އާޒިމް ވަކިކުރީ އެއް އަހަރަށް، ދެން ޕާޓީއަށް ވަދެވޭނީ އާ 100 މެންބަރުންގެ ފޯމާއެކު

މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު އަލީ އާޒިމް: އޭނާ ގެންދަވަނީ އިދިކޮޅު އިއްތިހާދާ ގުޅިގެން ސަރުކާރާ ދެކޮޅަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީގެ މެންބަރުކަމުން ވަކިކޮށް، އޭނާއަށް ދެން ޕާޓީއަށް ވަދެވޭނީ އެއް އަހަރު ފަހުން ކަމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމައިފިއެވެ.

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބަހަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުން ކަމުނުގޮސްގެން އިދިކޮޅު ޕީޕީއެމާއި އެމްއެންޕީއާ ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވައި މެންބަރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެ މަަސައްކަތުގައި އިސްކޮށް އުޅުއްވާ އެއް ބޭފުޅަކީ އަލީ އާޒިމެވެ.

އެހެންވެ، އޭނާގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އިއްޔެ ވަނީ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހަޅާފައެވެ. އެ މައްސަލަ އެ ކޮމިޓީން ބަލައި ނިންމި ގޮތް މިއަދު ވަނީ ހާމަކޮށްފައެވެ.

އެ ނިންމުމުގައި ވަނީ އާޒިމް ޕާޓީގެ މެންބަރު ކަމުން އެއް އަހަރަށް ވަކިކުރުމަށާއި އޭނާގެ މެންބަރުކަން ދެން ގަބޫލުކުރާނީ އޭނާ މެންބަރަކަށް ވާން އެދޭ ފޯމާއެކު މުޅިން އަލަށް އެ ޕާޓީއަށް ވަނުމަށް އެދޭ 100 މީހުންގެ ފޯމު ހުށަހެޅުމުން ކަމަށެވެ.

ހަމައެއާއެކު، އާޒިމަށް ފަސް އަހަރު ވަންދެން ޕާޓީގެ އެތެރޭގެ އެއްވެސް މަގާމަކަށް ކުރިމަތިނުލެވޭނެ ކަމަށާއި ޕާޓީގެ އެއްވެސް ޕްރައިމަރީއެއްގައި ބައިވެރިނުވެވޭނެ ކަމަށް އެ ކޮމިޓީން ކަނޑައަޅާފައިވެއެވެ.

އެ ނިންމުމުގައި ސޮއި ކުރައްވާފައި ވަނީ، ކޮމިޓީގެ ނައިބު މުގައްރިރު އަކްރަމް ކަމާލުއްދީނާއި މެންބަރު ސާމިއު އަންވަރާއި މެންބަރު އަހުމަދު މަޖުދީއެވެ.

އެ ކޮމިޓީން މިއަދު ނެރުނު ރިޕޯޓުގައިވާގޮތުން ކޮމިޓީން ބެލި މައްސަލަތަކަކީ، އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އާޒިމް ސޮއި ކުރެއްވި މައްސަލައާއި އެމްޑީޕީއާ ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ދެ ބައްދަލުވުމެއްގައި އޭނާ ބައިވެރިވެވަޑައިގަތް މައްސަލައެވެ.

އެ މައްސަލަތައް ބެލުމުގައި:

  • ރިފްއަތުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ އެއްވެސް ގުނަނަކުން ނިންމާފައި ނުވަނީސް އޭނާގެ އިތުބާރު ނެތް ކަމަށް އާޒިމް ތާއީދު ކުރެއްވުމަކީ ޕާޓީގެ ސިޔާސަތުތަކާ ދެކޮޅު ކަމެއް ކަމަށް ކޮމިޓީގެ މެންބަރުން އިއްތިފާގުވެފައިވޭ
  • އިދިކޮޅުގެ ދެ ޕްރެސް ކޮންފަރެންސްގައި ވެސް އެމްޑީޕީއާއި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފާޑުކިޔާފައިވާ އިރު، އެއީ ޕާޓީގެ މަސްލަހަތަށް ގެއްލުން ވެދާނެ ކަމެއް ކަމަށް ނިންމާފައިވޭ. އެ ބާވަތުގެ ހަރަކާތެއްގައި ބައިވެރިވުމަކީ އަސާސީ ގަވާއިދާ ޚިލާފު ކަމެއް ކަމަށާއި އެގޮތަށް އަމަލުކުރާ މެންބަރަކު ޕާޓީން ވަކިކުރެވިދާނެކަން ވެސް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރި.
  • މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމާ މެދު ފިޔަވަޅު ނާޅައިފި ނަމަ އެ ކަންކަން ތަކުރާރު ކުރަން ހިތްވަރު ލިބި، އެހެން މެންބަރުންގެ ފުށުން ވެސް މި އެބާވަތުގެ ކަންކަން ފެނުން ގާތް ކަމަށް ބުނެފައިވޭ.

ކުރިން އެމްޑީޕީގެ ޕީޖީ ލީޑަރުކަން ވެސް ކުރެއްވި އާޒިމް، އެ ޕާޓީގެ ޕީޖީއިން ނެރުނު ވިޕްލައިނަކާ ޚިލާފުވުމުން މިދިޔަ އަހަރު އޭނާއަށް ނަސޭހަތްދީފައިވެއެވެ. އެއީ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ރައްޔިތުން މަޖިލީހުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 16ގައި ނެގި ވޯޓުގައި ބިލާ ދެކޮޅަށް ވޯޓު ދެއްވުމުންނެވެ.

ރިފްއަތުގެ އިތުބާރު ނެތް ކަމަށް ބުނެ މަޖިލީހަށް މައްސަލަ ހުށަހަޅާފައި ވަނީ އިމުގެ މައްސަލައިގައި އޭނާ އަމަލު ކުރެއްވީ ދިވެހިންގެ މަސްލަހަތާ ޚިލާފަށް ކަމަށް ބުނެއެވެ. މަޖިލީހުން އިއްޔެ ވަނީ އެ މައްސަލަ ކުރިއަށްގެންދާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް