ހެއްކާ ބޭހޭ ގާނޫނުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ވެއްޓޭނެ: އެމްއެމްސީ

މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެެރެއިން: އެ ކައުންސިލުން ވަނީ ހެއްކާބެހޭ ބިލްގެ 136 ވަނަ މާއްދާ އުނިކުރުމަށް ގޮވާލާފައި -- ފޮޓޯ: އެމްއެމްސީ

ހެއްކާބެހޭ ގާނޫނޫގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެއަށް ހީނަރުކަން އަންނާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.

ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާއަކީ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަށް އުނިކަން ލިބޭނެހެން، ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުވާ މާއްދާއެކެވެ.

އެ މައްސަލަ އެންމެ ފުރަތަމަ އުފެދިގެން އައިއިރު، އެމްއެމްސީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ހެއްކާ ބެހޭ ބިލުން އެ މާއްދާ އެއްކޮށް އުނި ކޮށްދިނުމަށް އެދިފައެވެ. ނަމަވެސް ނޫސްވެރިންގެ ކަންބޮޑުވުން އިންތިހާއަށް އޮތް އެ މާއްދާއާއެކު ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކޮށް، މިހާރު ވަނީ އެ ގާނޫނަށް އަމަލު ކުރާތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

"މި ކައުންސިލުން ގަބޫލު ކުރާ ގޮތުގައި ނޫސްވެރިން މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އެ ގާނޫނު ދެމި އޮތުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ފުރިހަމަ މިނިވަންކަން ގެއްލިފައި އޮތް ހާލަތެއް," އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮތް ހެއްކާ ބެހޭ ގާނޫނު އިސްލާހު ނުކޮށް އެތައް ދުވަހެއް ހޭދަކުރުމަށްފަހު، އަލުން އެ ގާނޫނު އިސްލާހު ނުކޮށް އަނބުރާ ކޮމިޓީ އަށް ފޮނުވައިލުމަށް ފަހު މަޖިލިސް ޗުއްޓީ އަށް ދިޔުމަކީ އެމްއެމްސީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށްޓައި ސަރުކާރުން އަހަންމިއްޔަތުކަން ދޭ މިންވަރާ މެދު އެމްއެމްސީން ވަނީ ސުވާލު އުފައްދާފައެވެ.

"މިހާރު ހެއްކާ ބެހޭ ބިލް އޮތީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބި މިނިވަން ނޫސްވެރިކަމާއި ތަހުގީގީ ނޫސްވެރިކަން ކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅޭ ފަދަ ގޮތަކަށް," އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ސަބަބަކީ، ހެއްކާބެހޭ ބިލުގެ 136 ވަނަ މާއްދާގައި މިހާރު ހިމަނާފައިވާގޮތުން ނަމަ، ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ތަޙްޤީޤުކުރާ ފަރާތުން ނުވަތަ ޕްރޮސކިޔުޓަރ ޖެނެރަލް ނުވަތަ ދަޢުވާލިބޭ ފަރާތުން ނޫސްވެރިޔާގެ މަޞްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ޙާލަތްތަކެއްގައި އެ މަޞްދަރު ހާމަކުރުމަށް ޝަރީޢަތުން މަޖުބޫރުކުރެވިދާނެ ކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ.

ހަމަ އެހެންމެ، ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ ކުށްތަކަކީ، ތަނަކަށް ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އަންނާނެ ކަމަކަށް ނުވާއިރު، އެކަންކަމަށްވެސް ރިއާޔަތްކުރުން މުހިއްމު ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން، ޓެރަރިޒަމްގެ ކުށްތައް އެކަނި ހިމަނަށް ނިންމާ ހާލަތުގައިވެސް، ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ ހަތް ވަނަ މާއްދާއާއި 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކަށް އެކަނި ހަނިކުރުން މުހިންމުކަމުގައި އެމްއެމްސީން ދެކެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ނުވަތަ ދަޢުވާލިބޭ ފަރާތުން މަސްދަރު ހޯދަން އެދުމުގެ ބަދަލުގައި، އާންމު އުސޫލެއްގެ ގޮތުން އެކަންކަމަކީ ތަހުގީގު މަރުހަލާގައި ހޯދަންޖެހޭ މައުލޫމާތަށްވާތީ، ހަމަ އެކަނި ތަހުގީގީ އިދާރާއިން އެދުމުން، އެ ނޫން އެއްވެސް ގޮތެއް ނެތިގެން މެނުވީ މަސްދަރު ނުހޯދޭނެގޮތަށް ހިމެނުމަށްވެސް ފާހަގަކޮށްފައިވާނެ އެވެ. ހަމަ އެހެންމެ، އެ މާއްދާގައި ބަޔާންކުރާ ހާލަތެއް ސާބިތު ކުރުމުގެ ބަދަލުގައި 136 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް ވެސް މަދަނީ މިންގަނޑުން ސާބިތުރުކުރެވިގެން މެނުވީ މަސްދަރު ހާމަކުރުމަށް ނޭންގޭނެ ގޮތަށް ހިމެނުމަށްވެސް އެމްއެމްސީން ވާނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހަޅައިފަ އެވެ.

ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާއަށް އެމްއެމްސީގެ ފުރަތަމަ ހުށަހެޅުމަކީ އެ މާއްދާ ބިލުން އެއްކޮށް އުނި ކުރުމެވެ. ނަމަވެސް އެ މާއްދާ އެއްކޮށް އުނި ނުކުރުމަށް ނިންމަވާ ހާލަތުގައި, އެމްއެމްސީން ފާހަގަކޮށްފައިވާ އެންމެހާ ކަންކަމަށް ރިއާޔަތްކުރުމަށް ފަހު ވީހާވެސް އަވަހަށް އެ ގާނޫނު އިސްލާހު ކުރުމަށް ވަނީ ގޮވާލާފައެވެ.

"މި ގާނޫނު މިހާރު އޮތްގޮތަށް އޮތުމަކީ ޕްރެސް ފްރީޑޮމް އިންޑެކްސްގައި ދިވެހިރާއްޖެ އަށް ހީނަރުކަން އަންނާނެ ކަމެއް ކަމުގައިވެސް މި ކައުންސިލްއިން ދެކެން," އެމްއެމްސީން ވަނީ ބުނެފައެވެ.

ނޫސްވެރިންގެ ކަންބޮޑުވުން އޮތް ގާނޫނުގެ މަސައްކަތް އިތުރަށް ދިގުނުދަންމައި ވީހާވެސް އަވަސް ހައްލެއް ހޯދައި ދިނުމަށް އެމްއެމްސީން ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު އާންމު ކުރަމުން އަންނަ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް ގައި ރާއްޖެ ވަނީ މިދިޔަ އަހަރު 15 ދަރަޖަ ފަހަތަށް ވެއްޓިފައެވެ.

އެ ލިސްޓްގައި މިދިޔަ އަހަރު ރާއްޖެ އޮތީ 87 ވަނައިގައެވެ. އަދި 2021 ވަނަ އަހަރު އެ އިންޑެކްސްގައި ރާއްޖެ އޮތީ 72 ވަނައިގައެވެ. އެހެންކަމުން އެއީ 15 ދަރަޖައިގެ ވެއްޓުމެކެވެ. މިއީ ފާއިތުވި ހަތަރު އަހަރު ދުވަހަށް ބަލާނަމަ މި އިންޑެކްސްގައި ރާއްޖެ އެންމެ ފަހަތަށް ދިޔަ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް