ރަހުމްކުޑަ ގޮތަކަށް މަރާލުމަށްފަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފޮއްޓަކަށްލައި އެއްލާލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ނ. ލަންދޫ، ބަގީޗާގެ، އިބްރާހީމް ޒިހާންއާ ދެކޮޅަށް 79 ހެއްކެއް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން ދެ މީހެއްގެ ހެކިބަސް މިއަދު ނަގައިފިއެވެ.
ރަހީނުކޮށް މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލާފައި އޮއްވައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޫދުން 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނުނީ 21 ޖޫން 2021 ގައެވެ.
އެ މައްސަލައާ ގުޅިގެން ޒިހާނުގެ މައްޗަށް ވަނީ 13 ދައުވާއެއް އުފުލާފައެވެ. އެއީ:
- ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
- ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ފަސް ދައުވާ
- ޖިނާއީ ކުށެއްކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ތިން ދައުވާ
- ކުުޑަކުއްޖަކަށް މަސްތުވާ އެއްޗެއް ދީގެން އެ ކުއްޖާއާއެކު ޖިންސީ ގުޅުން ހިންގުމުގެ ދައުވާ
- ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި ކުއްޖާ ގްރޫމްކުރުމުގެ ދައުވާ
- ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ
- މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ
އެ ދައުވާތަށް ސާބިތުކުރުމަށް ދައުލަތުން ވަނީ ގިނަ އަދަދެއްގެ ހެކި ހުށަހަޅާފައެވެ. އޭގެ ތެރޭގައި 79 ޝަފަހީ ހެކި ހިމެނޭއިރު އޭގެ ތެރެއިން 16 މީހުންގެ ވަނަވަރު ވަނީ ސިއްރު ކޮށްފައެވެ.
ސިއްރު ކޮށްގެން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ވަނީ އެ 16 ހެކިންގެ ތެރެއިން ދެ މީހެއްގެ ހެކިބަސް ނަގާފައެވެ. އަދި މިއަދުގެ އަޑުއެހުމުގައި އޭނާގެ ބަންދުގެ މުއްދަތު ދަމަހައްޓަން ވެސް ވަނީ އަމުރުކޮށްފައެވެ. ޒިހާނު ބަންދުކޮށްފައިވަނީ ޝަރީއަތް ނިމެންދެނެވެ.
ޒިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަށް ސާބިތުވެއްޖެނަމަ 100އެއްހާ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ޒިހާންގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާއަށްވެސް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ.
ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބި އެ ކުއްޖާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. އެކުއްޖާގެ ހަށިގަނޑު ފެނުނު އިރުވެސް ގިނަ ޒަހަމްތަކެއް ހުއްޓެވެ.