ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަން ޗެމްޕިއަންކަން ސްޕައިކާސްއަށް

ސްޕައިކާސްއިން މުބާރާތުގެ ތަށި އުފުލާލަނީ ---

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ސްޕައިކާސްއިން ހޯދައިފިއެވެ.

އަންހެން ފިރިހެން ދެ ޑިވިޝަނަކަށް ބަހާލައިގެން ވެލިދޫގައި ކުރިއަށް ގެންދާ ވޮލީ މުބާރާތުގައި ފުރަތަމަ ކުޅެފައިވަނީ އަންހެން ޑިވިޝަންގެ މެޗުތަކެވެ.

ސްޕައިކާސްއިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި މިސްޓީރިއަސްއާ ވާދަކޮށް އެ ޓީމު ބަލިކޮށްގެންނެވެ.

އެ ޓީމު ފައިނަލް މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓު 25-15 އިން ކާމިޔާބުކުރިއިރު ދެވަނަ ސެޓު ސްޕައިކާސްއިން ކާމިޔާބުކުރީ 25-16 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ތިންވަނަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-23 އިންނެވެ.

އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންނަށް ހޮވިފައިވަނީ ސްޕައިކާސްގެ ލިއުޝާ އީސާއާއި، އެ ޓީމުގެ އައިޝަތު މުޙައްމަދުގެ އިތުރުން މިސްޓީރިއަސްގެ ފާތިމަތު ރިޒްވީންއާއި، މަރިޔަމް ރަޝީދާއާއި، ނިޝްރީން އަބްދުލް ލަތީފްގެ އިތުރުން ބްލޯސަމްގެ އައިޝަތު އަބްދުލް ރަހްމާންއެވެ.

މީގެ އިތުރުން އެ މުބާރާތުގެ އެންމެ މޮޅު ކޯޗަަކަށް ހޮވިފައިވަނީ ސްޕައިކާސްގެ ކޯޗު އަޙްމަދު ޒިޔާދުއެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަކީ ވެސް ސްޕައިކާސްއެވެ.

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގަކީ އެ ރަށު ޒުވާނުންގެ އިސްނެގުމަކަށް ވެލިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެ މުބާރާތުގައި ފިރިހެން ފަސް ޓީމް ބައިވެރިވާއިރު، އަންހެން ތިން ޓީމެއް ވާދަކުރެއެވެ.

ވެލިދޫ ރަމަޟާން ވޮލީބޯލް ލީގުގެ މެއިން ސްޕޮންސަރަކީ ރެސްޓް ބްލޮކްސްއެވެ. އަދި، މީޑިއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް