އެފްއައިވީބީ ލެވެލް އެކެއްގެ ކޯޗިން ކޯހެއް މާލޭގައި ފަށައިފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާއި އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަން (އެފްއައިވީބީ) ގުޅިގެން ރާއްޖޭގައި އެފްއައިވީބީ ކޯޗިން ލެވެލް އެކެއްގެ ކޯހެއް ފަށައިފިއެވެ.

މާލޭގައި މި ކޯސް ކުރިއަށްދާނީ މިމަހުގެ 27-31 ގެ ނިޔަލަށެވެ. ކޯހުގައި ޖުމްލަ 45 ބައިވެރިން ބައިވެރިވެއެވެ. އެއީ އިންޑިއާއިން 13 ބައިވެރިން، ޖަޕާނާއި ސްރީ ލަންކާއިން އެއް ބައިވެރިއެއްގެ އިތުރުން ރާއްޖެއިން 29 ބައިވެރިންނެވެ. އަދި އެމެރިކާއިން ވެސް ވަނީ އެކަކު ބައިވެރިވެފައެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ނައިބު ފާތިމަތު ފަޒުލާ ރަޝީދެވެ. މީގެ އިތުރުން ވީއޭއެމްގެ ރައީސް އަދި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ސީއޭވީއޭ)ގެ ރައީސް މުޙައްމަދު ލަޠީފުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޯސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މުޙައްމަދު ލަތީފް ވަނީ ވޮލީ ކުރިއެރުވުމުގައި ކޯޗުންނާއި އެހެނިހެން ފަންނީ އޮފިޝަލުން ބިނާކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ވިދާޅުވީ ވީއޭއެމްއަކީ ކޯޗުންނާއި ކުޅުންތެރިން ކުރިއެރުވުމަށް ހަމަހަމަކަމާއެކު ފުރުސަތުދޭނެ ބައެއް ކަމަށާއި ރާއްޖޭގެ ވޮލީގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސަޢީދު ވަނީ ކޯސް ކުރިއަށްގެންދިއުމުގައި އެފްއައިވީބީގެ ފަރާތުން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކޯސް ކުރިއަށްގެންދިއުމަށް އެންމެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސްރީދަރަން ފޮނުއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ގައުމީ ފެޑެރޭޝަންތަކަށް އެފްއައިވީބީން ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

މި ކޯހަކީ ކޯޗުންނަށް ބޭނުންވާ އިލްމާއި ހުނަރު ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ ކޯހެއް ކަމަށް ވީއޭއެމުން މައުލޫމާތުދެއެވެ. އަދި މި ކޯހަކީ ޕްލޭޔާ ޑިވެލޮޕްމަންޓް، ޓީމް ސްޓްރެޓެޖީ، ޓެކްޓިކްސް އަދި ގޭމް އެނަލިސިސް ފަދަ ތަފާތު ބައިތަކެއް ހިމެނޭގޮތަށް އެކުލަވާލާފައިވާ ކޯހެއްކަމަށް ވެސް އެސޯސިއޭޝަނުން ބުނެއެވެ.

comment ކޮމެންޓް