އިސްލާމް އާބާދު (10 މެއި 2023): ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމާއެކު އެގައުމުގެ އާންމުންގެ އެތައް ހާސް ބަޔަކު ޕާކިސްތާނުގެ އެކި ޕްރޮވިންސްތަކުގެ މަގުތަކަށް ނުކުމެ ވަރަށް ފުޅާދާއިރާއެއްގައި އިހުތިޖާޖުތައް ކުރަން ފަށަފައިފިއެވެ.
އިމްރާންޚާންގެ ދިފާއުގައި ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުމެ އިހްތިޖާޖު ކުރަމުން ގެންދަނީ ހަމައެކަނި އޭނާގެ ޕާޓީކަމަށްވާ ތަހްރީކޭ އިންސާފު ޕާޓީއަށް ނިސްބަތްވާ މީހުން އެކަންޏެއް ނޫނެވެ. ޕާކިސްތާނުގެ ވަކި ޕާޓީއަކަށް ނިސްބަތްނުވާ އެތައް ހާސްބަޔަކު ގެންދަނީ އިމްރާންޚާން ހައްޔަރުކުރުމަކީ ރަތްރޮނގުކަން ސަރުކާރަށް ހަނދާންކޮށްދީ އޭނާގެ ދިފާއުގައި ސަރުކާރާއި ސިފައިންނާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
އިމްރާންޚާންގެ ދިފާއުގައި ކުރާ އިހުތިޖާޖުތަކުގެ ވީޑިއޯ އަކުން ހާމަވާގޮތުގައި އާންމުން ތިބީ އޭނާ މިނިވަން ނުކުރަނީސް ގެއަށް ވަންނަގޮތަކަށް ނޫނެވެ. އަދި އެމީހުން ގެންދަނީ ސަރުކާރަށް ސިޔާސީ ގޮތުން ވާގިވެރިވާ ކަމުގެ ތުހުމަތު ޕާކިސްތާނުގެ ސިފައިންގެ މުއައްސަސާއަށް ކުރުމަށްފަހު ސިފައިންގެ ގިނަ އަދަދެއްގެ މަރުކަޒުތަކާއި ހެޑްކުއާޓަރުތައް ވަށާލައި އެތަންތަން ހިސާރު ކުރަމުންނެވެ. އަދި ރުޅިއައިސްފައިވާ އާންމުން ސިފައިންގެ ބައެއް މަރުކަޒުތަކުގައި ހުޅުޖަހާފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ޕާކިސްތާނުގެ އާންމުން ސިފައިންގެ ތަންތަނުގައި ހުޅުޖަހަނީ
ރިޕޯޓްތައް ބުނާގޮތުން އާދައިގެ ވަރަކަށް ބާރުގެ ބޭނުންކޮށްގެން ވިއްސިވިހާލިކޮށްލެވޭ ވަރަށްވުރެ އިމްޜާން ޚާންގެ ދިފާއުގައި އިހްތިޖާޖުކުރާ މީހުންގެ އަދަދު ގިނައެވެ. އެހެންކަމުން މާބޮޑަށް ބާރުގެ ބޭނުންކޮށްފިނަމަ ގިނަބަޔަކު މަރުވެދާނެކަމުގެ ބިރުވަނީ ބޮޑުވެފައެވެ.
އިމްރާންޚާންގެ ދިފާއުގައި އިހްތިޖާޖުކުރާ މީހުން ބުނާގޮތުގައި ޕާކިސްތާނުގައި މިހާރު ވެރިކަންކުރާ ކޯލިޝަންގެ މައި ދެ ޕާޓީކަމަށްވާ މަރުހޫމާ ބޭނަޒީރު ބުއްޓޫގެ ޕީޕީޕީ އާއި ނަވާޒު ޝަރީފުގެ މުސްލިމް ލީގް ނަވާޒް ޕާޓީއަކީ ކޮރަޕްޝަނުގެ ދެ ހާއްޔެވެ. އެއީ ޕާކިސްތާނު "ލޫޓުވާލި" ދެޕާޓީއެވެ.
އަނެއްކޮޅުން އެ ދެ ޕާޓީ މިހާރު ވެރިކަން ހޯދައިގެން އުޅެނީ ވެސް ރައްޔިތުން ދިން މޭންޑޭޓެއްގެ ދަށަކުންނޫނެވެ. ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރި އިމްރާންޚާންގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގައިގެން ޕާލަމެންޓްގެ ތެރެއިން ވައްޓާލައިގެންނެވެ.
