ޓެލްއަވީވު (6 ޖަނަވަރީ 2025) : އިސްރާއީލު ސިފައިން ޣައްޒާގައި ކުރަމުން ގެންދަނީ ހަނގުރާމަ ނޫންކަމާއި ހިންގަމުން ގެންދަނީ ނަސްލު ސާފު ކުރުން (އެތުނިކް ކްލީންސިން) އާއި ނައްތާލުމުގެ ޖަރީމާތަކެއް ކަމަށް އިސްރާއީލުގެ ކުރީގެ ދިފާއީ ވަޒީރު ރިޓަޔަޑް ޖެނެރަލް މޯޝޭ ޔުއާލޫން ބުނެފިއެވެ.
އިސްރާއީލުގެ ނޫހެއްކަމަށްވާ "ޔަދިއޮތު އަހްރަނޮތު" އަށް ދިން ބަސްދީ ގަތުމެއްގައި މޯޝޭ ޔުއާލޫން ބުނީ ކުރިން ވެސް އޭނާވާނީ ޣައްޒާގައި އިސްރާއީލު ސިފައިން ހިންގަމުން ގެންދަނީ ފަލަސްތީނު މީހުންގެ ނަސްލު ސާފު ކުރުމާއި އެ މީހުންގެ ނައްތާލުމުގެ ޖަރީމާތަކެއްކަމަށް ބުނެފައި ކަމަށާއި އެ ވާހަކަތައް އަލުން ތަކުރާރުކުރާ ކަމުގައެވެ.
މީގެކުރިން މޯޝޭ ޔުއާލޫން މި މޭރުމުން ވާހަކަ ދެއްކުމުން އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުންވަނީ ޔުއާލޫން ކުށްވެރިކޮށް އޭނާ ދެއްކި އެ ވާހަކަތައް އަނބުރައި ގެންދިޔުމަށް ގޮވާލާފައެވެ.
ނަތަންޔާހޫއަކީ ހަނގުރާމައިގެ ޖަރީމާ އާއި ގަތުލުއާންމު ހިންގުމުގެ ކުށުގައި ބައިނަލްއަގްވާމީ ޖީނާއީ ކޯޓަށް ބޭނުންވެފައިވާ މީހެކެވެ. އޭނާ ހައްޔަރު ކުރުމުގެ އަމުރު ބައިނަލްއަގްވާމީ ކޯޓުންވަނީ ނެރެފައެވެ.
ނަތަންޔާހޫގެ ސަރުކާރުގެ ތަރުޖަމާނަކު ބުނިގޮތުގައި އިސްރާއީލުގެ ރައްޔިތުން އަދި އިސްރާއީލުގެ ކުރީގެ މަސްއޫލުވެރިން މިގޮތަށް ވާހަކަ ދައްކައި ބަޔާންތައް ދިނުމަކީ ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުގައި އިސްރާއީލުގެ މައްޗަށް އުފުލާފައިވާ ނަސްލު ނައްތާލުމާއި ހަނގުރާމައިގެ ޖަރީމާ ހިންގާކަމުގެ ދައުވާތަކަށް ހެކި ލިބޭނެކަމެކެވެ. އެހެންކަމުން އިސްރާއީލުގެ މައްޗަށް އެ ދައުވާ ސާބިތުވާފަދަ ވާހަކަތައް އިސްރާއީލު މީހުން ދައްކައިގެން ނުވާނެކަމުގައެވެ.
ރައްދުގައި މޯޝޭ ޔުއާލޫން ބުނެފައިވަނީ އޭނާގެ ވާހަކަތަކަކީ ހަގީގަތްކަމަށާއި އެ ވާހަކަތައް އަނބުރައި ނުގެންނާނެ ކަމުގައެވެ. އިއްޔެ ވެސް އޭނާވަނީ އިސްރާއީލު ސިފައިން ޣައްޒާގައި ކުރަމުން ގެންދަނީ ހަނގުރާމަ ނޫންކަމާއި ހިންގަމުން ގެންދަނީ ނަސްލު ސާފު ކުރުމާއި ނައްތާލުމުގެ ޖަރީމާތަކެއްކަމަށް ސިފަކޮށް ބަޔާނެއް ދީފައެވެ.
ޔުއާލޫން ބުނިގޮތުގައި ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް އޭނާ ވެސް ގަބޫލުކުރެއެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ކޮންމެ ކަމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ވެސް އޭނާ ގަބޫލުކުރެއެވެ.
