ރައީސްގެ ސިޓީގެ ސަބަބުން ރާއްޖެއަށް ބައެއް ގެއްލުނު ކަމަކަށް ނުދެކެން: މުއިއްޒު

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު -- ފޮޓޯ/ ޕީއެސްއެމް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވުމަށް މަގުފަހިވި ކަމަށް ނުދެކޭ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު އެހެން ވިދާޅުވީ ޗާގޯސް މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތާ ދެކޮޅަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.

ގާސިމް ވިދާޅުވެފައި ވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީޒް (އިޓްލޮސް)ގެ ނިންމުމާއެކު، ދިވެހިން އިގުތިސާދީ ނަފާ ހޯދަން ލިބެން އޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ހޯދުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ. އަދި އިޓްލޮސްއިން އެގޮތަށް ނިންމުމުގައި ރައީސް ފޮނުއްވި ސިޓީ ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށް، އެ ނިންމުމުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގާސިމަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވީ އެ ނިންމުމުގައި ރާއްޖޭގެ ސިޔާސަތު ބަދަލުވިކަމަށް ހަވާލާދެނީ ޗާގޯސްގެ މައްޗަށް ސިޔާދަތު އޮންނާނީ މޮރިޝަސްއަށްތޯ ނުވަތަ އިނގިރޭސިވިލާތަށްތޯ އޮތް ސުވާލަށް ކަމަށެވެ.

އެކަމުގެ ތަފްސީލު ދެއްވަމުން މުއިއްޒު "ސަން"އަށް ވިދާޅުވީ، ރާއްޖެއިން އެދުނު ސަރަހައްދުން ބައެއް ނުލިބުނީ ރައީސް ފޮނުއްވި ސިޓީގެ ސަބަބުން ކަމަށް މައްސަލައިގެ ނިންމުމުގައި ބުނެފައިނުވާ ކަމަށެވެ.

"ރާއްޖެއިން ނުވެސް އެދޭ މާ ބޮޑު އިންތަކެއް ހޯދާކަށް ވެސް. އެ ސިޓީގަ އޮތް އިބާރާތެއްގެ ގޮތުން ނޫނީ ޖުމްލަކޮށް އެ ސިޓީއަށް ބަލާފަ މި ރާއްޖެއިން އެދުނު ކަމެއް ވާން ނެތް ކަމެއް ނެތް ނިންމާފަ،" މުއިއްޒު ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލައިގައި 58 އަހަރު ވީއިރު ވެސް ވަކި ގޮތެއް ނުނިންމައި އޮތުމަށް ފަހު، އިޓްލޮސްއިން މައްސަލަ ނިންމާފައި ވަނީ މިދިޔަ ހުކުރު ދުވަހެވެ.

ގާސިމްގެ އިތުރުން އިދިކޮޅު ޕާޓީތަކާއި ވެރިކަން ކުރާ މައި ޕާޓީގައި ވަކި ފެކްޝަނެއް ހިންގަވާ، ރައްޔިތުންގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށާއި އޭގެ ސަބަބަކަށްވީ ރައީސް ފޮނުއްވި ސިޓީ ކަމަށް ތުހުމަތުކުރައްވާފައެވެ.

ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވި ގޮތުގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ ޗާގޯސްގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ރާއްޖެއިން ބަލައިގެންކަމެވެ. އެއީ، އިމުގެ މައްސަލައާ ގުޅިގެން ފޮނުއްވި ސިޓީއެއް ނޫން ކަމަށާއި މިއީ ދެ މައްސަލައެއް ކަމަށް އެ މަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އިޓްލޮސްއިން ނިންމީ ރާއްޖެއާއި މޮރީޝަސްއާ ކަނޑުގެ ސަރަޙައްދުން ފުށުއެރި 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ދީ، މޮރީޝަސްއަށް 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ދިނުމަށެވެ.

މި ނިންމުމާ އެކު، ރާއްޖެއަށް 4687 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުނުނަމަ، އެ ސަރަހައްދު ލިބޭނީ މޮރިޝަސް އަށެވެ.

comment ކޮމެންޓް