ބުރުންޑީ ފަދަ ގައުމުތަކުން ވިސާ ލިބިގެން އޮތީ ކޮން އުފަލެއް؟

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބުރުންޑީއާއި ގާނާއާއި ތަޖަކިސްތާންގެ އިތުރުން ކިރިގިސްތާނަށް ވިސާއާ ނުލައި ދިވެހީންނަށް ދަތުރު ކުރެވޭ ގޮތް މި ފަހުން ހަމަޖެހުމާއެކު ގިނަ މީހުން އެކަން ނެގީ ޖޯކަކަށެވެ. އެއީ ދިވެހީން ގޮސް ނޫޅޭ ގައުމުތަކަކަށް ވާތީއެވެ.

"ވަރަށް މުހިންމު ގައުމެއް ތިއީ. ދުވާލަކު ދެ ފަހަރަށް ދާން ޖެހޭ ތަނެއް،" ރުވާންޑާގެ ވިސާ ހަމަޖެހުނު ޚަބަރަށް މީހަކު ޖެއްސުމުގެ ރާގަށް ކުރި ކޮމެންޓްގައި ބުނެފައިވެއެވެ.

ދިވެހީން އާއްމުކޮށް ގޮސް ނޫޅޭ ގައުމެއްގެ ވިސާއެއް ހަމަޖެހުނު ކަމަށް ލިޔާ ކޮންމެ ޚަބަރަކަށް މިފަދަ އެތައް ކޮމެންޓެއް އާދެއެވެ. އެންމެން އެކަން ނަގަނީ ޖޯކަކަށް ނުވަތަ ބޭނުމެއް ނެތް ކަމެއްގެ ގޮތުގައެވެ. އެކަމަކު އަސްލު އެކަން ހަމަ އޮތީ އެގޮތަށް ތޯއެވެ؟

ރާއްޖޭގައި ބޭނުންކުރާ ޕާސްޕޯޓްތައް: ދިވެހި ޕާސްޕޯޓްގެ ރޭކިން ދަނީ މަަތިވަމުން--

ހީކުރާ ވަރަށް ވުރެން މުހިންމު ކަމެއް

ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓް ގެންގުޅެނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައްޔިތުންނެވެ. އެ ގައުމުގެ ރައްޔިތުންނަށް ވިސާ ނެގުމަކާ ނުލައި 180 ގައުމަށް ދަތުރު ކުރެވެއެވެ. އެ ހުރިހާ ގައުމަކީ އެ ގައުމުގެ ރައްޔިތުން އާއްމުކޮށް ގޮސް އުޅޭ ގައުމުތަކެއް ނޫނެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ގިނަ ގައުމުތަކަށް ވިސާއާ ނުލައި ދަތުރު ކުރުމުގެ ފުރުސަތު ލިބުމަކީ ޕާސްޕޯޓް ވަރުގަދަވާ ކަމެކެވެ.

ޕާސްޕޯޓް ރޭކިންއަށް ބަލާއިރު ރާއްޖެ މިހާރު އޮތީ ދުނިޔޭގެ 49 ވަނައިގައެވެ. މި ކުޑަ ރާއްޖޭގެ ޕާސްޕޯޓް މި ހިމެނެނީ ދުނިޔޭގެ އެންމެ ބާރުގަދަ 50 ޕާސްޕޯޓްތަކުގެ ތެރޭގައެވެ. ކުރިއާލާ ވިސާ ނެގުމަކާ ނުލައި ދިވެހީންނަށް 94 ގައުމަށް ދަތުރު ކުރެވެއެވެ. އޭޝިއާއަށް ބަލާއިރު ރާއްޖެއަށް ވުރެން އެއް ދަރަޖަ ކުރީގައި އުޅެނީ ސައުދީ އަރަބިއްޔާ އާއި އޮމާންއެވެ. އޭގެ ފަހަތުގައި ރާއްޖެ އޮތްއިރު އަވައްޓެރި އިންޑިއާއާއި އެހެން ބޮޑެތި ގައުމުތަކަށް ވުރެވެސް ރާއްޖޭގެ ޕާސްޕޯޓް މިހާރު ވަރުގަދައެވެ.

"އެހެންކަމުން ގިނަ ގައުމުތަކަށް ވިސާ ލިބުމުން އަޅުގަނޑުމެންގެ ޕާސްޕޯޓް ވަރުގަދަވޭ. އަދި މިއީ އެހެން ގައުމުތަކުން ވެސް، މިސާލަކަށް އީޔޫ ފަދަ ވިސާ ހޯދުމަށް ކުރިއަށް އޮތް މަޝްވަރާތައް ހަރުދަނާކުރުމަށް އެހީތެރިވެދޭނެ ކަމެއް،" އޮފިޝަލް ވިދާޅުވިއެވެ.

