ހަވާލުވާން ދިޔަ ފޮށިގަނޑަކުން މަސްތުވާތަކެތި ފެނިގެން މެދު އުމުރުގެ ދިވެއްސަކު ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓު: ހަވާލުވާން ދިޔަ ފޮށިގަނޑަކުން 800 ގުރާމަށްވުރެ ގިނަ މަސްތުވާތަކެތި ފެނުމުން މެދު އުމުރުގެ ފިިރިހެނަކު ހައްޔަރުކޮށްފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަވާލުވާން ދިޔަ ފޮށިގަނޑަކުން 800 ގުރާމަށްވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލައިގައި މެދު އުމުރުގެ ދިވެހި ފިިރިހެނަކު 20 ދުވަހަށް ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި އެއީ އުމުރުން 52 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކްކުރުމުގެ ތުހުމަތެވެ.

އަމުރުގައި ބުނެފައިވާ ގޮތުގައި އެ ފިރިހެން މީހާ ބަލައިދިޔަ ފޮށިގަނޑުން 800 ގުރާމަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި އެ ފޮށިގަނޑުގައި ގާނޫނާ ޚިލާފު އެއްޗެއް ހުރިކަން އޭނާއަށް އެނގޭކަމަށް ބާރުދޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށް އަމުރުގައިވެއެވެ. އެގޮތުން ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ މެސެޖުތަކެއްގެ ސްކްރީންޝޮޓްތަކެކެވެ.

މީގެ އިތުރުން ވެސް ތަހުގީގު ބަޔާންތަކާއި، އިތުރު ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.

އެއާއެކު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 20 ދުވަހުގެ ބަންދުގެ މުއްދަތެއް އިއްޔެ ޖަހައިފައެވެ. އަދި އޭނާ ބަންދުގައި ބަހައްޓަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ފެންނާތީ ކަމަށް ކޯޓު އަމުރުގައިވެއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އެ މައްސަލައިގެ ތަހުގީގުގެ މުއްދަތު އިތުރުކޮށްފައެވެ.

comment ކޮމެންޓް