ޕާކިސްތާނުގެ މުއްސަނދިކަމުގެ ބޮޑުބައެއް އެދެޕާޓީއަށް ނިސްބަތްވާ ސިޔާސީ ލީޑަރުން، ކޮރަޕްޝަނުގެ ތެރެއިން ދަމައިގެންފައިވާކަމަށް ޕާކިސްތާނުގެ ގިނަ އާންމުން ދެކެއެވެ. މުސްލިމް ލީގް ނަވާޒް ޕާޓީގެ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަކީ ކޮރަޕްޝަނުގެ ތުހުމަތުގައި މިހާރުވެސް ހަތް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅެކެވެ.
އޭނާގެ ކޮއްކޮ އަދި މިހާރުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފަކީވެސް ކޮރަޕްޝަނާއި މަނީލޯންޑެރިންގެ އެތައް މައްސަލައެއްގެ ތުހުމަތުގައި ޝަރީއަތް ކުރެވެމުންދާ ބޭފުޅެކެވެ. ޝަރީއަތްތައް މަޑުޖެހިފައިވަނީ ޝެހެބާޒް ބޮޑުވަޒީރުކަމުގައި ހުންނަވާތީއެވެ.
ޕީޕީޕީގެ ލީޑަރު އަދި ޕާކިސްތާނުގެ ކުރީގެ ރައީސް އާސިފް އަލީ ޒަރުދާރީ އަކީ "މިސްޓަރ 10" ޕަސެންޓްގެ ނަމުން މުޅި ޕާކިސްތާނުގައި ނަން މަޝްހޫރު ބޭފުޅެކެވެ. އެއީ އޭނާގެ ވެރިކަމުގައި ޕާކިސްތާން ސަރުކާރުން ހިންގި ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން ކޮންމެ މަޝްރޫއަކުން 10 އިންސައްތައިގެ ކަޓެއް ނެންގެވިކަމުގެ ތުހުމަތު ޒަރުދާރީގެ މައްޗަށް ކުރެވޭތީއެވެ.

ޕާކިސްތާނުގެ އާންމުން އިމްރާންޚާންގެ ދިފާއުގައި
ޒަރުދާރީއަކީ އޭނާގެ އަނބިކަނބަލުން ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ވެރިކަމުގައި ވަރަށް ބާރާއި ނުފޫޒުގަދަ ބޭފުޅެކެވެ. އެެދުވަސްވަރު ޒަރުދާރީ ހިންގެވި ކޮރަޕްޝަނާއި ރިޝްވަތުގެ އަމަލުތައް ސާބިތުވެގެން އެތައް އަހަރެއް ވަަންދެން އޭނާވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވާފައެވެ.
ޕާކިސްތާނުގެ އާންމުންގެ ތާއީދު އިމްރާން ޚާންއަށް ބޮޑުވެފައިވަނީ މިފަހަކަށް އައިސް ޕާކިސްތާނުގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކޮރަޕްޝަން ނެތް ބޭފުޅަކީ އިމްރާންޚާންކަން އާންމުންނަށް ކަށަވަރުވުމާއި އިމްރާންޚާންގެ ނަޒާހަތްތެރިކަމަށް އާންމުންގެ ގިނަ ބަޔަކު އިތުބާރުކުރާތީއެވެ. ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން އިއްޔެ އިމްރާން ޚާން ހައްޔަރުކުރީ ވެރިރަށް އިސްލާމްއާބާދުގެ ހައިކޯޓުގެ ބޭރުގައި ހުންނަވަނިކޮށެވެ.
އިމްރާން ޚާން ހައްޔަރުކުރީ ޕާކިސްތާނުގެ އެލީޓް ލަޝްރަކެއް ކަމަށްވާ ހަތިޔާރުއެޅި ޕެރަމިލިޓަރީންގެ ގުރޫޕަކުންނެވެ. އެމީހުން އިމްރާންޚާން ހައްޔަރުކުރުމަށްޓަކައި އެތަނަށް ދިޔައީ ވެހިކަލްތަކެއްގައެވެ. ހައްޔަރުކުރީ ވަރަށް އިހާނާތްތެރި ގޮތަކަށެވެ. ހައްޔަރުކުރުމުގެ ތެރޭގައި އިމްރާންޚާނަށް ކޮންމެވެސް ވަރަކަށް އަނިޔާވެސް ވިކަމަށްވެއެވެ. އަދި ހުތުރުބަހުން އިމްރާން ޚާނަށް ބަހުގެ ހަމަލާތައްވެސް ރައްދުކުރިކަމަށްވެއެވެ. މިކަންކުރީ ސިފައިން އަޑީގައި ތިބެގެންކަމަށް އިހްތިޖާޖްކުރާ އާންމުން ތުހުމަތު ކުރެއެވެ.
ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން އިމްރާންޚާން ހައްޔަރުކުރަން ބޭނުންވެގެން އުޅޭތާ ވަރަށް ދުވަސްވެއްޖެއެވެ. އާންމުންގެ އިމްރާންޚާންގެ ދިފާއުގައި ގިނަ އަދަދަކަށް މަގުތަކަށް ނުކުމެ ހުރަސްއަޅާތީ އެކަންކުރަން ސަލާމަތީ ބާރުތަކަށް ދަތިވެގެން އެކަން ނުކުރެވި އޮތީއެވެ.
