ޕާކިސްތާނުގެ އެހީގައި އޯޓިޒަމް ހުންނަ ކުދިންގެ ހުނަރު ތަރައްގީކުރަން ސެންޓަރެއް ހުޅުވައިފި

ޕާކިސްތާނުގެ އެހީގައި އޯޓިޒަމް ހުންނަ ކުދިންގެ ހުނަރު ތަރައްގީކުރަން ސެންޓަރެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޕާކިސްތާން ހައި ކޮމިޝަން

ޕާކިސްތާނުގެ ބާނީ ގާއިދޭ އަޢުޒަމް މުޙައްމަދު ޢަލީ ޖިނާހްގެ 150 ވަނަ އުފަންދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (އެމްއޭއޭ) ގައި 'ޖިނާހް ޑިޖިޓަލް ސްކިލް ސެންޓަރު (ޖޭޑީއެސްސީ)' އިފްތިތާހުކޮށްފިއެވެ.

މުޙައްމަދު ޢަލީ ޖިނާޙަކީ ގާނޫނީ ވަކީލެއްއްގެ އިތުރުން ސިޔާސީ ލީޑަރެއް ވެސް މެއެވެ. ޕާކިސްތާނުގައި އޭނާއަށް ގަދަރުކުރެވެނީ "ގާއިދޭ އަޢުޒަމް" (ބޮޑު ލީޑަރު) އަދި "ބާބާ-އޭ-ގައުމް" (ގައުމުގެ ބައްޕަ)ގެ ނަމުންނެވެ.

ޕާކިސްތާނު ސަރުކާރުގެ އެހީތެރިކަމާއެކު އޯޓިޒަމް ކުދިންނަށް ޚާއްސަކޮށްގެން ގާއިމުކުރި މި ސެންޓަރު އިފްތިތާހުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔާޑް) ފައިސަލް ރަސޫލް ލޯދީއާއި އަނބިކަނބަލުން ބޭގަމް ހުމައިރާ ލޯދީއެވެ.

މި މަހުގެ 19 ވަނަ ދުވަހު ބޭއްވި މި ރަސްމިއްޔާތަށް ވަޑައިގެންނެވި ޕާކިސްތާނުގެ ހައި ކޮމިޝަނާއި ހައިކޮމިޝަނުގެ އިސްވެރިންގެ ޑެލިގޭޝަނަށް މަރުހަބާ ދެންނެވީ ކުރީގެ ފަސްޓް ލޭޑީ އިލްހާމް ޙުސައިނާއި، އެ އެސޯސިއޭޝަނުގެ ސީއީއޯ އިސްމާޢީލް ޝަފީޢުގެ އިތުރުން މެނޭޖްމަންޓާއި، މުދައްރިސުން އަދި ސެންޓަރުގެ ކުދިންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިލްހާމް ޙުސައިން ވަނީ ޕާކިސްތާނު ސަރުކާރުން ވެދެއްވި ދީލަތި އެހީތެރިކަމަށްޓަކައި ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، އެމްއޭއޭގައި އަލަށް ގާއިމުކުރެވުނު މި ޑިޖިޓަލް ސްކިލް ސެންޓަރަކީ އޯޓިޒަމް ހުންނަ ކުދިންނަށް އަމަލީ ގޮތުން ބޭނުންތެރި މަސައްކަތްތެރިކަމުގެ ތަމްރީނާއި ހުނަރުތައް ދަސްކޮށްދިނުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. އަދި މުޖުތަމައުގެ މިފަދަ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހައްގުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ޕާކިސްތާނުގެ ހައިކޮމިޝަނަރު ފައިސަލް ރަސޫލް ލޯދީ ވަނީ އޯޓިޒަމް ހުންނަ ކުދިންނަށް އެކަށީގެންވާ ތައުލީމީ މާހައުލެއް ބިނާކުރުމަށް އެމްއޭއޭއިން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ. އަދި 'ޖިއްނާހް ޑިޖިޓަލް ސްކިލް ސެންޓަރު' އިފްތިތާހުކުރެވިގެން ދިޔައީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް އުޚުއްވަތްތެރި ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ކަމަށާއި، މި ސެންޓަރަށް ޖިއްނާހުގެ ނަންފުޅު ދެވިފައި ވަނީ އޭނާގެ ރައްޔިތުންނަށް އިސްކަންދެއްވުމުގެ ފިކުރާއި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ.

ހައި ކޮމިޝަނަރު އިތުރަށް ވިދާޅުވީ، ކުދިން މުޖުތަމައުގައި ޒިންމާދާރު ފަރުދުންގެ ގޮތުގައި ބޮޑެތިވުމަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެންމެންގެ ގުޅިފައިވާ ޒިންމާއެއް ކަމަށެވެ.

މި ރަސްމިއްޔާތަށްފަހު، ހައި ކޮމިޝަނަރާއި ޑެލިގޭޝަނުގެ ބޭފުޅުން ވަނީ އަލަށް ގާއިމުކުރި ޑިޖިޓަލް ސެންޓަރުގެ ވަސީލަތްތައް ބައްލަވާލައްވައި، އޯޓިޒަމް ސެންޓަރުގެ މުވައްޒަފުންނާއި ދަރިވަރުންނާ ބައްދަލުކުރައްވައި ޚިޔާލު ބަދަލުކުރައްވާފައެވެ.

comment ކޮމެންޓް