އިން ބެހި ގޮތުން ސަރުކާރުގެ ވެރިންނަށް ޝަރަފުގެ މެޑަލް ދޭންޖެހޭ: އަސްލަމް

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި، އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމާ އެކު އެ ކަމުގައި ރާއްޖޭގެ ފަރާތުން އުޅުއްވި ބޭފުޅުންނަށް ޝަރަފުގެ މެޑަލް އަރުވަން ޖެހޭ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

އިޓްލޮސްއިން ނިންމީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ދެ ގައުމުގެ ފުށުއަރާ އިގްތިސާދީ ސަރަހައްދު ބަހާލައިށެވެ.

އެކަމަކު، އެ ނިންމުމާ ގުޅިގެން އިއްޔެ ކުރީގެ ބައެއް ބަންޑާރަނައިބުންނާއި ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިލިމާލޭ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނައިބު ރައީސް އަހުމަދު އުޝާމް ވަނީ އިމުގެ މައްސަލައިގައި ސަރުކާރުގެ ވެރިންގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކެއް މަޖިލީހަށް ވައްދަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/176913

އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރަނީ މައްސަލައިގެ ހަގީގަތް އޮޅުވާލަން ކަމަށެވެ. އޭނާ ގަބޫލުކުރައްވައި ގޮތުގައި ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ އިން ވަކިނުކުރެވި އޮތް އެ ސަރަހައްދުގެ އިން ވަކިކުރެވިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ.

"ޝަރަފުގެ އިނާމެއް އަރުވަން ހައްގުވާ ވަރުގެ ބުރަ މަސައްކަތެއް އެ ބޭފުޅުން އެ ކުރެއްވީ. މި މައްސަލައިގައި ވަކާލާތު ކުރެއްވި ބޭރުގެ ލޯޔަރުންނަށް ވެސް ދިވެހި ދައުލަތުގެ ނަމުގައި ޝަރަފުގެ އިނާމު އަރުވަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އޭނާ ވިދާޅުވިއެވެ.

އެހެންވެ، މި މައްސަލައިގައި ހިމެނޭ ބޭފުޅުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ކުރިއަށް ގެންދެވިދާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވައެވެ.

"ހެޑްލައިން ހަދައިލެވިދާނެ ވަރަށް ބާރަށް، އެކަމަކު އެއީ އެއްވެސް ކަހަލަ ހަގީގަތެއް ނެތް ހެޑްލައިންތަކަކަށް ވެގެންދާނީ އިނގޭތޯ. އެ ކަމެއް ނުކުރެވޭނެ، އަޅުގަނޑު ގަބޫލެއް ނުކުރަން އެކަން ކުރެވިދާނެ ކަމަކަށް،" އިދިކޮޅަށް ފާޑު ވިދާޅުވަމުން އަސްލަމް ވިދާޅުވިއެވެ.

https://sun.mv/176917

މި މައްސަލައިގައި އިދިކޮޅު ޕާޓީތަކުން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ބޭފުޅުން މަސައްކަތް ކުރައްވަނީ މައްސަލަ ސިޔާސީ ކޮށްގެން އެހެން ނަތީޖާއެއް ނެރެން ކަމަށެވެ. އެހެންވެ، މައްސަލަ ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުން ހަގީގަތް އޮޅުވައިނުލާން އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބިގެން ދިޔައީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ. އިތުރުވީ ސަރަހައްދަކީ މިހާރު ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެކެވެ.

comment ކޮމެންޓް