ރަސްމާލޭގައި ހިންގާ އީގަލް ހިލްސް މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުދާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، އެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރެފަރެންޑަމަކަށް ދާނެތޯ ސުވާލުކޮށްފައެވެެ. އެ ސުވާލު ކޮށްފައި އެވަނީ އެކަމަށް ގޮވާލައި އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފައި ވަނިކޮށެވެ.
ޖަވާބުގައި އެ މަނިކުފާނު ވިދާޅުވީ، މި މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ފެންނަ ވޯޓަކަށް ނުދާނެ ކަމަށެވެ.
"މި ކަމަކީ އަޅުގަނޑުމެން ރިފަރެންޑަމެއް ހިންގާނެ ކަމެއް ނޫން، މި ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި މިހިރީ ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލާއި އަޅުގަނޑުމެންގެ ގާނޫނުތަކާއި މި ހުރިހާ ކަމަކަށް ރިއާޔަތްކުރެވިފައި މި އޮތީ ގާނޫނުގައި ސީދާ" ރައީސް އިތުރަށް ތަފުސީލުކޮށްދެއްވިއެވެ.
ރައީސް މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސްއެ މަނިކުފާނު ވިދާޅުވީ، ގަވައިދެއްގައި މި މަޝްރޫއާ ގުޅޭ ކަންކަން ބަޔާންކުރަން ފަސޭހަވި ނަމަވެސް އެހެން ނުހައްދަވާ ބަޔާންކުރެއްވީ ރިއަލް އެސްޓޭޓް ގާނޫނުގައި ކަމަށެވެ. މިގޮތުން، އަންނަ އޮތް ޖީލުތަކަށް ވެސް ރައްޔިތުންގެ ހައްގުތައް އެއްވެސް ކަންބޮޑުވުމެއް ނެތި ހިމާޔަތްކުރެވިފައިވާކަން މި ގާނޫނުގެ އަށްވަނަ ބާބުން ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އެފަދައިން ވިދާޅުވިއިރު، ރަސްމާލޭން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އުޅޭ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރަށް ގޮވާލުމަށް، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ވަނީ ފާސްކޮށްފައެވެ.
މި ގޮތަށް ފާސްކުރީ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއަށް ހުށަހެޅި ޚާއްސަ ގަރާރަކުންނެވެ.
ސަރުކާރުން އެ ގަރާރުގައިވާ ކަންކަމަށް އިޖާބަ ނުދީފި ނަމަ އެހެން ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާ ގުޅިގެން ސީދާ ހަރަކާތަށް ނުކުތުމަށް ވެސް ވަނީ ބާރުއަޅައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި މި ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރަސްމާލެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަ ކުރައްވައިފައެވެ. ނަމަވެސް ގައުމީ މަޖިލީހުގެ މެޖޯރިޓީން ފާސްކުރީ ނަޝީދުގެ ވިސްނުމާ ދެކޮޅަށެވެ.