ގުރައިދޫ ބައި އިލެކްޝަން: ރިޒާގެ މަރުހަބާ ޝާޒްއަށް

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވި، ޕީޕީއެމް ކެންޑިޑޭޓް ޙުސައިން ރިޒާ، އަދި އެމްޑީޕީގެ ކެންޑިޑޭޓް، އިބްރާހިމް ޝާޒް--- ފޮޓޯ/ ޙުސައިން ރިޒާގެ ޓްވިޓާ

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުން ނާކާމިޔާބުވެވަޑައިގެންނެވި ޕީޕީއެމް ކެންޑިޑޭޓް ޙުސައިން ރިޒާ އާދަމް، އެ އިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް، އިބްރާހީމް ޝާޒްއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ކުރިޔަށް ދިޔަ ގުރައިދޫ ދައިރާގެ ބައި އިލެކްޝަން، ޝާޒް ކާމިޔާބުކުރެއްވުމާ ގުޅިގެން ޝާޒަށް މަރުޙަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައި ރިޒާ ވިދާޅުވީ އޭނާގެ އަޚް، ޝާޒަށް އިޚްލާސްތެރިތަހުނިޔާ އާއި މުބާރިކުބާދީ ދަންނަވާ ކަމަށެވެ.

ރިޒާގެ ޓްވީޓުގައި ވަނީ އޭނާއަށް ވޯޓުދެއްވައި، ގާތްކަން ބެހެއްޓި ގުޅި، ގުރައިދޫ އަދި މާފުށީގެ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ. އަދި ކެމްޕެއިން ޓީމާއި، ޕީޕީއެމްގެ ލީޑާޝިޕަށް ވެސް އޭނާ ޝުކުރު ދަންނަވާފައިވެއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، މިއީ ވޭތުވެދިޔަ 14 އަހަރުދުވަހުގެ ތެރޭގައި އެދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުނު ފުރަތަމަ ފަހަރެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އާންމުކުރި ވޯޓު ފޮށިތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ސަތޭކައަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުން ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް ޝާޒްއެވެ.

ގުރައިދޫ ދާއިރާގެ ކޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް މެލޭޝިޔާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

comment ކޮމެންޓް