ޕާކިސްތާނުގެ ސަރުކާރުން އިމްރާންޚާންގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކުރަނީ އިމްޜާންޚާންގެ ވެރިކަމުގައި ބޭރު ގައުމުތަކުން އޭނާއަށް ދީފައިވާ ހަދިޔާތަކުގެ ތެރެއިން ބައެއް ތަކެތި އިމްރާންޚާން ގެންދަވާފައިވާތީއެވެ. ނަމަވެސް ލިޔެކިޔުންތަކުން ހާމަވެފައިވާގޮތުގައި އެތަކެތި އިމްރާން ޚާން ގެންދެވީ އޭގެއަގު ޕާކިސްތާނުގެ ކަމާބެހޭ އިދާރާއަށް ދެއްކުމަށްފަހު ގަވައިދާ އެއްގޮތަށެވެ.
އެހެންކަމުން އިމްރާން ޚާންގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކުރަނީ އޭނާގެ އަގުވައްޓާލުމުގެ ބޭނުމުގައާއި ޕާކިސްތާނުގެ ވެރިކަންކުރާ މައި ދެޕާޓީގެ އިސްވެރިންގެ ބޮލުގައި އެޅިފައިވާ ކޮރަޕްޝަނުގެ ކަންތައްތަކުން ސަލާމަތްވުމުގެ ސިޔާސީ ބޭނުމުގައިކަމަށްވަނީ ބެލެވިފައެވެ.
މިދިޔަ އަހަރު އިމްރާންޚާންގެ ވެރިކަން ވައްޓާލީ ޕީޕީޕީ އާއި މުސްލިމް ލީގް ނަވާޒް ޕާޓީ ގުޅިގެން ކުދި ޕާޓީތަކުގެ އެހީތެރިކަމާއެކު ޕާލަމެންޓްގައި އިތުބާރުނެތްކަމުގެ ވޯޓެއް ނަގައިގެންނެވެ. މިވޯޓުގައި އިމްރާންޚާންގެ ޕާޓީގެ ބައެއް މެންބަރުންވެސް އޭނާއާ ދެކޮޅަށް ވޯޓުދެއްވިއެވެ. އިމްރާން އާ ދެކޮޅަށް އޭނާގެ ޕާޓީން ވޯޓު ދެއްވި މެންބަރުން އެކަންކުރެއްވީ ރިޝްވަތުގެ ފައިސާގައި ޖެހިގެންކަމަށް އިމްރާންގެ ޕާޓީންވަނީ ތުހުމަތުކޮށްފައެވެ.
އިތުބާރުނެތްކަމުގެ މި ވޯޓުގެ ފަހަތުގައި ޕާކިސްތާނުގެ ސިފައިންނާއި އެމެރިކާގެ ނުފޫޒުވެސް ވަރަށް ބޮޑަށް އޮތް ކަމަށް އިމްރާންވަނީ ތުހުމަތު ކުރައްވާފައެވެ. އެމެރިކާއަކީ އެމެރިކާ ބޭނުން ނޫން މީހުން ގައުމުތަކުގެ ވެރިކަމުން ދުރުކުރުމަށްޓަކައި ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ އަތްގަދަކުރުމުގެ ސިޔާސަތެއް ގެންގުޅޭ އަދި އެކަމުގެ ތާރީޚެއް އޮތް ގައުމެކެވެ. ނަމަވެސް އިމްރާން ޚާންގެ ތުހުމަތުތަކަށް އެމެރިކާ އިންކާރު ކުރެއެވެ.
ޕާކިސްތާނުގައި މިހާރު ކުރިޔަށްދަނީ 2016 ވަނަ އަހަރު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާންގެ ވެރިކަމާދެކޮޅަށް އެގައުމުގެ ސިފައިން އިންގިލާބު ގެންނަން އުޅުމުން ތުރުކީގެ އާންމުން އެގައުމުގެ ސިފައިންގެ ބާރާއި ނުފޫޒާ ދެކޮޅަށް އުތުުރިއެރުން ފަދަ ހަރަކާތެއްކަމަށް ބައެއް މުހައްލިލުން ވިދާޅުވެއެވެ.
ތުރުކީގެ އެހާލަތަށްފަހު އާންމުންގެ ތާއީދާއެކު އެރުދުޣާންވަނީ ތުރުކީ ސިފައިންގެ ސިޔާސީ ފިޔަކޮށާލައި ސިފައިންނަކީ ސިޔާސީ ނުފޫޒުނެތް ޕްރޮފެޝަނަލް ބަޔަކަށް ހަދާފައެވެ.