މި ސަރުކާރު ބަދަލުކޮށްގެން ނޫނީ މަސްކަނޑުން ގެއްލުނު ސަރަޙައްދު ލިބެން ނެތް: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭގެ އެއްވުމުގައި ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެންމެން ގުޅިގެން މަސައްކަތްކޮށް، ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރު ބަދަލުކޮށްގެން ނޫނީ ރާއްޖޭގެ މަސްކަނޑުން ގެއްލުނު ސަރަޙައްދު އަނބުރާ ލިބެން ނެތްކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެހި ގޮތުން ހިތްހަމަނުޖެހިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީއާއި އެމްއެންޕީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސްއިން އެކުލަވައިލި އިއްތިހާދުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ މަސްކަނޑު ހޯދާނަމަ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ފޯޅަވަހި ހޯދުން ކަމަށެވެ. އޭރުން އެއޮތީ މަސްކަނޑާ އެކު ލިބިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ފޯޅަވެއްސަކީ ގުދުރަތީ ގޮތުން އުފެދުނު އިރުވެސް ދިވެހިންގެ ތަނެއްކަން ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންގެ އެ ހައްގުވެސް ނިގުޅައިގެންފައިވާ ކަމަށެވެ. އެއީ ވެފައިވާ ބޮޑު ޚިޔާނާތެއް ކަމަށާއި އެކަން ހައްލުކޮށް މަސްކަނޑުން ގެއްލުނު ސަރަޙައްދު އަނބުރާ ހޯދުމަށް މި ސަރުކާރުގެ ވެރިކަން ނިމުމަކަށް ގެންނާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ހަމަ ހިލާ ތިހެންނަކުން ނުހެދޭނެ ރައްޔިތުންނަކަށް. މި ވެރިކަން ނިމުމަކަށް ގެންނާނަން. މި ސަރުކާރުން މިއޮތީ ރައްޔިތުންނަށް ވަރަށް ބޮޑަށް ޚިޔާނާތްތެރިވެފައި" ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އަދުރޭ ވިދާޅުވީ އެތަނަށް އެއްވެ ތިބި ރައްޔިތުންނަކީ އަދުލު އިންސާފާއި ހައްގު ހޯދުމަށް އެއްވެ ތިބި ރައްޔިތުން ކަމަށެވެ.

"މި ރެއަކީ އަނދިރިކަމުގެ ތެރެއިން އަލިކަމެއް ފެނިގެން ދިޔަ ރެއެއް. ދިވެހިން ބޭނުންވަނީ އަދުލު އިންސާފު، ދިވެހިން ބޭނުންވަނީ ދިވެހިންގެ ހައްގު، ދިވެހިންގެ މަސްކަނޑު. އަމިއްލަ މަސްލަހަތައް ވުރެ ޤައުމުގެ މަސްލަހަތު އިސްކޮށްގެން މިރޭ ނިކުމެ މިތިބީ" އަދުރޭ ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުން ގަބޫލުކުރާގޮތުގައި، އިމުގެ މައްސަލައިގައި ރާއްޖެއަށް ކަނޑުގެ ސަރަހައްދެއް ގެއްލުމުގައި އޮތީ ސަރުކާރުގެ އިހުމާލެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ. އިދިކޮޅު އިއްތިހާދުން ވަކާލާތު ކުރަމުން އަންނަނީ މުޅި ސަރަޙައްދު އެއްކޮށް ލިބެން ޖެހޭނީ ރާއްޖެއަށް ކަމަށެވެ.

comment ކޮމެންޓް