ރާއްޖެ ޓީމުގެ ކެޕްޓަނަކަށް ހައްވަ، ވައިސް ކެޕްޓަނަކަށް ޖޫޒާން

ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސި ހައްވާ ރާޝިދާއަށް ޖާރޒީ ހަވާލުކޮށްދެނީ--- ފޮޓޯ: ސަން

އަންނަ ހޮނިހިރު ދުވަހު މާލޭގައި ފެށުމަށް ތައްޔާރުވާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) ގެ ސީނިއާ އަންހެން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަނަކަށް ހައްވާ ރާޝިދާ، އަދި ވައިސް ކެޕްޓަނަކަށް ފާތިމަތު ޖޫޒާން ޒަރީރު ހަމަޖައްސައިފިއެވެ.

ސޯޝަލް ސެންޓަރު ހަރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ކެޕްޓަން އަދި ވައިސް އިއުލާނުކުރި އިރު ޓީމުގެ ކުޅުންތެރިންނަށް ޖާރޒީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސެއިން މުޙައްމަދު ލަތީފެވެ.

ގައުމީ ވޮލީބޯޅަ ޓީމުގެ ވައިސް ކެޕްޓަން ފާތިމަތު ޖޫޒާން ޒަރީރު-- ފޮޓޯ: ރައީސް އޮފީސް

މީގެއިތުރުން ކުޅިވަރާބެހޭ ވުޒާރާގެ ބައެއް އިސްވެރިންނާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަތީފް ބައިވެރިވެވަޑައިގެންނެވި އެވެ.

މިމަހުގެ 20-25 އަށް މާލޭގައި ކުރިއަށްދާ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ހައްވާ ރާޝިދާއެވެ. އަދި ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ފާތިމަތު ޖޫޒާން އެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ގައުމީ ޓީމު

  • ހައްވާ ރާޝިދާ (ކެޕްޓަން)
  • ފާތިމަތު ޖޫޒާން ޒަރީރު
  • އާމިނަތު އަރީޝާ
  • އާމިނަތު ޝަހާ ޝާމިން
  • އާމިނަތު އަރީޝާ
  • ފާތިމަތު އަޒުމާ
  • މާޔާ ހުސެއިން ސޮލާހު
  • ނަރީމާ އިދުރީސް
  • މައިހާ އަލީ
  • އާމިނަތު މާނާ ނާޒިމް
  • ހައިފާ އިމާދު
  • މަނާލް އިސްމާއީލް ރަޝީދު
  • މަރިޔަމް ރިޝްފާ
  • ހައްވާ ސަހާ

ޓީމުގެ ހެޑް ކޯޗު: މުހައްމަދު ނަދީމް

އެސިސްޓަންޓް ކޯޗު: ފަތުހުﷲ ވަހީދު (ފައްލޯ)

އެސިސްޓަންޓް ކޯޗު: އައިމިނަތު ޒީނާ

މެނޭޖަރ: އިބްރާހިމް ނާފިއު

ފިޒިއޯ: ޝަރަންޕްރީތު ކޯރް

ގައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންނާއެކު ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް-- ފޮޓޯ: ރައީސް އޮފީސް

ޖުމްލަ ހަތަރު ގައުމަކާއެކު ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެރޭ ބައްދަލުކުރާނީ ބަންގްލަދޭޝް އާއެވެ.

އެންމެފަހުން ބޭއްވި މުބާރާތުގައި ރާއްޖެ ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. ރާއްޖެއާއެކު މި މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ބަންގްލަދޭޝް، އަފްޣާނިސްތާން، ކިރްގިސްތާނެވެ. މުބާރާތުގެ މެޗުތައް އޮންނާނީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައެވެ.

comment ކޮމެންޓް