ލާމަސީލު ލާމު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ބެސްޓް އެންކަރޭޖިން ސޮސައިޓީ ފޯ ތުނޑި (ބެސްޓް) އިން ހޯދައިފިއެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ބެސްޓް ހޯދާފައިވަނީ މުބާރާތުގެ ފައިނަލުގައި މުންޑޫ ޒުވާނުންގެ ޖަމުއިއްޔާއާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ސެެޓު ބެސްޓުން ގެންދިޔައީ 25-17 އިންނެވެ. މިއީ މި މެޗުގައި މުންޑޫ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ސެޓެވެ. ނަމަވެސް ތަޖުރިބާކާރު ކުޅުންތެރިންނާއެކު ބެސްޓުން ވަނީ ހޯދި ޕޮއިންޓުތަކާއެކު މި ސެޓު ކާމިޔާބުކޮށްފައެވެ.
ދެވަނަ ސެޓުގައި މުންޑޫ ފެނުނީ ފުރަތަމަ ސެޓަށްވުރެ ދަށްކޮށެވެ. މި ސެޓު ބެސްޓް ކާމިޔާބުކޮށްފައިވަނީ 25-10 ގެ ބޮޑު ތަފާތަކުންނެވެ. އަދި ތިންވަނަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-13 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއާގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗެމްޕިއަންކަން ހޯދި ބެސްޓް ޓީމިުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ހައްވާ މާޖިދާއެވެ.
މީގެއިތުރުން މުބާރާތުގެ 21 އަހަރުންދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާހިނަ ޔުނައިޓެޑަށް ކުޅެމުން އަންނަ ޒުވާން ގައުމީ ޓީމުގެ އުންމީދީ ތަރި މިންހަތު މުހައްމަދެވެ.
އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ ބެސްޓް ޓީމުގެ މަރިޔަމް ޝިޒާނާ، ފާތިމަތު މަޒިއްޔާ، އައިޝަތު މާޖިދާ، މާހިންނަގެ މަރިޔަމް ރީޝާގެ އިތުރުން މުންޑޫ ޒުވާނުންގެ ޖަމުއިއްޔާގެ އައިޝަތު މަހްފޫޒާ، އަދި އެންމެ މޮޅު ލިބެރޯއަކަށް ހޮވުނު މަރްޔަމް ޝިފްނާއެވެ.
އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން ބެސްޓް ޓީމުގެ މުޖުތާޒް އަލީއެވެ.
ލާމަސީލު ލާމު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި މިއަހަރު ރާއްޖޭގެ އަންހެން ވޮލީގައި ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް ވަނީ ކުޅެފައެވެ. އަދި އުންމީދީ ގިނަ ކުޅުންތެރިންތަކެއް ފެނިގެންދިޔައެވެ.