ނައީމާގެ މަރުގެ މައްސަލައިގައި ތިންވަނަ މީހަކު ހައްޔަރުކޮށްފި

ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ-- ފޮޓޯ/ ކިޔުންތެރިއެއް

ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި އިތުރު މީހަކު މިރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 21 އަހަރުގެ ޒުވާނެކެވެ.

އިތުބާރުހުރި މަސްދަރަކުން "ސަން"އަށް އެނގިފައިވާ ގޮތުގައި މިރޭ ހައްޔަރުކުރި މީހަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑު ވެސް އޮންނަ މީހެކެވެ.

މާލެއިން ހައްޔަރުކުރި މަނަދުއަށް ނިސްބަތްވާ މި ޒުވާނާ ދިރިއުޅެނީ މާލޭގައެވެ. އަދި ނައީމާގެ ގާތިލުން ދުއްވި ކާރު ނިސްބަތް ވަނީ ވެސް މި ޒުވާނާއަށެވެ.

ނައީމާގެ މަރުގެ މައްސަލައިގައި މީގެ ކުރިން ވަނީ މަނަދުއަށް ނިސްބަތްވާ އެހެން ދެ ޒުވާނަކު ހައްޔަރު ކޮށްފައެވެ. އަދި މަރައިލަން ބޭނުންކުރި ދެ ހަތިޔާރާއި ގާތިލުން ލައިގެން ތިބި އަންނައުނު ވެސް ފުލުހުން ވަނީ ހޯދައިފައެވެ.

https://sun.mv/177959

މިއީ ވެސް މަސްތުވާތަކެއްޗާއި ގުޅުން އޮންނަ ކަމަށް އެ ރަށު މީހުން ތުހުމަތު ކުރާ ދެ މީހުންނެވެ. އޭގެ ތެރެއިން އެކަކު ހައްޔަރުކުރީ ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައެވެ.

އެ ދެ މީހުންގެ ތެރެއިން އެ ރަށު ފެހިވިލާގެ، އަހްޒަމް އަބްދުއްޝަކޫރު، 23 ވަނީ ތަހުގީގުގައި އިއުތިރާފުވެފައެވެ. އޭނާއަކީ ކުރިން މާލޭގައި ދިރިއުޅުނު މީހެކެވެ. މާލޭގައި އުޅުނުއިރު އޭނާ އަކީ ގޭންގެއްގައި އުޅެފައިވާ މީހެއްކަން ވެސް "ސަން"އަށް ވަނީ އެނގިފައެވެ.

comment ކޮމެންޓް