ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން ވަޒީފާއިން ވަކިކޮށްފައި ވަނީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުކުރަން އެނގޭ، ގާބިލް މީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެންވަޔަރަމަންޓް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަޙްމަދު ހަމްދާނާއި، ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އައިޝަތު އަލައިކާ އަދުނާން އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އަންސާރު މަގާމުން ވަކި ކޮށްފައިވާ ކަމަށެވެ.
އެ ތިން ބޭފުޅުންނަކީ ވެސް އެމްޑީޕީގެ ސަރުކާރު ވެރިކަމަށް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޒުވާނުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ އެ ޕާޓީގެ މެނިފެސްޓޯ ތަންފީޒު ކުރަން އެނގިވަޑައިގަންނަވާ، ގާބިލް ބައެއް ކަމަށާއި އެ ބޭފުޅުން މަގާމުން ވަކި ކުރުމަކީ ދިވެހިންނަށް ދެވޭ ގެއްލުމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ސިޔާސީ މަގާމުތަކުގައި ތިބި ބައެއް މީހުން ވަޒީފާއިން ވަކިކުރުމާ ގުޅިގެން "ސަން"އާ ވަހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ސިޔާސީ މަގާމެއްގައި ހުރި މީހަކު އެމްޑީޕީން ވަކިވުމާއެކު އެ ޕާޓީން ސަރުކާރަށް އެކަން އަންގާ ކަމަށެވެ.
"އެމްޑީޕީން އެކަން ސަރުކާރަށް އެންގީމަ ވަގުތުން ސަރުކާރުން އެފަދަ މީހަކު ވަޒީފާއިން ވަކިކުރާނެ،" މިއުވާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ޖާގައެއްގައި ސަރުކާރުގެ ވަޒީފާގައި ހުންނަ މީހަކު އެ ޕާޓީން ވަކިވުމުން އެ ވަޒީފާގައި އިތުރަށް ބެހެއްޓުމުގެ ބޭނުމެއް ވެސް ނެތްކަމަށެވެ.
މީގެ ކުރިން ވެސް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުނުކުރާކަން ހާމަކުރުމާއެކު މަގާމުން ވަކިކޮށްފައެވެ. އޭގެ ތެރޭގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު (ޝިއްޕެ) ހިމެނެއެވެ. އެއަށްފަހު އެ މަގާމަށް އައްޔަން ކުރީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ)އެވެ.