އިދިކޮޅު އިއްތިހާދުން ރޭ ކާނިވަލުގައި ބޭއްވި ޖަލްސާއިން ފެނުނީ ސަރުކާރާ ދެކޮޅު ރޫހެކެވެ. ވެރިކަން ބަދަލުކުރުމުގެ ރޫހެކެވެ. އެންމެން އެއްބަސްވީ، މި ސަރުކާރު ބަދަލު ކުރާށެވެ. އެ ކަމަށް، އެ ޖަލްސާއަށް އެއްވެ ތިބި އެކި ފިކުރުތަކުގެ ތަފާތު ބޭފުޅުން އިއްތިފާގުވިއެވެ.
ކަނޑު ވިއްކާލި ކަމަށް ތުހުމަތުކޮށް، ބޭއްވި ޖަލްސާގައި މުޅިންހެން ވާހަކަދެއްކެވީ އެކި ފިކުރުތަކުގެ ބޭފުޅުންނެވެ. މީގެކުރިން ދުވަހަކު ވެސް އެއް ޕޯޑިއަމަކުން ފެނިފައިނުވާ ބޭފުޅުން ތިއްބެވިއެވެ. ކުރީގެ ހަތުރުން، މިތުރުން ފަދައިން ހިނިތުންވެ، ސަލާންގަލާންކޮށް އެއްބަސްވީ، ވެރިކަން ބަދަލުކުރަން ޖެހޭ ކަމަށެވެ. މުޅި ކާނިވާލުގައި އަޑުހަރުކޮށް ގޮވީ ވެސް، މި ސަރުކާރު ބަލި ކުރަން ޖެހޭ ކަމެވެ. މި ނޫން ކޮންމެ ގޮތެއް ވެސް، އެ ބޭފުޅުންނަށް ވަރިހަމައެވެ. ބޭނުންފުޅީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމުން ބޭލުންކަން، ސާފުކޮށް ވިދާޅުވިއެވެ.
މި ވެރިކަން ގެންނަން ޖާނާއި މާލުން ގުރުބާންވި ބޭފުޅުން ވެސް އެއްވުމުގައި ތިއްބެވިއެވެ. ޖެހިޖެހިގެން ތިއްބެވީ ރައްޓެހީންނާއި ބީރައްޓެހީންނެވެ. މިތުރުންނާއި ހަތުރުންނެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ޖެހިގެން އިންނެވީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް)އެވެ. އޭނާއާ އިންވެގެން އިންނެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި، ދަ ޑިމޮކްރެޓްސްގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ކައިރީގައި އިންނެވީ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފެވެ.
ޕީޕީއެމާއި އެމްއެންޕީއާއި ދަ ޑިމޮކްރެޓްސްގެ އިސްވެރިން ކައިރީގައި ތިއްބެވިއެވެ. އެއީ، ހައްތަހާ ވެސް މި އަހަރުގެ ރިޔާސީ ރޭހަށް ނުކުންނާނެކަން ހާމަކުރައްވާފައިވާ ޕާޓީތަކެވެ. އަމިއްލަ ގޮތުން ނުކުންނަވާނެކަން އިއުލާނު ކުރެއްވި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް ވާހަކަފުޅު ދެއްކެވިއެވެ.
ޖަލްސާ ނިންމީ ވެރިކަން ބަދަލުކުރަން އެއްބަސްވެގެން
ރޭގެ ޖަލްސާގައި އެންމެން އެއްބަސްވީ ދެ ކަމަކަށެވެ. އެއް ކަމަކީ އިމުގެ މައްސަލައިގައި ސަރުކާރު ގޯސްވުމެވެ. ދެވަނަ ކަމަކަށް އެތައް ރިޔާސީ ކެންޑިޑޭޓުންނެއް އެއްބަސްވީ، މި ސަރުކާރު ބަދަލު ކުރާށެވެ.
"މި ސަރުކާރު މިއޮތީ ބޮޑުތަނުން ފެއިލްވެފައި. މި ސަރުކާރު މިއޮތީ ބަދަލުކުރަން ޖެހިފައި. މި ކަމުގައި އަޅުގަނޑުމެން ފަހަތަށް ޖެހިގެން ނުވާނެ،" އެމްއެންޕީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވި ނާޒިމް ރޭގެ ޖަލްސާގައި ހަރުއަޑުން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ސަރުކާރު ބަދަލުކުރަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވަން ވެސް އެ އިއްތިހާދު ތައްޔާރަށް އޮތް ކަމަށެވެ. އެ ކަމުގައި ދިވެހި ރައްޔިތުން ފަހަތަށް ޖެހިގެން ނުވާނެ ކަމަށް ވިދާޅުވެ، އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ނާޒިމަކީ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކު ދުވަހަކު އެއްބައިނުވާނެ ކަމަށް ވިދާޅުވާ ބޭފުޅެކެވެ. އެކަމަކު، ރޭ ދެއްކެވީ މުޅިން އެހެން ރޫހެކެވެ.