ނަމަވެސް ހަމާސް އާ ހަނގުރާމަ ކުރުމުގެ ނަމުގައި ކޮންމެ ދުވަހަކު ޣައްޒާގެ އާންމުންގެ ހަތްދިހަ ނޫނީ އައްޑިހަ ވަރަކަށް މީހުން މަރަން ޖެހޭ ސަބަބެއް ނޯންނާނެކަމަށް ޔުއާލޫން ބުނެފައިވެއެވެ.
އޭނާ ބުނިގޮތުގައި ހަމާސް އިން ރަހީނުކޮށްފައިވާ އިސްރާއީލު މީހުން މިނިވަންކުރަން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގައި ހިމެނޭ ދީނީ ހަރުކަށި މީހުން ބޭނުމެއް ނުވެއެވެ. އެ މީހުން ކުރަމުން ގެންދަނީ އިސްރާއީލުގެ އަގުވެއްޓި ދުނިޔޭގައި އިސްރާއީލު ބަދުނާމުވެ އިސްރާއީލު ކުށްވެރިވެ އެކަހެރިވާ ބާވަތުގެ ނާކާމިޔާބު ކަންކަމެވެ.
އަނެއްކޮޅުން ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ އޭނާގެ ވަރަށް އަރިސް މީހެއްކަމަށްވާ ނަތާން އީޝީލް ވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ވަގުތު މިހާރު ޖެހިއްޖެކަމަށް ބުނެ ހަނގުރާމަ ހުއްޓާލުމަށް ނަތަންޔާހޫއަށް ގޮވާލާފައެވެ.
ނަތާން އީޝީލް ބުނިގޮތުގައި ޣައްޒާގައި އިސްރާއީލު ކިތަންމެ އަހަރެއް ވަންދެން ހަނގުރާމަ ކުރި ނަމަވެސް ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ ރަހީނުން މިނިވަން ނުކުރެވޭނެކަން އޭނާއަށް މިހާރު ކަށަވަރުވެ ޔަގީން ވެއްޖެއެވެ. އެހެންކަމުން ހަމާސް އާއެކު ޑީލްއެއް ހަދައިގެން ހަނގުރާމަ ހުއްޓާލުން ނޫންގޮތެއް މިހާރު އިސްރާއީލަކަށް ނެތެވެ.
މިހާލަތު ދިގުލައިގެންދާނަމަ ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ 100 އެއްހާ ރަހީނުން ސަލާމަތް ނުކުރެވި އެ މީހުން މަރުވެގެންދާނެކަން ޔަގީންކަމަށް އީޝީލް ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނިގޮތުގައި ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަން ކުރުމަށް ކުރި ހަނގުރާމައިގާ މިހާތަނަށް އިސްރާއީލު ސިފައިންގެ 850 އަށް ވުރެގިނަ ސިފައިން މަރުވެ 15 ވަރަކަށް ހާސް މީހުން ވަނީ ޒަޚަމްވެފައެވެ. މިއީ މަދު އަދަދެއް ނޫންކަމަށާ ޑީލްއަކަށް ނުގޮސް ލަސްވާ ކޮންމެ ދުވަހަކީ ހަމާސްގެ އަތްދަށުން އިސްރާއީލު ސިފައިންގެ އިތުރު ބަޔަކު މަރުވާނެ ދުވަހެއްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
ހަމާސްގެ ރައްދު ހަމަލާތަކުގައި ވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިސްރާއީލު ސިފައިންގެ ބަޔަކު މަރުވަމުންދެއެވެ. އިއްޔެ ވެސް އިސްރާއީލު ސިފައިންގެ ހަ މީހަކު ޣައްޒާއާއި ހުޅަނގު އައްސޭރީގައި ވަނީ މަރާލާފައިވެއެވެ.
ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ ރަހީނުން މިނިވަން ކުރުމަށް ހަމާސް އާއެކު ޑީލް ހެދުމަށް ދެކޮޅު ހަދަމުން ގެންދަނީ ނަތަންޔާހޫގެ ސަރުކާރުންނެވެ. ހަމާސްއިންވަނީ އިސްރާއީލު ސިފައިން ޣައްޒާއިން ފައިބާގޮތަށާއި ހަނގުރާމަ ހުއްޓާލުން ހިމެނޭގޮތަށް ޑީލްއެއްގެ ދަށުން އިސްރާއީލުގެ ހުރިހާ ރަހީނުން މިނިވަން ކުރަން ތައްޔާރަށް އޮތްކަން ވަރަށް ކުރީއްސުރެ ހާމަކޮށްފައެވެ.