ޕާކިސްތާނުގެ އައްސޭރިފަށުން ގެއްލުނު ބޮއިންގް 737 މަތިންދާބޯޓުގެ ބައިތަކެއް ފެނިއްޖެއެވެ.
ބޯޓުގެ ބައިތައް ފެނުނު ނަމަވެސް އޭގައި ތިބި ފަސް ފަޅުވެރިން ގެއްލިފައިވާ ކަމަށް އޭވިއޭޝަން އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.
ޕާކިސްތާނުގެ އެއާޕޯޓްސް އޮތޯރިޓީން ބުނީ ޕާކިސްތާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ކަރާޗީން ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީގެ ޝާރުޖާހަށް ދަތުރުކުރި އަމިއްލަ ކާގޯ ބޯޓުގައި ތިބި މީހުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޭ2 އެއާވޭސް އިން އޮޕަރޭޓްކުރާ ބޮއިންގް 737 މަތިންދާބޯޓު އެއާ ޓްރެފިކް ކޮންޓްރޯލަރުންނާ ގުޅުން ކެނޑިފައިވަނީ އަންގާރަ ދުވަހު ޕާކިސްތާނު ގަޑިން 21:21 ހާއިރު (ޖީއެމްޓީ 16:21) ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ބޯޓު ތިރިވާން ފެށުމުގެ މިނިޓްތަކެއް ކުރިން ނޭވިގޭޝަން ސިސްޓަމަށް މައްސަލައެއް ދިމާވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ހާމަކޮށްފައިވެއެވެ.
ވައިގެ އަދި ކަނޑުގެ އެސެޓްތައް ހިމެނޭ ގޮތަށް 12 ގަޑިއިރު ވަންދެން ބަލައި ފާސްކުރި ފަހުން ބޯޓުގެ ބައިތައް ފެނިފައިވަނީ އަރަބި ކަނޑުގެ އައްސޭރީގައި އޮންނަ ބަނދަރު ރަށެއް ކަމަށްވާ އޮރްމާރާގެ ދެކުނުން 53 ނޯޓިކަލް މޭލު ދުރުންނެވެ.
އޮރްމާރާ އޮންނަނީ ބޯޓު ދަތުރު ފެށި ކަރާޗީގެ ހުޅަނގުން 360 ކިލޯމީޓަރު (223 މޭލު) ދުރުގައެވެ.
ޕާކިސްތާނުގައި އެންމެ ފަހުން ހިނގި ބޮޑު އޭވިއޭޝަން ހާދިސާއަކީ 2020 ވަނަ އަހަރު ހިނގި ހާދިސާއެކެވެ.
އެ ހާދިސާގައި ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްގެ މަތިންދާބޯޓެއް ކަރާޗީ އެއާޕޯޓާ ކައިރިވަމުން ދަނިކޮށް ވެއްޓި އެ ބޯޓުގައި ތިބި 99 މީހުންގެ ތެރެއިން ދެ މީހުން ފިޔަވައި އެހެން އެންމެން މަރުވިއެވެ.