އިދިކޮޅަށް ނިސްބަތްވާ ޕާޓީތަކުން ރޭ ބޭއްވި ޖަލްސާގައި "އިންޑިއާ އައުޓް" ބެނާ ދެމީ ސަރުކާރުން ފޮނުވި ބަޔަކު އަޑީގައި ތިބެ އެ އިއްތިހާދު ރޫޅާލަން ކަމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީ އިން ތުހުމަތުކޮށްފިއެވެ.
ރޭގެ ޖަލްސާގެ ތެރެއަށް އިންޑިއާ އައުޓް ޓީޝާޓް ލައިގެން ތިބި ބަޔަކު ވަދެ، ވަނީ އިންޑިއާ އައުޓް ބެނާ އެއް ދަމަން މަސައްކަތް ކޮށްފައެވެ. އެކަމާ ގުޅިގެން އިދިކޮޅުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، އެއީ ޖަލްސާގެ މިސްރާބު ބަދަލު ކުރުމަށް ސަރުކާރުން ރާވައިގެން ހިންގި އަމަލެއް ކަމަށެވެ.
އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި އެއީ ސަރުކާރުގެ ބަޔަކު އަޑީގައި ތިބެގެން ފަންޑު ކޮށްގެން ފޮނުވި ބައެކެވެ. އަދި، ޖަލްސާގެ ކުރިން އެފަދަ ކަމެއް ސަރުކާރުގެ ފަރާތުން ރާވަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެފަދަ ކަމެއް ހިނގައިފިނަމަ، ސުލްޙަވެރިކަމާއެކު އެކަން ކުރާ ބަޔަކު ޖަލްސާއިން ނެރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ޖަލްސާ އިންތިޒާމުކުރި ފަރާތުން ތިބީ ތައްޔާރަށް ކަމަށް އިދިކޮޅުގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ވަނީ، އެފަދަ ފިނޑި ނާތަހުޒީބު އަމަލުތައް ހިންގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން "ގެއްލުނު" ސަރަހައްދު އަނބުރާ ހޯދަން އުފެއްދި ގުޅިފައިވާ ބޮޑު އިއްތިހާދު ރޫޅާލުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.
އިންޑީއާ އައުޓް ހަރަކާތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ތިބި ކަމަށް ތުހުމަތުކޮށް، އެ މީހުން ރާއްޖެއިން ފޭބުމަށް ގޮވާލާ، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ފެއްޓެވި ހަރަކާތެކެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީން އެ ހަރަކާތް މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގަމުން ދަނިކޮށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ގަރާރަކުން ވަނީ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ އަމަލެއްގެ ގޮތުގައި ކަނޑައަޅައި އެ ހަރަކާތް ހުއްޓުވާފައެވެ.
ރޭގެ ޖަލްސާގައި އެ އަމަލު ހިންގާފައި ވަނީ ސަރުކާރުން ކަމަށް، އިދިކޮޅު އިއްތިހާދުގައި ހިމެނޭ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވަން މަސައްކަތް ކުރަމުންދާ "ދަ ޑިމޮކްރެޓްސް" އިން ވެސް ވަނީ ތުހުމަތު ކޮށްފައެވެ.