އޭއެފްސީގެ މަގާމަކަށް ޖަވާ އައްޔަންކޮށްފި

ޖެނުއަރީ 24، 2020: ކޮކާ ކޯލާއިން އިންތިޒާމުކޮށްގެން އެފްއޭއެމްއާއި މޯލްޑިވްސް ސޮކާ މޭޓްސް ގުޅިގެން ކުޅުނު ލެޖެންޑް ކަޕުގެ ފުޓްބޯޅަ މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އޭއެފްސީގެ ޑިވެލޮޕްމަންޓް ކޮމިޓީގެ މެމްބަރު ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ޖަވާ) އައްޔަންކޮށްފިއެވެ.

އޭއެފްސީގެ ޑިވެލޮޕްމަންޓް ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ޖަވާ 2023 އިން 2027 އަށް މަސައްކަތް ކުރާނެއެވެ. އަދި އޭނާ ވެގެން ގޮސްފައިވަނީ މި ކޮމިޓީގައި މަސައްކަތްކުރާ ދިވެހިރާއްޖޭގެ ފުރަތަމަ މީހާއަށެވެ.

ޖަވާ މި މަގާމަށް އައްޔަންކުރިއިރު، މީގެ ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އޭއެފްސީގެ ހިންގާ ކޮމެޓީއަށް އިންތިޚާބުވެފައެވެ.

އޭއެފްސީ ޑިވެލޮޕްމަންޓް ކޮމިޓީގެ ޒިންމާއަކީ އޭޝިއާ ފުޓުބޯޅަ ޑިވެލޮޕްމަންޓްގެ އެންމެހާ ކަންކަމުގައި އޭއެފްސީ އެގްޒެކެޓިވް ކޮމެޓީއަށް ލަފާދިނުމެވެ. މީގެ އިތުރުން އޭއެފްސީގެ އެކިއެކި ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ކަންކަން ބެލެހެއްޓުމާއި އޭޝިއާ ފުޓުބޯޅައިގެ ޑިވެލޮޕްމަންޓާއި ގުޅޭ ކޮމްނެ ކަމެއް ވީ އެންމެ ރަނގަޅަށް ވިލަރެސް ކުރުން ހިމެނެއެވެ.

އެފްއޭއެމްގެ ރައީސްކަމަށް 2016 ވަނަ އަހަރު ބައްސާމް އިންތިޚާބުވުމަށްފަހު އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީގެ ޒިންމާތަކާ ހަވާލުވެވަޑައިގަތީ ޖަވާއެވެ. އޭގެ ކުރިން 2014 ވަނަ އަހަރުވެސް ޖަވާ އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީގެ މަގާމު ފުރުއްވިއެވެ.

ޖަވާ އަންނަނީ އޭޝިއާގެ މައި އިދާރާ އޭއެފްސީ އާއި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލް ކުރަމުންނެވެ.

comment ކޮމެންޓް