީ ސިފައިންގެ 3 މީހުން މަރާލުމުން އިސްރާއީލު ސިހިއްޖެ

މިސްރުގެ ގާޑުގެ ހަމަލާގައި މަރުވި އިސްރާއީލު ސިފައިންގެ 3 މީހުން ---

ތެލްއަވީވު (04 ޖޫން 2023): މިސްރުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި އިސްރާއީލު ސިފައިންގެ ތިން މީހުން މަރާލި މައްސަލައިގައި އިސްރާއީލު ސިހިގެން ހިނގައްޖެކަމަށް އެ ގައުމުގެ ރައީސް އިސްހާގު ހެރުސޮގް ވިދާޅުވެއްޖެއެވެ.

ހެރުސޮގް އާ ހަވާލާދީ އިސްރާއީލުގެ ރަސްމީ ރޭޑިއޯއިން ބުނި ގޮތުގައި މިސްރުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި އިސްރާއީލު ސިފައިންގެ ތިން މީހުން މަރާލުމަކީ ލިބުނު ބޮޑު ހިތާމައެއް ކަމަށާއި އޭގެ ވޭންތައް ދުލާއި ގަލަމުން ބަޔާން ނުކުރެވޭނެ ކަމުގައެވެ. އިސްރާއީލުގެ ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް އާމީ ސްޓާފް ވިދާޅުވީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި މިސްރާ ގުޅިގެން ވަރަށް ފުން ތަހުގީގެއް ކުރާނެ ކަމުގައެވެ.

އިސްރާއީލު ސިފައިން މުއައްސަސާއިން ނެރުނު ބަޔާނެއް ބުނާ ގޮތުން އެ ގައުމުގެ ސިފައިންގެ ތިން މީހުން މަރާލުމުގެ އަމަލަކީ ޓެރަރިޒަމްގެ އަމަލެކެވެ.

މި ކަންކުރީ މިސްރު ފުލުހުންގެ މީހަކު އޭނާއަށް ލިބިފައިވާ ބާރުގެ ބޭނުން ކޮށްގެން ދެ ގައުމުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އިސްރާއީލު ސިފައިންނަށް އަމާޒުކޮށް ބަޑިން ހަމަލާތަކެއް ދީގެންނެވެ. މިސްރުގެ ގާޑު އިސްރާއީލުގެ އެތެރެއަށް ދެ ކިލޯމީޓަރު ފުނަށް ވަދެފައިވާ ކަމަށް ވެސް މި ބަޔާން ބުނެއެވެ.

ނަމަވެސް މިސްރުގެ ވާހަކަތައް މިއާ މުޅިން ޚިލާފެވެ.

މިސްރުގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނާ ގޮތުން ސަރަހައްދީ ރޮނގު ބަލަހައްޓާ މިސްރުގެ ގާޑެއްގެ ހަމަލާ އިސްރާއީލު ސިފައިންނަށް އަމާޒުވީ ސަރަހައްދީ ރޮނގު ހުރަސްކޮށް މަސްތުވާ ތަކެތި އެތެރެކުރަން އުޅުނު ޑްރަގް ސްމަގްލަރުންގެ ބަޔަކު އަތުލުމަށްޓަކައި އެ މީހުން ފަހާ ދުވުމުގެ ތެރޭގައެވެ.

ޑްރަގް ސްމަގްލަރުންގެ ބަޔަކަށް އަމާޒުކޮށް ދިން ހަމަލާތަކެއް ސަރަހައްދީ ރޮނގުގެ އިސްރާއީލު ފަޅީގައި ތިބި އިސްރާއީލު ސިފައިންގެ ބަޔަކަށް އޮޅުމަކުން އަމާޒުވެގެންނެވެ. މިސްރުގެ މި ވާހަކަތައް އިސްރާއީލު ގަބޫލެއް ނުކުރެއެވެ. އެހެންކަމުން ދެ ފަރާތް ގުޅިގެން ވަރަށް ފުންކޮށް ތަހުގީގެއް ހިންގުމަށް އިސްރާއީލުން ވަނީ ނިންމާފައެވެ. މި ތަހުގީގަށް އެއްބާރުލުން ދޭނެކަން މިސްރުން ވެސް ވަނީ ހާމަކޮށްފައެވެ.

އިސްރާއީލު ސިފައިންނަށް ބަޑިން ހަމަލާދިން މިސްރުގެ ގާޑު އިސްރާއީލުގެ އެތެރެއަށް ވަނީ ދެ ގައުމުގެ ސަރަހައްދީ ރޮނގުގައިވާ އަލްޢޫޖާ ކްރޮސިން ގެ ތެރެއިންނެވެ. އިސްރާއީލާއި މިސްރުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް މަދުމަދުން ނަމަވެސް އިސްރާއީލުގެ އެތެރެއަށް ހަމަލާތައް އަމާޒުވެއެވެ. މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ވެސް މިފަދަ ހާދިސާއެއް ހިނގާފައިވެއެވެ.

މިފަދަ ހާދިސާތަކާ މެދު އިސްރާއީލު ޖެހިލުންވެ އިންތިހާއަށް ކަންބޮޑުވަނީ މިއީ ފަލަސްތީނުގެ ބިން ގަދަބާރުން ހިފައިގެން އިސްރާއީލު އޮންނައޮތުމާ ދެކޮޅަށް ހިންގާ ޖިހާދުގެ އަމަލަކަށް ވުމުގެ ފުރުސަތު ބޮޑުކަމުންނެވެ.

އިސްރާއީލު ސިފައިންނަކީ ކޮންމެ ދުވަހަކު ފަލަސްތީނުގެ ނިކަމެތި ރައްޔިތުން މަރަމުންގެންދާ މުޖުރިމުންގެ ބައިގަނޑަކަށްވާތީ މިފަދަ ހާދިސާއެއްގައި ވެސް އިސްރާއީލު ސިފައިންގެ މީހަކު ނުވަތަ ބަޔަކު މަރުވުމަކީ އަދި އިސްރާއީލަށް އަމާންކަން ނެތްކަން ހާމަވެގެން ދިޔުމަކީ ފަލަސްތީނު ރައްޔިތުންގެ އިތުރުން އަރަބި ދުނިޔޭގެ އާންމު ރައްޔިތުން ވަރަށް އުފާކުރާ ކަމެކެވެ.

މިސްރުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި މަރާލި އިސްރާއީލު ސިފައިންގެ ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ފިރިހެނުންނެވެ. އަނެއް މީހާއަކީ އިސްރާއީލު ސިފައިންގެ ތެރޭގައި ހިމެނޭ އަންހެނެކެވެ. އިސްރާއީލު ސިފައިން ވަނީ ހަމަލާދިން މިސްރުގެ ގާޑަށް ބަޑިން ހަމަލާދީ އޭނާ ޝަހީދުކޮށްލާފައެވެ.

comment ކޮމެންޓް