މި ފަހުން ވިސާއާ ނުލައި ދަތުރު ކުރުމުގެ ފުރުސަތު ލިބުނު ގައުމުތަކުގެ ތެރޭގައި ދިވެހީންނަށް ވަރަށް މުހިންމު ގައުމުތައް ހިމެނެއެވެ. އޭގެ ތެރޭގައި ސައޫދީ އަރަބިއްޔާ އާއި ޗައިނާ އާއި ތައިލެންޑްގެ އިތުރުން ރަޝިއާއާއި އޮމާންގެ އިތުރުން މޮރޮކޯ ފަދަ ގައުމުތައް ހިމެނެއެވެ.

https://sun.mv/172933

އޮފިޝަލް ވިދާޅުވީ ވިސާއާ ނުލައި ދަތުރު ކުރެވޭގޮތްވުމުން ދިވެހީން ކުރިން އާއްމުކޮށް ދިޔަ ގައުމުތައް ނޫން އެހެން ގައުމުތަކަށް ދަތުރުކުރާ މިންވަރު އިތުރުވާނެ ކަމަށެވެ. އަދި މިކަމާއެކު އެހެން ގައުމުތަކުން ވިޔަފާރީގެ ފުރުސަތުތައް ހޯދަން ދިވެހީންނަށް ފުރުސަތު ލިބިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް ކެމްބޯޑިއާއަކީ ވެސް ފެކްޓްރީތައް ހުންނަ ގައުމެއް. އެހެންކަމުން ވިޔަފާރިވެރިންނަށް ފަސޭހަ ވާނެ ދަތުރުކުރަން މިހާރު،" އޮފިޝަލް ވިދާޅުވިއެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ހާރިޖީ ދާއިރާއިން ރާއްޖެ އޮތީ ވަރަށް ފަހަތުގައެވެ. ކޮމަންވެލްތާއި ގަތަރާ ގުޅުންކަނޑައި އަވައްޓެރި މުހިންމު ގައުމުތަކާއި ރާއްޖެއާ އޮތް ޒަމާންވީ ގާތްގުޅުން އޮތީ ހީނަރުވެފައެވެ. ދިވެހީންނަށް ވިސާއާ ނުލައި ދަތުރު ކުރެވެން ވެސް އޮތީ 70 ވަރަކަށް ގައުމެވެ. މި ހަތަރު އަހަރު ތެރޭގައި އެ އަދަދަށް ހެޔޮ ބަދަލުތަކެއް އައިސް ގައުމުތަކާ އޮތް ގުޅުން މިވަނީ ވަރަށް ބޮޑަށް ބަދަހި ވެފައެވެ.

ފޮރިން މިނިސްޓްރީގައި 20 އަހަރަށް ވުރެން ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވީ ވިސާ ލިބޭ ކޮންމެ ގައުމަކީ ކޮންމެހެން ދިވެހީން އާއްމުކޮށް ގޮސް އުޅޭ ގައުމަކަށް ވާން ނުޖެހޭ ކަމަށެވެ. ވިސާއަކީ ހިލޭ ލިބޭ އެއްޗަކަށްވާއިރު އާއްމުކޮށް ދިވެހީން ނުދާ ގައުމެއް ނަމަވެސް ވިސާ ލިބޭނެ ގޮތް ހަމަޖެއްސުމަކީ ސަރުކާރުން ކުރަން ޖެހޭ އަދި ކުރާ ރަނގަޅު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް އެ ގައުމެއް ވެދާނެ ފަސް ދިވެހީން ދާ ގައުމަކަށް ވެސް. އެ ފަސް މީހުންނަށް ވެސް ފްރީ ވިސާ ހަމަޖައްސައި ދިނުމަކީ ސަރުކާރުގެ ޒިންމާއެއް. އެ މީހުންނަށް ވެސް އެ ފުރުސަތު ދޭން ޖެހޭ. އެހެންކަމުން ފްރީ ވިސާ ލިބެން އޮތް ގައުމަކުން ހަމަޖެއްސުމަކީ މުހިންމު ކަމެއް،" ހާރިޖީ ދާއިރާގެ ތަޖުރިބާކާރު ވިދާޅުވިއެވެ.

"ވިސާ ލިބޭ އެ ގައުމުތައް ވެދާނެ މިހާރު ދިވެހިން ނުދިޔަސް މީގެ ފަސް އަހަރު ފަހުން ވަރަށް ގިނައިން ދާނެ ގައުމުތަކަށް ވެސް. ކަންވާނެ ގޮތެއް ނޭނގޭނެ. މީގެ 10 އަހަރު ކުރިން ދިވެހީން ޝައުގުވެރި ނޫން ގައުމުތަކަށް މިހާރު ގޮސް ހަދާ."

ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާތާ ޒަމާންތަކެއް ވެފައިވާއިރު ބޭފުޅާ ވިދާޅުވިގޮތުގައި ވިސާ ނުނަގައި ދަތުރު ކުރެވޭ ގައުމުތައް މިހާވަރަށް އިތުރު ކުރަން ފެށީ މިސަރުކާރު އައި ފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށެވެ. މިއީ ހާރިޖީ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގިނަ ދިވެހީންނަށް ޖޯކަކަށްވި ކަންތަކުގެ ހަގީގަތް ތަފާތެވެ. ރުވާންޑާގެ ވިސާ މުހިންމު ވަނީ އެއްވެސް ގޮތަކަށް ދުވާލަކު އެއްފަހަރު އެގައުމަށް ދާން ޖެހޭތީއެއް ނޫނެވެ. މިފަދަ ވިސާތަކުގެ ސަބަބުން ޕާސްޕޯޓް ވަރުގަދަވާތީއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު ވިސާ ނުލިބޭ ގައުމުތަކުން ވިސާ ހޯދަން ފަސޭހައަކަށް ވާނެތީއެވެ.

comment ކޮމެންޓް