އެމްޑީޕީގެ 12 މެމްބަރަކު ޕާޓީއިން ވަކިވިކަން އީސީއިން މަޖިލީހަށް އަންގައިފި

އެމްޑީޕީން ވަކިވި 12 މެމްބަރުން --

ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ކުރާ މައިޕާޓީ، އެމްޑީޕީ ތަމްސީލުކުރައްވާ، 12 މެމްބަރަކު އެ ޕާޓީ އިން ވަކިވިކަމަށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގައިފިއެވެ.

އެހެން ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ޕާޓީއިން ވަކިވިކަމަށް 12 މެމްބަރުން ލިޔުމުން މަޖިލީހަށް އަންގަންޖެހޭނެ ކަމަށެވެ. މަޖިލީހުގައި އޮންނަ ޕާޓީ ދަފްތަރަށް ބަދަލު ގެންނާނީ އެގޮތަށް ލިޔުއްވުމުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"ފިކުރެއްގެ ދިރުން" ފެކްޝަނުން ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފިޔަވާ ބާކީ ތިބި 12 މެމްބަރުން އިއްޔެ ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެމްޑީޕީން ވަކިވި ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މެންބަރުން:

  • މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
  • އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު
  • މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)
  • ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު
  • ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު
  • ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް
  • ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
  • މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)
  • މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން
  • ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ)
  • މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (ބޯދިގު)
  • ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު

އެ މެމްބަރުން އެ ޕާޓީން ވަކިވެފައިވަނީ ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި ބައިވެރިވެވަޑައިގަންނަވަމުންދާތީ އެބޭފުޅުންގެ މައްސަލަ އެމްޑީޕީން ބަލަމުންދާ ދަނޑިވަޅެއްގައެވެ.

އެ މައްސަލައިގައި އަންގާރަ ދުވަހު އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް ޕާޓީން ވަކިކޮށްފައެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެމްޑީޕީން އިސްތިއުފާ ދެއްވާފައިވާތީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް ސޮއި ހަމަ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

comment ކޮމެންޓް