ރާއްޖޭގައި ބޭއްވި ސެންޓްރަލް އޭޝިޔާ ވޮލީބޯލް އެސޯސިއޭޝަން (ކަވާ) ވިމެންސް ވޮލީބޯލް ޗެލެންޖު ކަޕްގެ ފައިނަލްގައި މިރޭ ރާއްޖެއާއި ކްރިގިސްތާނު ބައްދަލުކުރި މެޗު، ކްރިގިސްތާނުން ކާމިޔާބުކޮށްފިއެވެ.
ފައިނަލްގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. އެ ގޮތުން 25-17އިން މެޗުގެ ފުރަތަމަ ސެޓު ނެގީ ކްރިގިސްތާނުންނެވެ. ދެވަނަ ސެޓު 26-24އިން ރާއްޖެއިން ނެގިއިރު، ތިންވަނަ ސެޓު 25-22އިން ނެގީ ކްރިގިސްތާނުންނެވެ.

ކަވާ ވިމެންސް ވޮލީބޯލް ޗެލެންޖު ކަޕްގެ ފައިނަލް: މެޗުގައި ފެނިގެން ދިޔައީ ވަރަށް ވާދަވެރި ކުޅުމެއް -- ފޮޓޯ/ ވޮލީބޯލް އެސޯސިއޭޝަން
ފައިނަލްގެ ފަހު ސެޓު ކްރިގިސްތާނުން ނެގީ 9-15އިންނެވެ.
މާލޭ ސޯޝަލް ސެންޓަރުގައި ހޯސްޓުކުރި ކަވާ ވިމެންސް ވޮލީބޯލް ޗެލެންޖުގެ ފައިނަލް މެޗުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ކުޅުންތެރިންނަށް ހިތްވަރުދިންކަން ފާހަގަ ކުރެވެއެވެ.
ގައުމީ ޓީމަށް ހިތްވަރު ދެއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައިވަނީ، ގައުމީ ޓީމުގެ ހިތްވަރާއި އަޒުމާއިމެދު ފަޚުރުވެރިވެ، ސާބަސް ދެއްވާ ކަމަށެވެ. އަދި އެ ޓީމަށް އިތުރު ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
ކަވާ ވިމެންސް ވޮލީބޯލް ޗެލެންޖު ކަޕްގެ ފައިނަލުން ބަލިވިޔަސް، މި މުބާރާތުގައި ރާއްޖޭގެ އަންހެން ވޮލީބޯލް ޓީމުގެ މޮޅު ކުޅުން ފެނި ގިނަ ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ.