ކޮންމެ ފަސް އަހަރަކުން އެއްފަހަރު ސިއްރު ވޯޓަކުން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުކުރުމުގެ ފުރުސަތު ދިވެހިންނަށް އޮތް ނަމަވެސް، ޖުމްހޫރީ ނިޒާމެއްގެ ހަގީގީ ފައިދާ ރައްޔިތުންނަށް ލިބޭތޯ މިއީ އުފެދޭ ސުވާލެކެވެ. ދިވެހިރާއްޖޭގައި 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ގާނޫނުއަސާސީގައި ޖުމްހޫރީ ވެރިކަމެއްގެ ހުރިހާ އަސާސީ ސިފަތަކެއް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ނިޒާމު އަމަލީ ގޮތުން ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް އެޑިޓަރުންގެ ވަށްމޭޒުގެ މި ހަފުތާގެ ޕްރޮގްރާމުގައި އެޑިޓަރުން ފާހަގަކުރިއެވެ.
ކޮންމެ އަހަރެއްގެ ނޮވެންބަރު 11 ވަނަ ދުވަހު ޖުމްހޫރީ ދުވަސް ފާހަގަކުރަނީ ޒަމާންވީ ރަސްކަން އުވާލައި، ދެވަނަ ޖުމްހޫރިއްޔާ އިއުލާނުކުރި ތާރީހީ ދުވަހުގެ ގޮތުގައެވެ. ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ 1 ޖެނުއަރީ 1953 ގައި މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި ގާއިމުކުރެވުނު ނަމަވެސް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ވެރިކަން ނިމި އަލުން ރަސްކަމަކަށް ބަދަލުވިއެވެ. އޭގެ ފަހުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތަކަށް ބަދަލުވީ 11 ނޮވެންބަރު 1968 ގައެވެ. މިފަދަ ވެރިކަމެއްގެ މައިގަނޑު ބޭނުމަކީ ވެރިކަމުގެ ބާރުތައް ރައްޔިތުންގެ ކިބައިގައި ބޭއްވުމާއި، ވޯޓުން ވެރިން ހޮވުމާއި، ގާނޫނުގެ ވެރިކަން ހިންގުމުގެ އިތުރުން ދައުލަތުގެ ތިން ބާރު ވަކިކޮށް އަސާސީ ހައްގުތައް ހިމާޔަތްކުރުމެވެ.
ގާނޫނީ އޮނިގަނޑުގެ ތެރެއިން ތިން ބާރު ވަކިކޮށް، އިލެކްޝަންސް ކޮމިޝަނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ފަދަ މުސްތަގިއްލު މުއައްސަސާތައް ވަނީ އުފައްދާފައެވެ. ނަމަވެސް ދިވެހިރާއްޖޭގައި އޮންނަނީ ތިން ބާރު ވަކިކޮށްފައިވާ ނިޒާމެއް ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވީ ނަމަވެސް، މިހާތަނަށް ހުރިހާ ވެރިކަންތަކެއްހެން ހިންގާފައިވަނީ އަދި ހިންގަމުން އަންނަނީ ބާރުތައް އެއްކޮށްގެން ކަމަށް އެޑިޓަރުން ފާހަގަކުރެއެވެ.
އެޑިޓަރުން ފާހަގަކުރި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރުތަކަށް ލިބުމުން ބާރުތައް އެއްކުރުމުގެ ކަންކަން ހައްދުން ނައްޓައެވެ. މީގެ އިތުރުން އެޑިޓަރުން ދެކޭ ގޮތުގައި، ޝަރުއީ ދާއިރާއަށާއި މިނިވަން މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވުމާއި، މަޖިލީހުގެ މެޖޯރިޓީ އޮންނަ ގޮތަކުން ސަރުކާރު ފުރިހަމައަށް ޖަވާބުދާރީ ނުކުރެވުމާއި، ކޮރަޕްޝަނާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށްވެސް ހުރަސްތަކެއް އެބަހުއްޓެވެ.
މި ކަންކަން ހައްލުކޮށް ފުރިހަމަ ޖުމްހޫރީ ވެރިކަމެއް ހިންގުމަށްޓަކައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ސިޔާސީ ނުފޫޒުން އެއްކިބާކޮށް ޝަރުއީ ދާއިރާ މިނިވަންކުރުމަށާއި، ޕާޓީގެ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސްކޮށްގެން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ހަރުދަނާކުރަން ޖެހޭ ކަމަށް އެޑިޓަރުން ބުނެއެވެ. މީގެ އިތުރުން އޭސީސީ، އިލެކްޝަންސް ކޮމިޝަން، އެޗްއާރުސީއެމް އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ނަޒާހަތްތެރި ބޭފުޅުން އައްޔަންކޮށް ބަޖެޓާއި ބާރުވެރިކަން ދިނުމާއި، ދައުލަތުގެ އެއްބަސްވުންތަކާއި ހަރަދުތައް ހާމަކޮށް ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުން މުހިންމެވެ. ހަމައެއާއެކު ކައުންސިލްތަކަށް މާލީ އަދި އިދާރީ ބާރުވެރިކަން ދީގެން ލާމަރުކަޒީ ނިޒާމު ތަންފީޒުކުރުމާއި، ކެމްޕޭން ފައިނޭންސް ދެފުށް ފެންނަ ގޮތަށް އިސްލާހުކުރުމާއި، ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާކުރުމުގެ އިތުރުން މިނިވަން ނޫސްވެރިކަމާއި މަދަނީ ޖަމިއްޔާތަކުގެ ދައުރު ފުޅާކުރަން ޖެހޭ ކަމަށްވެސް އެޑިޓަރުން ފާހަގަކުރެއެވެ.