ރާއްޖޭގައި މިހާރު ކުރިއަށްދާ ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގައި ނޭޕާލް އަތުންވެސް ރާއްޖެ ބަލިވެއްޖެ އެވެ.
ނޭޕާލް އަތުންވެސް ރާއްޖެ ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ނޭޕާލުން ކާމިޔާބުކޮށްފައިވަނީ 25-16، 25-09 އަދި 25-10 އިންނެވެ. ރާއްޖޭގެ ފަރާތުން މި މެޗުގައި ފެނުނީ ދަށް ކުޅުމެކެވބެ.
ރާއްޖެ އަތުން ހޯދި މޮޅާއެކު ނޭޕާލަށް މި ވަނީ މުބާރާތުގެ ފުރަތަމަ މޮޅު ލިބިފައެވެ. އެ ޓީމު ވަނީ ސްރީ ލަންކާ އާއި ކިރްގިސްތާނު އަތުން ބަލިވެފައެވެ. މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވީ ކިރްގިސްތާނު އަތުންނެވެ. ދެވަނަ މެޗުގައި ބަލިވީ ސްރީ ލަންކާ އަތުންނެވެ. މި ހުރިހާ މެޗަކުންވެސް ރާއްޖެ ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު ނޭޕާލުން ކާމިޔާބުކުރި އިރު މި ސެޓުގައި ދިވެހި ޓީމުގެ ފަރާތުން ރަނގަޅު ދަނޑިވަޅުތަކެއް ފެނުނެވެ. ހާއްސަކޮށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ މާޔާގެ ހުށިޔާރުކަން ފެނުނެވެ. މި ސެޓު ނޭޕާލުން ކާމިޔާބުކުރީ 25-16 އިންނެވެ.
ދެ ވަނަ ސެޓު ފަށައިގެން ލީޑުކުރީ ވެސް ނޭޕާލުންނެވެ. ނޭޕާލުގެ ބާރު ހަމަލާތައް ހުއްޓުވުމުގައި ދިވެހި ޓީމަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. މި ސެޓު ނޭޕާލުން ގެންދިޔައީ 25-09 އިންނެވެ. ރާއްޖޭގެ ފަރާތުން މި ސެޓުގައި ގިނަ ގޯސްތަކެއް ފެނުނެވެ. ތިންވަނަ ސެޓުގައި ވެސް ނޭޕާލް ޓީމުގެ ފަރާތުން ފެނިގެންދިޔައީ އިތުބާރާއެކު ކުޅުނު މަންޒަރެވެ. އެއާއެކު, މި ސެޓުގެ ކުރީކޮޅު ނޭޕާލުން ވަނީ ބޮޑު ލީޑެއް ނަގާގެން ކުޅެފަ އެވެ. އެއީ 25-10 އިންނެވެ.
މުބާރާތުގެ ރޭންކިން މެޗުގައި ރާއްޖެ ބައްދަލުކުރަން ޖެހޭނީ އެއްވަނައިގައި އޮތް ޓީމާއެވެ. އެއްވަނަ ޓީމު އެނގިގެންދާނީ މިރޭ ކިރްގިސްތާނާއި ލަންކާ ބައްދަލުކުރާ މެޗުންނެވެ. އެ މެޗުން މޮޅުވާ ޓީމެއް ބައްދަލުކުރަން ޖެހޭނީ ރާއްޖެއާއެވެ.
ޖުމްލަ ހަތަރު ގައުމު މި މުބާރާތުގައި ވާދަކުރެއެވެ. އެއީ ރާއްޖޭގެ އިތުރުން ނޭޕާލާއި ލަންކާގެ އިތުރުން ކިރްގިސްތާނެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.