ދިވެހިރާއްޖެއާއި ކެމްބޯޑިއާގެ ރައްޔިތުން ވިސާ ނެތި އެއް ގައުމުން އަނެއް ގައުމަށް ދެވޭނެ އިންތިޒާމު މިއަދު ހަމަޖައްސައިފިއެވެ.
މިފަދައިން އެއްބަސްވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑު ވަޒީރު ހުން ސެން ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ގައުމު ދެމެދުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމަށްފަހު ދެ ގައުމުން ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސް ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހް ވިދާޅުވީ ދެ ގައުމުގެ މެދުގައި ވިސާ ނެގުމަކާ ނުލައި، އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އަދި މިހާރު، ދިވެހިންނަށާއި ކެމްބޯޑިއާގެ ރައްޔިތުންނަށް ވެސް، ވިސާ ނެގުމަކާ ނުލައި، 30 ދުވަހުގެ މުއްދަތަށް ދެ ގައުމުގެ ދެމެދުގައި ދަތުރު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖެއާއި ކެމްބޯޑިއާ އާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވާފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި، ކެމްބޯޑިއާގެ ރައްޔިތުން ވަޒީފާ އަދާކުރުމުގެ ޝައުޤުވެރިކަމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވައިފައެވެ.
ރައީސް ވިދާޅުވީ، ތަޖުރިބާ ޙިއްޞާ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ ތަފާތު ރިސޯޓްތަކުގައި އިންޓާންޝިޕް ފުރިހަމަ ކުރުމުގެ 20 ފުރުޞަތު ކެމްބޯޑިއާއަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި، ރާއްޖޭގެ ކޯސްޓް ގާޑުން މި އަހަރު ހިންގާ ބޭސިކް ޑައިވް ކޯހުގައި، ކެމްބޯޑިއާގެ ސިފައިންގެ އޮފިސަރުން ބައިވެރިވުމުގެ ފުރުޞަތު ދީފައިވާއިރު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ތައުލީމް ހާސިލުކުރުމުގެ ދެ ސްކޮލަރޝިޕް ފުރުޞަތު ކެމްބޯޑިއާ އަށް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.
މިއަދު ކެމްބޯޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ބޭއްވި މަޝްވަރާތަކުގެ އިތުރުން، ވިސާ މަޢާފްކޮށްދިނުމާއި، ޞިއްޙީ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާއާއި، އިޤްތިޞާދީ ތަރައްޤީގެ ދާއިރާއިން ވަނީ ޖުމްލަ ހަ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
މި ދަތުރުފުޅަކީ، ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ މިފަދަ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1995 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.