ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާއި ރަހީނުކޮށްފައިވާ މީހުން ދޫކޮށްލަން އިސްރާއީލާއި ހަމާސްއާ ދެމެދުވާ އެއްބަސްވުމުގެ ޝަރުތުތައް ފައިނަލްކުރަމުން އަންނަ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ހާމަކޮށްފިއެވެ.
އޮފިޝަލުން އެގޮތަށް ހާމަކޮށްފައިވަނީ އެއްބަސްވުން ފައިނަލްކުރުމުގެ މަސައްކަތް އަވަސް ކުރަމުން އަންނަ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އެއްބަސްވުމާބެހޭ މަޝްވަރާތަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް އިސްރާއީލުގެ އޮފިޝަލުން ވެސް ވަނީ ހާމަކޮށްފައެވެ.
ފަލަސްތީނުގެ އޮފިޝަލް ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހަމާސް އާއި އިސްރާއީލުގެ އޮފިޝަލުން ނުސީދާ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ. އެ މަޝްވަރާތަކުގައި ތަފްސީލީ ފަންނީ މަޝްވަރާތަކަށް ގިނަ ވަގުތު ނަގާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ދެ ފަރާތުން ވެސް އެއްބަސްވެފައިވާ ގޮތުން އެއްބަސްވުން ތަންފީޒުކުރާ ދުވަހު ހަމާސްއިން ތިން ރަހީނުން މިނިވަންކުރާނެއެވެ. އޭގެ ފަހުން އިސްރާއީލުން އެ މީހުންގެ ސިފައިން ޣައްޒާއިން ބޭލުމުގެ މަސައްކަތް ފަށާނެއެވެ.
އޭގެ ހަތް ދުވަސް ފަހުން ހަމާސްއިން އިތުރު ހަތަރު ރަހީނެއް ދޫކޮށްލާއިރު، އިސްރާއީލުން ދެކުނުގެ ގެދޮރު ގެއްލިފައިވާ މީހުންނަށް އެނބުރި އުތުރަށް ދިއުމުގެ ހުއްދަ ދޭނެއެވެ.
ޤަތަރާއި މިޞްރުގެ ޓެކްނިކަލް ސެކިއުރިޓީ ޓީމަކުން ހިންގާ އެކްސްރޭ މެޝިނަކުން މޮނިޓާ ކުރާ ސަލާހު އަލް ދީން މަގުން ކާރުތަކާއި އަސް ގާޑިޔާތަކާއި ޓްރަކްތައް ހުރަސްކުރުމުގެ ހުއްދަ ވެސް އެއްބަސްވުމުގެ ދަށުން ދޭނެއެވެ.
މި އެއްބަސްވުމުގައި އިސްރާއީލުގެ ސިފައިން ފިލަޑެލްފީ ކޯރިޑޯގައި މަޑުކޮށް، އިރުމައްޗާއި އުތުރުގެ ބޯޑަރުގައި 800 މީޓަރުގެ ބަފާ ޒޯނެއް ބެހެއްޓުމަށް ކަނޑައަޅާފައިވާއިރު، އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ 42 ދުވަހަށް ދެމިގެންދާނެއެވެ.
އިސްރާއީލުން ވަނީ ފަލަސްތީނުގެ 1،000 ގައިދީން ދޫކޮށްލުމަށް ވެސް އެއްބަސްވެފައެވެ. އޭގެ ބަދަލުގައި ހަމާސްއިން 34 ރަހީނުން ދޫކޮށްލާނެއެވެ.
މި އެއްބަސްވުމުގެ ދެވަނަ މަރުހަލާއާއި ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް ފަށާނީ އެއްބަސްވުމުގެ 16 ވަނަ ދުވަހެވެ.
އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރާއިރު، ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވާން ވިދާޅުވީ، ބައިޑަންގެ ރިޔާސީ ދައުރުގެ އެންމެ ފަހު ހަފުތާ (މި ހަފުތާ) ގައި އެއްބަސްވުން ނިމޭނެ ކަމަށެވެ.
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޯފް ވެސް ދޯހާގައި މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވައެވެ.