ވެރިކަން ކުރާ ފަރާތުން އެކަނި ދައުލަތުގެ މުދަލާއި މީޑިއާ ބޭނުންކުރުން ހުއްޓުވަން ޖެހޭ: ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް

ދައުލަތުގެ މުދަލާއި މީޑިއާ، ހަމައެކަނި ވެރިކަން ކުރަން ތިއްބެވި ބޭފުޅުން ބޭނުންކުރައްވަމުންދާ މައްސަލައަށް ގާނޫނީ ހައްލެއް ހޯދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ހުށަހަޅުއްވާފައިވާ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރިއަށް ގެންގޮސްފައިވެއެވެ.

ބަހުސްގެ ވަގުތުގައި ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު ވިދާޅުވީ މިދިޔަ ހަފުތާގައި ޔޫރަޕިއަން ޔޫނިއަން އިއްތިހާދުގެ އިލެކްޝަން އޮބްޒަވޭޝަން ޓީމެއް، މަޖިލީހަށް ވަޑައިގެން، އެމަނިކުފާނާ ބައްދަލު ކުރެއްވި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ އޮބްޒަވޭޝަން ޓީމުން އެ ބޭފުޅުންނަށް ފާހަގަވި ކަންކަމާއި ހުރި ކަންބޮޑުވުންތައް އެމަނިކުފާނާ ހިއްސާ ކުރެއްވި ކަމަށެވެ.

"ޚާއްސަކޮށް ދައުލަތުގެ މުދާ އިލެކްޝަނަށް ބޭނުންކުރުމާ ދައުލަތުގެ މީޑިއާ ހަމައެކަނި ވެރިކަމުގެ ފަރާތުން ބޭނުން ކުރަމުން ގެންދިޔުން، މި ދެ ކަންތައް އެ ބޭފުޅުންގެ ކަންބޮޑުވުންތަކުގެ ގޮތުގައި ފާހަގަކުރެއްވި. އަދި އެކަންކަމާ ގުޅޭ ގާނޫނީ ހައްލު ލިބުން އެއީ ބޭނުންތެރި ކަމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މެމްބަރު މުޢިއްޒު ހުށަހެޅުއްވި ބިލުގައި ވެސް އެ ކަންބޮޑުވުންތައް ފާހަގަވެފައި ނުވާ ކަމަށާއި އެކަންކަމުގެ ހައްލުތައް ވެސް ބިލުން ފާހަގަވެފައި ނުވާ ކަމަށެވެ.

ދައުލަތުގެ މުދަލާއި މީޑިއާ ހަމައެކަނި ވެރިކަން ކުރާ ފަރާތުން އިންތިޚާބުތަކާ ދިމާކޮށް ބޭނުންކުރާ ކަމުގެ ތުހުމަތު ކުރެއެވެ. އެގޮތުން ދާދި ފަހުން ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ދައުލަތުގެ މީޑިއާގެ ފަރާތުން ރައީސް ޞާލިހަށް ކެމްޕެއިން ކުރި ކަމުގެ ތުހުމަތު ރައީސް ނަޝީދަށް ތާއިީދު ކުރައްވާ ބޭފުޅުންނާއި އިދިކޮޅުން ވެސް ކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ރައީސް ޞާލިހުގެ ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެސް ގޮވާލިއެވެ.

comment ކޮމެންޓް