އޭނާއަށް ފަހު، ވާހަކަދައްކަވަމުން ވަކިން އިންތިޚާބަށް ނުކުންނަވާ އުމަރު ނަސީރު ވެސް ވިދާޅުވީ މިއީ ގައުމަށް ހިޔާނާތް ވެފައިވާ ސަރުކާރެއް ކަމަށެވެ. އެހެންވެ، މި ވެރިކަން ބަދަލުކުރުން ނޫން އިތުރު އެއްވެސް ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އުމަރުގެ ފަހަތުން ޕޯޑިއަމަށް އަރާވަޑައިގަތީ މި ވެރިކަން ގެންނަން ނުހަނު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެމްޑީޕީ ފެށިގެން ދާދި މިދާކަށް ދުވަހާ ޖެހެންދެން ވަފާތެރިކަމާ އެކު އެ ޕާޓީގައި ހުންނެވި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)އެވެ. އޭނާ ވެސް ނާޒިމާއި އުމަރެކޭ އެއްގޮތަށް ހަރުއަޑުން ވިދާޅުވީ ސަރުކާރުން ގައުމަށް ޚިޔާނާތްތެރި ވެއްޖެ ކަމަށެވެ. މި ސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސެޕްޓެމްބަރު ނުވައެއްގައި މި ވެރިކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަލި ކުރާނަން،" ތަކުރާރުކޮށް ވައްޑޭ ރޭ ވިދާޅުވިއެވެ.
އެންމެ ފަހު ބޭފުޅަކަށް ޕޯޑިއަމަށް އަރާވަޑައިގެން އަދުރޭ ވެސް ތަކުރާރު ކުރެއްވީ އެ ވާހަކަފުޅެވެ. މި ވެރިކަން ބަދަލު ކުރާނެ ކަމަށާއި އެ ކަމަށް އެ ހުރިހާ ބޭފުޅުން އެއްބަސްވެއްޖެ ކަމަށް އޭނާ ހަރުއަޑުން ރޭ އިއުލާނު ކުރެއްވިއެވެ.
"އަޅުގަނޑުމެން އެންމެން ގުޅިގެން މި ސަރުކާރު ބަަދަލުކޮށް، އިރާދަކުރެއްވިއްޔާ ދެން އަންނަ ސަރުކާރެއްގައި މަސްކަނޑުން ގެއްލުނު ބައި އަނބުރާ ހޯދާނަން،" އޭނާ ވިދާޅުވިއެވެ.
އިންތިޚާބަށް އިއްތިހާދެއް؟
އެ ބޭފުޅުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ވަކިވަކިންނެވެ. އެއްބަސްވީ އެހެން ކަމަކަށެވެ. އެއީ، ދެވަނަ ބުރެއްގައި ސަރުކާރާ އެއްބައިނުވާށެވެ. އެހެންވެ، އެއީ ސިޔާސީ ވަރަށް ބޮޑު ވާހަކައެކެވެ.
އާ ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި އެއްވެސް ބޭފުޅަކަށް ދުވަހަކު ވެސް އެއްބުރުން ވެރިކަމަށް ވަޑައެއް ނުގެންނެވެއެވެ. އިއްތިހާދެއް ހައްދަވަން ޖެހެއެވެ. ގިނަ ފަހަރު، އެ އިއްތިހާދު އެކުލަވައިލަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއްގައެވެ. އެއަށް ކިޔާ އުޅެނީ ގައުމީ އިއްތިހާދެވެ. ރޭ ކާނިވަލުގައި ދައްކާލީ އެފަދަ ގައުމީ އިއްތިހާދެއްގެ ކުލަވަރެވެ. ސަރުކާރު ބަދަލު ކުރުމުގެ ރޫހެވެ.
ފުރަތަމަ، 2008ގައި ގައުމީ އިއްތިހާދެއް އެކުލަވައިލީ "އަނިޔާވެރި ދިގު 30 އަހަރުގެ ވެރިކަން" ނިންމާށެވެ. އެ ފަހުން، 2013ގައި ގައުމީ އިއްތިހާދެއް އެކުލަވައިލީ "ލާދީނީ ސަރުކާރެއް" ބަދަލު ކުރާށެވެ. އެންމެ ފަހުން، 2018ގައި ގައުމީ އިއްތިހާދެއް އެކުލަވައިލީ "ވައްކަން" ހުއްޓުވާށެވެ. މި ފަހަރު ގައުމީ އިއްތިހާދެއްގެ ކުލަވަރު އެ ދައްކަނީ "މަސް ކަނޑު ވިއްކާލި" ކަމަށް ބުނެއެވެ.
ފުރަތަމަ ބުރުގައި ވަކިން ވާދަކުރައްވާނެއެވެ. އެކަމަކު، އެއްވެސް ބޭފުޅަކަށް 51% ވޯޓު ހަމަނުވެ، ދެވަނަ ބުރަކަށް ގޮސްފި ހާލަތެއްގައި ރޭ ކާނިވަލުން އެ ފެނުނު އިއްތިހާދުން އެއްބައިވުން ގާތެވެ. ރޭ ފެނުނީ އެ ރޫހެވެ. ދެއްކީ އެ ކަމުގެ ކުލަވަރެވެ. ސަރުކާރަށް ދިނީ ވަރަށް ވަރުގަދަ އިންޒާރުގެ މެސެޖެކެވެ!