އަމިއްލައަށް މީހުން މަރުވާ ޚަބަރުތަކާއި މަރުވާން މަސައްކަތް ކުރާ މައްސަލަތައް ނޫސްތަކުގައި ރިޕޯޓްކުރުމާ ދުރުހެލިވާން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން އިލްތިމާސް ކޮށްފިއެވެ.
އެ ކައުންސިލުން އެ ގޮތަށް އިލްތިމާސްކޮށްފައިވަނީ ކުޑަކުއްޖަކު އަމިއްލައަށް ދަންޖެހިގެން މަރުވިކަމަށް ބުނާ ޚަބަރެއް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީއެވެ.
އެމްއެމްސީން ކުރި ޓްވީޓެއްގައި ބުނީ ކުޑަކުދިން އަމިއްލައަށް މަރުވާ ޚަބަރުތައް މީޑިއާގައި ރިޕޯޓްކުރުމަކީ ވަރަށް ހައްހާސް މައްސަލައެއް ކަމަށެވެ. އަދި މީހުން އަމިއްލައަށް މަރުވާ މައްސލަލަތަކުގެ ޚަބަރު ގެނެސްދިނުމަކީ އެފަދަ ކޭސްތައް އިތުރުވާ ސަބަބެއް ކަމަށް ދިރާސާތަކުން ދައްކާކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން، އެ ފަދަ މައްސަލަތައް ރިޕޯޓްކުރުމުގައި މީޑިއާތަކުން ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ބާރުއަޅާކަމަށް މީޑިއާ ކައުންސިލުން ބުނެފައިވެއެވެ.
މީޑިއާ ކައުންސިލްގެ ކޯޑް އޮފް އެތިކްސްގައި ވާ ގޮތުން އަމިއްލައަށް މަރުވުމާއި ޖިނާއީ ކުށްތަކާ ބެހޭ މައުލޫމާތު ޕަބްލިޝްކުރާއިރު އެ ފަދަ އަމަލުތަކަށް ހިތްވަރު ލިބޭފަދަ ގޮތަކަށް އެ ކަންކަމުގެ މައުލޫމާތު ޕަބްލިޝްކުރުމުން ދުރުހެލިވާންވާނެ ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.
ރާއްޖޭގެ ގިނަ މީޑިއާތަކުން އަމިއްލައަށް މީހުން މަރުވާ ޚަބަރުތައް ނުގެނެސްދެެއެވެ. ނަމަވެސް މަދުން ނަމަވެސް މި ފަދަ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.