ފޮއެނިކްސްގެ މައްޗަށް ކުރިހޯދައި ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އީގަލްސްއިން ހޯދައިފިއެވެ.
އަންހެން ފިރިހެން ދެ ޑިވިޝަނަކަށް ބަހާލައިގެން ވެލިދޫގައި ކުރިއަށް ގެންދާ ވޮލީ މުބާރާތުގައި ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު އީގަލްސްއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނުނުއިރު އީގަލްސްއިން މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ 25-20 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓު 25-16 ގެ ނަތީޖާއަކުން އެ ޓީމު ކާމިޔާބުކުރިއިރު މެޗުގެ ފަހު ސެޓު އީގަލްސްއިން ކާމިޔާބުކުރީ 25-21 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އީގަލްސްގެ މުހައްމަދު އާނިފްއެވެ.
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ފޮއެނިކްސްގެ އަބްދުﷲ އިމްރާންއާއި، ތަންޑާގެ މުހައްމަދު ނުޖުލާއުއާއި ލެޖެންޑްސްގެ އަލީ އަޝްރަފްގެ އިތުރުން އީގަލްސްގެ އަހުމަދު އާސިމްއާއި އަހުމަދު އާލިފްއާއި އެ ޓީމުގެ އާނިފްއެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކީ އީގަލްސްގެ ހަސަން އަބްދުލް ގާދިރެވެ.
މީގެއިތުރުން މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އީގަލްސްގެ ކޯޗު އިސްމާއިލް އަހުމަދެވެ. އެ މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ލެޖެންޑްސްއެވެ.
ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގަކީ އެ ރަށު ޒުވާނުންގެ އިސްނެގުމަކަށް ވެލިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެ މުބާރާތުގައި ފިރިހެން ފަސް ޓީމް ބައިވެރިވާއިރު، އަންހެން ތިން ޓީމެއް ވާދަކުރެއެވެ.
އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ފައިނަލް މެޗުގައި މިސްޓީރިއަސްއާ ވާދަކޮށް ހޯދައިފައިވަނީ ސްޕައިކާސްއެވެ.
ވެލިދޫ ރަމަޟާން ވޮލީބޯލް ލީގުގެ މެއިން ސްޕޮންސަރަކީ ރެސްޓް ބްލޮކްސްއެވެ. އަދި، މީޑިއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.