ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ޕާޓީން ވަކިކޮށް، ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވަނީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒަށް ނާންގާ ކަމަށް އޭނާ ތުހުމަތު ކުރައްވައިފިއެވެ.
ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބަހަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުން ކަމުނުގޮސްގެން އިދިކޮޅު ޕީޕީއެމާއި އެމްއެންޕީއާ ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވައި މެންބަރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެ މަަސައްކަތުގައި އިސްކޮށް އުޅުއްވާތީ އާޒިމްގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އިއްޔެ ވަނީ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހަޅައިފައެވެ.
ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ވަނީ އާޒިމް ޕާޓީގެ މެންބަރު ކަމުން ވަކި ކުރުމަށާއި އަލުން ޕާޓީއަށް ވަދެވޭނީ އަހަރު ދުވަސް ފަހުން، 100 މެންބަރުންގެ ފޯމާ އެކު ކަމަށް ކަނޑައަޅައިފައެވެ. އަދި، އާޒިމަށް ފަސް އަހަރު ވަންދެން ޕާޓީގެ އެތެރޭގެ އެއްވެސް މަގާމަކަށް ކުރިމަތިނުލެވޭނެ ކަމަށާއި ޕާޓީގެ އެއްވެސް ޕްރައިމަރީއެއްގައި ބައިވެރިނުވެވޭނެ ކަމަށް އެ ކޮމިޓީން ކަނޑައަޅާފައިވެއެވެ.
އެ ނިންމުމާ ގުޅިގެން ނުރުހުން ފާޅުކުރައްވާ "ސަން"އާ ވާހަކަދައްކަވަމުން ޝިފާޒު ވިދާޅުވީ އެ ފިޔަވަޅު އަޅާފައިވަނީ ޕާޓީގައި އޮންނަ އުސޫލުގެ ތެރެއިން ނޫން ކަމަށެވެ. އަދި، އެ ނިންމުން ނިންމާފައިވަނީ އޭނާއަށް ނާންގައި ބޭއްވި ކޮމިޓީއަކުން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.
"ފުރަތަމަ ކަމަކަށް އަޅުގަނޑު ބާއްވަން ޖެހޭ ކޮމިޓީއެއް، އަޅުގަނޑަށް ނާންގާ ބޭއްވުމަކީ ގޯހެއް ކަމަށް އަޅުގަނޑު ދެކޭނީ،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު -- ސަން ފޮޓޯ
ޝިފާޒު ވިދާޅުވީ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުންތަކަކީ ޕާޓީގެ ސެކެޓްރިއޭޓުން އަންގައިގެން ބާއްވަން ޖެހޭ ބައްދަލުވުންތަކެއް ނޫން ކަމަށާއި އެ ބައްދަލުވުންތައް ކުރިއަށް ގެންދާނީ ކޮމިޓީގެ މުގައްރިރު ކަމަށެވެ. އަދި، މި ވީހާތަނަށް އަމަލު ކުރަމުން އައީ ވެސް އެހެން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ، އެއީ ރަނގަޅަށް ކޮށްފައި އޮތް ކަމެއް ކަމަކަށް އަޅުގަނޑެއް ނުދެކޭނަން ހަމަ ގައިމު ވެސް،" އޭނާ ވިދާޅުވިއެވެ.
އެކަމަކު، އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު ވަނީ އެކަން ދޮގު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ޕާޓީގެ ކޮމިޓީތަކަށް ހާއްސަ ވަޓްސްއެޕް ގުރޫޕުތަކެއް ހުންނަ ކަމަށެވެ. އަދި، އެ ކޮމިޓީތަކަށް އަންނަ މައްސަލަތައް އެ ގުރޫޕަށް ފޮނުވާ އެޖެންޑާ ކުރެވޭ ބައްދަލުވުންތައް ވެސް އެ ގުރޫޕުގައި ހިއްސާ ކުރަމުން ގެންދާ ކަމަށެވެ. އެހެންވެ، އެ ބައްދަލުވުން ކުރިއަށް ގެންދިއަކަން މުގައްރިރަށް ވެސް އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ މުގައްރިރަށް އެކަން ނޭންގޭނެ ކަމަށް ދައްކާ ވާހަކައެއް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބުރާހިމް ވަހީދު (އިބުރޭ): ސަން ފޮޓޯ/ މުހައްމަދު ޝާތިއު
އެމްޑީޕީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކަންކަން އިންތިޒާމުކޮށް ބަލަހައްޓާ މުގައްރިރަކީ އެ ޕާޓީގެ ނައިބު ރައީސެވެ. އަދި، ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް އެޖެންޑާކޮށް، ކޮމިޓީގެ ބައްދަލުވުންތައް ބާއްވާނީ ވެސް މުގައްރިރެވެ.
އާޒިމަށް ފިޔަވަޅު އެޅުމާ އެކު އެމްޑީޕީގެ ތެރޭގައި އުފެދިފައި އޮތް ދެ ފެކްޝަނުން އަންނަނީ އަނެއްކާ ވެސް އަރައިރުންވަމުންނެވެ.
ސަރުކާރާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވައި މެންބަރުން ގެންދަވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.