ނައީމާގެ މަރު: ދުރާލާ ރާވައިގެން ހިންގި ޖަރީމާއެއް

ނައީމާ ދިރިއުޅޭ ގެ: އޭނާގެ މަރުގެ ހަގީގަތް އަދިވެސް ނޭނގޭ-- ސަން ފޮޓޯ: އަޙްމަދު ސާއިލް އަލީ

ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާ މަރާލީ، ދުރާލާ ރާވައިގެން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ނައީމާ މޫސާ އޭނާ ދިރިއުޅެމުން ދިޔަ ގޭގައި މަރާލާފައި އޮއްވާ މިދިޔަ އޭޕްރިލް މަހުގެ 7 ވަނަ ދުވަހު ފެނުނީ، އޭނާގެ ހަބަރެއް ނުވެގެން ގޮސް އެ ގޭ ދޮރު ވައްޓާލައިގެން އެތެރެއަށް ވަދެގެންނެވެ. ނައީމާ ފެނުނުއިރު އޭނާގެ ހަށިގަނޑުގެ އެތަން މިތަނުގައި ވަޅިން ހަމަލާދިނުމުން ފުން ޒަޚަމްތަކެއް ފެންނަން ހުއްޓެވެ.

މި މަރާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ މަނަދުއަށް ނިސްބަތްވާ 23 އަހަރުގެ ޒުވާނަކާއި 21 އަހަރުގެ ދެ ޒުވާނުންނެވެ.

މި މީހުންގެ ތެރެއިން ފުރަތަމަ ހައްޔަރުކުރި މީހާ ހައްޔަރުކުރުމާ ހަމައަށް މި މަރާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް ނުލިބެއެވެ. ނަމަވެސް އޭނާ އެ ކުށަށް އިއުތިރާފުވުމާ އެކީ ފުލުހުންގެ ތަހުގީގުގެ ދުވެލި ބާރުވެ، މި މައްސަލައިގައި ކަންހިނގި ގޮތުގެ މައުލޫމާތުތައް އަންނަނީ ތިލަވަމުންނެވެ.

https://sun.mv/178047

އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ކުށަށް އިއުތިރާފުވީ މީހާ ވަނީ ފުލުހުންނަށް އެ ހާދިސާގެ ގިނަ މައުލޫމާތުތަކެއް ކިޔައިދީފައެވެ. އޭގެ ތެރޭގައި، އެ މީހުން އެ ދުވަހު ޕީޕީއީ ލައިގެން ތިބި ކަމާއި، ލައިގެން ތިބި އަންނައުނާއި ހަތިޔާރު ފޮރުވި ތަނުގެ އިތުރުން އެ ދުވަހު މި މީހުން ކާރެއްގައި އުޅުނު ކަން ހިމެނެއެވެ.

ފުލުހުން ވަނީ އޭނާ ދިން މައުލޫމާތުގެ އަލީގައި އަންނައުނާއި ހަތިޔާރު އަންދާލައި، ވަޅުލާފައި ހުރި ތަނުން މުހިންމު ހެކިތަކެއް ހޯދާފައެވެ. އަދި އެ ދުވަހު މި މީހުން ގެންގުޅުނު ކާރު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެންމެ ފަހުން މާލޭން ހައްޔަރުކުރި 21 އަހަރުގެ ޒުވާނާއަކީ މި ކާރުގެ ވެރިފަރާތެވެ.

ނައީމާ މަރާލިކަމަށް އިއުތިރާފުވެފައިވާ މިހާ ފުލުހުންނަށް ކިޔައިދީފައިވާ ގޮތުގައި ވަޅި ޖެހީ އޭނާއެވެ. ދެން ހުރި މީހާ ފާރައަށް ހުރި އިރު، ތިންވަނަ މީހާ ހުރީ ކާރު ތެރޭގައި މަޑުކޮށްލައިގެންނެވެ.

https://sun.mv/178023

މި މަރާ ގުޅޭގޮތުން، ތިން މީހުން ހައްޔަރުކުރުމުގެ އިތުރަށް، ފުލުހުން މާ ގިނަ މައުލޫމާތުތަކެއް ހާމައެއް ނުކުރެއެވެ. އެކަމަކު މިހާރު ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް