ކުޅުދުއްފުށީ ކަސްޓޯޑިއަލްގައި އަމިއްލައަށް މަރުވާން އުޅުނު މީހަކަށް ފަރުވާދެނީ

ކުޅުދުއްފުށި ހޮސްޕިޓަލް ----

ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން އޭނާއަށް ހދ. ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދޭން މިރޭ ފަށައިފިއެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، ކުޅުދުށްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ހުރި މީހަކު މިރޭ 21:12 ހާއިރު އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށެވެ.

އެހެންވެ، އޭނާއަށް ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާއަކީ މަސްތުގެ ހާލަތުގައި ހުރެ ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ، މި ހާދިސާއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި ހާދިސާއާ ގުޅޭ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ދީފައިވާ ކަމަށެވެ.

ހާދިސާގެ ތަހުގީގަށް މޭޖާ ކްރައިމް، އިންވެސްޓިގޭޝަން ޓީމެއް އެ ރަށަށް ފޮނުވުމަށް ފުލުހުން ވަނީ ނިންމާފައެވެ. އަދި، ހާދިސާ ހިނގާފައިވާ ގޮތުގެ މައްޗަށް، އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ކޮމާންޑުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދަމުން އަންނަކަމަށް ވެސް އެ ޚިދުމަތުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން ވެސް ކުޅުދުއްފުށީ ޖަލުގައި ދަން ޖެހިގެން މީހަކު ވަނީ މަރުވެފައެވެ.

އަދި މީގެ އިތުރުން ފުލުހުން ބަލަހައްޓާ ކަސްޓޯޑިއަލް ޖަލެއްކަމަށްވާ ދޫނިދޫ ޖަލުގައި ވެސް މީހަކު ދަންޖެހިގެން މަރުވި މައްސަލަ މިދިޔަ އަހަރު ވަނީ ފެންމަތިވެފައެވެ.

comment ކޮމެންޓް