މިސްޓީރިއަސް ބަލިކޮށް ބްލޯސަމްއިބން ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.
އަންހެން ފިރިހެން ދެ ޑިވިޝަނަކަށް ބަހާލައިގެން ވެލިދޫގައި ކުރިއަށް ގެންދާ ވޮލީ މުބާރާތުގައި ފުރަތަމަ ކުޅެން ހަމަޖެހިފައިވަނީ އަންހެން ޑިވިޝަންގެ މެޗުތަކެވެ.
އެގޮތުން ރޭ ވަނީ މިސްޓީިރިއަސް އާއި ބްލޯސަމް ވާދަކޮށްފައެވެ. އެ މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބުކުރީ ބްލޯސަމައިންނެވެ.
ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނުނު އެ މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ 25-19 ގެ ނަތީޖާއަކުންނެވެ.
ނަމަވެސް ދެވަނަ ސެޓުގައި މިސްޓީރިއަސް އިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ދެވަނަ ސެޓު ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ސެޓު މިސްޓީރިއަސްއިން ކާމިޔާބުކުރީ 25-16 ގެ ނަތީޖާއަކުންނެވެ.
ނަމަވެސް ތިންވަނަ ސެޓު ކާމިޔާބުކޮށް ބްލޯސަމްއިން ވަނީ އަލުން މެޗުގެ ލީޑުނަގައިފައެވެ. އެ ސެޓު ބްލޯސަމަައިން ކާމިޔާބުކުރީ 25-22 ގެ ނަތީޖާއަކުންނެވެ.

ބްލޯސަމްއާއި މިސްޓީރިއަސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ވެލިދޫ ރަމަޟާން ވޮލީ ލީގު
މެޗު އަނެއްކާވެސް ފޯރިގަދަވީ ހަތަރު ވަނަ ސެޓު މިސްޓީރިއަސްއިން ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރުމުންނެވެ. އެ ޓީމުން އެ ސެޓު ކާމިޔާބުކުރީ 25-16 ގެ ނަތީޖާއަކުންނެވެ.
އެހެންކަމުން ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓު ބްލޯސަމްއިން ވަނީ ކާމިޔާބުކޮށްފައެވެ. އެ ޓީމު އެ ސެޓު ގެންދިޔައީ 15-12 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބްލޯސަމްގެ އައިޝަތު އަބްދުއްރަހްމާންއެވެ.
އެ މުބާރާތުގެ ފުރަތަމަ މެޗުގައި މިސްޓީރިއަސް ވަނީ ސްޕައިކާސް 3-1 ސެޓުން ބަލިކޮށްފައެވެ. ރޭގެ މެޗަކީ ބްލޯސަމްގެ ފުރަތަމަ މެޗެވެ.
ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގަކީ އެ ރަށު ޒުވާނުންގެ އިސްނެގުމަކަށް ވެލިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެ މުބާރާތުގައި ފިރިހެން ފަސް ޓީމް ބައިވެރިވާއިރު، އަންހެން ތިން ޓީމެއް ވާދަކުރެއެވެ.
ވެލިދޫ ރަމަޟާން ވޮލީބޯލް ލީގުގެ މެއިން ސްޕޮންސަރަކީ ރެސްޓް ބްލޮކްސްއެވެ. އަދި، މީޑިއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.