ހަސަންގެ ތުހުމަތު ސަރުކާރަށް: ބައެއް ކުންފުނިތައް އުފެއްދީ ކޮރަޕްޝަން ހިންގަން

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ ބައެއް ކުންފުނިތައް އުފެއްދީ ވެސް ސީދާ ކޮރަޕްޝަން ހިންގުމުގެ މަގުސަދުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ލަތީފު ތުހުމަތު ކުރައްވައިފިއެވެ.

ސަރުކާރު ކުންފުނިތައް އުފެއްދުމާއި ރެގިއުލޭޓް އަދި މޮނީޓާ ކުރަން ގާނޫނެއް އުފެއްދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ސަރުކާރުގެ ތެރޭގައި އެންމެ ބޮޑަށް ވައްކަން ކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކަމަށެވެ.

ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ ހަސަން ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް ތިއްބެވި ބޭފުޅުން އަންނަނީ ވައްކަން ކުރަމުންނެވެ. އަދި، ދެވަނަ ދައުރެއް ހޯދަން އުޅެނީ ވެސް އެކަން ކުރަން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.

"އަޅުގަނޑުމެންނަށް އެނގޭ ރައީސުލްޖުމްހޫރިއްޔާއަށް ދެވަނަ ދައުރެއް ބޭނުންވެގެން މި ކުންފުނިތަކުގެ ތިއްބެވި އިސްބޭފުޅުންގެ ތެރެއިން މި ކަންކަން ހިންގަމުންދާ ބޭފުޅުން އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދެވަނަ ދައުރެއް ދެއްވާކަށް ނޫން. އެ ބޭފުޅުން ހިންގަވާ ކަންކަމަށް ދެވަނަ ދައުރެއް ބޭނުންފުޅު ވެގެން." ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުންފުނިތަކުގެ ވެރިންނަށް ތިއްބެވި ބައެއް ބޭފުޅުންނަށް ވެރިކަމުގެ ދެވަނަ ދައުރެއްގައި ވެސް އެ ބޭފުޅުން އެ ކުންފުނިތަކުގައި ވެރިންގެ ގޮތުގައި ބައިތިއްބާނަމަ ކޮންމެ ބޭފުޅަކު ވެރިކަމަށް އަޔަސް އެ ބޭފުޅުންނަށް މައްސަލައަކަށް ނުވާނެ ކަމަށެެވެ.

ބޭނުންވަނީ "ވައްކަން" ކުރާނެ އިތުރު ދައުރެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި ރެގިއުލާޓު ކުރުމާއި މޮނިޓާ ކުރުމާއި އަދި އެ ކުންފުނި ހިންގާނެ ގޮތުގެ އޮނިގަނޑެއް އެކުލަވައިލެވި، އަދި އެ ކުންފުނި އުވާލެވޭ ހާލަތުގައި އެ ކުންފުނި އުވާލާނެ ގޮތުގެ އޮނިގަނޑެއް ގާނޫނަކުން ގެނައުމަކީ، އިއްޒަތްތެރި ރައީސް ވަރަށް މުހިއްމު ކަމެއް." އޭނާ ވިދާޅުވިއެވެ.

އިލްޔާސް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ކުންފުނިތައް ހިންގުން ދޯދިޔާވުމުގެ ސަބަބުން ކުންފުނިތައް އުފެއްދުމުގެ ހަގީގީ މަގްސަދު ހާސިލު ނުވާ ކަމަށެވެ. އަދި، އޭގެ ސަބަބުން ކުންފުނިތަކުގައި އުފެދި އާލާވަމުންދާ ފަސާދައިގެ އަމަލުތަކަކީ ނަޒާހަތްތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަަކަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

ކުންފުނީގެ މާލީ ގާބިލިއްޔަތުކަން ނުބަލާ، އެކި ޕްރޮޖެކްޓްތައް ހިންގާ އެ ނޫން ވެސް ގޮތްގޮތަށް ޚަރަދުކޮށް ކުންފުނިތަކަށް ލިބޭ ގެއްލުން ފޫބެއްދުމާއި ވޯކިން ކެޕިޓަލްގެ ގޮތުގައި ވެސް ކުންފުނިން ކުރަން ޖެހޭ ޚަރަދުތައް ދައުލަތުގެ ބަޖެޓުން ކުރަން ޖެހިފައިވާ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

އެހެންވެ، ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި ހުޅުވުމާއި ރެގިއުލޭޓް ކުުރުން މޮނީޓާ ކުރުން ހަރުދަނާ ކުރެވޭނެ ގާނޫނެއް އޮތުން މުހިންމު ކަމަށާއި އެ ކަމަށް ބޭނުންވާ ކަންކަން ތަރުތީބު ކުރުމަށް އެ ގަރާރުގައި ވަނީ ގޮވާލައްވައިފައެވެ.

comment ކޮމެންޓް