ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ މައްޗަށް ޖިނާއީ ތުހުމަތެއްކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގަމުންގެންދާ ތަހުގީގު ހިނގަމުންދަނީ އާންމު އުސޫލުތަކާ ޚިލާފަށް ކަމަށާއި، އޭނާ ހައްޔަރުކޮށް ބަންދު ދަމަހައްޓާފައި ވަނީ ތުހުމަތުކުރެވޭ ކުއްޖާގެ ޝަކުވާއެއް ނުވަތަ ބަހެއް ތަހުގީގަށް ހޯދުމަކާ ނުލައި ކަމަށް ޝާހިދުގެ ގާނޫނީ ވަކީލުން މިރޭ ބުނެފިއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ ނޮވެންބަރު މަހުގެ ދެވަނަ ދުވަހު ހައްޔަރުކޮށް، ނޮވެންބަރު ތިނެއް ގައި ކްރިމިނަލް ކޯޓުން 30 ދުވަހަށް ބަންދުކުރަން ނެރުނު އަމުރު ޝާހިދުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެއާއެކު އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ އެ އަމުރު ބާތިލުކުރާނެ ތަނެއް ނެތް ކަމަށް ނިންމަވާފައެވެ.
ޝާހިދުގެ ގާނޫނީ ވަކީލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކުޑަކުއްޖަކަށް އަނިޔާއެއް ދިން ކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މި މައްސަލައިގައި، ޤާނޫނުން އިންތިހާއަށް ހިމާޔަތާއި ރައްކާތެރިކަން ލިބިދީފައިވާ ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބި، މި ބާވަތުގެ މައްސަލަތައް ބެލުމާ ގާނޫނުން މަތިވެފައިވާ މުއައްސަސާތަކުގެ އިތުބާރު ގެއްލޭ ފަދަ ކަންކަން ހިނގަމުންދާތީ ނުހަނު ކަންބޮޑުވާ ކަމަށެވެ.
އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވިކްޓިމްގެ ބަހެއް ނެތި މިފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކުރުމަކީ މީގެ ކުރިން އެއްވެސް އިރެއްގައި ޖިނާއީ އަދުލުގެ ނިޒާމުގައި އަމަލުކޮށްފައިވާ ގޮތެއް ނޫނެވެ. އަދި ޝާހިދު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުން ދަމަހައްޓާފައި ވަނީ ވެސް، ވިކްޓިމް ކަމަށް ބުނާ ކުއްޖާގެ ބަހެއް ތަހުގީގަށް ހޯދުނުކަން ނުވަތަ ނޫންކަން ކޯޓުތަކަށް ކަށަވަރުނުކުރެވޭ ހާލަތެއްގައި ކަމަށް ވަކީލުން ބުންޏެވެ.
މި ތަހުގީގަކީ ޖިނާއީ ތަހުގީގަކަށްވުރެ ބޮޑަށް ސިޔާސީ ގޮތުން ފަލީހަތްކުރުމުގެ ސިފަޖެހިފައިވާ ކަމެއް ކަމަށް ތުހުމަތުކޮށް ވަކީލުން ބުނީ، ޢަބްދުﷲ ޝާހިދު ހައްޔަރުކުރުމުގެ ކުރިން ބަޔަކު ރާއްޖޭގެ ގިނަ ނޫސްވެރިންނަށް އަންގައި، އޭނާގެ ގޭދޮށަށް ނޫސްވެރިން ގެންދިއުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރުމުގެ ވަގުތުތަކެއް ކުރިން، ހައްޔަރުކޮށްފި ކަމަށް ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫހަކުން ސުރުޚީ ޖަހާފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، މި ތުހުމަތުގެ ބާވަތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުމެއް ސިއްރުކުރުން ގާނޫނުން ލާޒިމްކުރާ ނަމަވެސް، މައްސަލައާ ގުޅޭ އެތައް މައުލޫމާތުތަކެއް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި އާންމުވެފައިވާ ކަމަށް ވަކީލުން ބުންޏެވެ. މިއީ ކަމާގުޅުންހުރި މުއައްސަސާތަކުގެ އިތުބާރު ކިލަނބުވުމުގެ އިތުރުން، މިކަމުގައި ސިޔާސީ ކުލަ ޖެހިފައިވާކަން ހާމަކޮށްދޭ ކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ.
ނަމަވެސް، މި މައްސަލައިގެ ހަގީގަތް ހާމަވެގެންދިއުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ދެކެވަޑައިގަންނަވާތީ، ތަހުގީގަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ޝާހިދު ދެއްވަމުން ގެންދަވާ ކަމަށް ވަކީލުން ބުންޏެވެ. އަދި އޭނާގެ މައްޗަށް ކޮށްފައި ވަނީ އަސާސެއް ނެތް ތުހުމަތެއް ކަމުން، މިކަމުގެ ހަގީގަތް ހާމަވެ، އެ ތުހުމަތުތައް އުފަންވެގެން އައި ދިމާލަކާ އިންސާފު އަރާ ހަމަކުރާނެ ކަމުގެ ޔަގީންކަން ޝާހިދަށް އޮތް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީގެ ކުރީގެ ރައީސް ޝާހިދުގެ މައްޗަށް ކުރަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ދޮންދަރިއަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ.
އެކަމާ ގުޅިގެން ޝާހިދުގެ ފަރާތުން ދިފާޢުގައި ވަނީ ނެތް ތުހުމަތެއްގެ މައްޗަށް ބިނާކޮށް ބަންދުކުރީ ގާނޫނާ ޚިލާފަށްކަން ފާހަގަކުރައްވައި، އޭނާގެ އެއްވެސް ދޮންދަރިއަކު ނުހުންނާނެ ކަމަށް ޝަރީއަތުގައި ވިދާޅުވެފައެވެ.
އދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އަދި މިއީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައި ވަނިކޮށް، އޭނާގެ އަބުރު ކަތިލުމަށް ސިޔާސީ މަގްސަދެއްގައި ކުރަމުންދާ ދޮގު ތުހުމަތުތަކެއް ކަމަށް ވިދާޅުވެފައެވެ۔
ނަމަވެސް ސަރުކާރުން ބުނެފައިވަނީ ޝާހިދު ހައްޔަރުކުރުމުގެ ފަހަތުގައި އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށާއި، މިފަދަ ސީރިއަސް ތުހުމަތުތަކުގައި ގާނޫނު ތަންފީޒުކުރުމުގައި އެންމެންގެ މައްޗަށް ވެސް ހަމަހަމަކަމާއެކު ފިޔަވަޅު އަޅާނެ ކަމަށެވެ.