އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ދެ ރައީސުން އެކުގައި ފެނިފައިވަނީ އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފައިލް ފޮޓޯ/ ރައީސް އޮފީސް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ސައްހަ ނޫން ކަމަށް ކަނޑައެޅުމަށާއި ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ހަވާލުކުރުން ހުއްޓުވައިދިނުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ބޭއްވުމަށް ތާވަލްކޮށްފިއެވެ.

ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި އެދިފައިވަނީ އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި 39،000 މެމްބަރުން އުނިކުރީ ޕާޓީން މެންބަރުން ވަކިކުރަން ޖެހޭ އުސޫލާ އެއްގޮތައް ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ. ޕްރައިމަރީގެ ކެމްޕޭންގައާއި ކެމްޕޭނަށް ފަހުގައި ވެސް ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ ތަކުރާރުކޮށް އެ ތުހުމަތު ކުރައްވައިފައެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އަލީ އަމްޖަދަށް މިއަދު އެ ކޯޓުން ފޮނުވި ޗިޓްގައި ވަނީ މައްސަލައިގެ އަޑުއެހުމެއް މާދަމާ 11:30 ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ. އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.

ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް ރައީސް ޞާލިޙަށް އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަށް ތާއީދުނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެމްޑީޕީން ވަނީ މީގެ ކުރިން އުސޫލާ ހިލާފަށް ގިނަ މެމްބަރުންތަކެއް ވަކިކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. އެ ޕާޓީން ބުނީ، ވަކިކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި އެހެން ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި ތިބި މީހުން ކަމަށެވެ. އަދި، ޕާޓީގެ ދަފުތަރުން ވަކި ކުރުމުގެ ކުރިން އަލުން އެ ޕާޓީއާ ގުޅުމުގެ ފުރުސަތު އެ މެންބަރުންނަށް ދިން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެކަމަކު، ނަޝީދު ގެންދަވަނީ އެއީ އޮޅުވާލުމެއްގެ ތެރެއިން އެ މަނިކުފާނަށް ތާއީދުކުރާ މެންބަރުން ވަކި ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރައްވަމުންނެވެ.

އެހެންވެ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުނުކޮށް، ޕާޓީ ތެރޭ ސިޔާސީ ވަކި ހަރަކާތެއް ހިންގަން އެ މަނިކުފާނު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ރިޔާސީ ޓިކެޓް ހަވާލުކުރުން ހުއްޓުވައިދިނުމުގެ އަމުރަކަށް އެދިފައިވާއިރު، އެމްޑީޕީން ވަނީ ރަސްމީކޮށް ރައީސް ޞާލިޙަށް ރިޔާސީ ޓިކެޓު އަރުވައިފައެވެ.

comment ކޮމެންޓް