ކެންސަރު ފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތް ހަދައިދިނުމަށް ވެރިކަންކުރާ ޕީއެންސީން ހުށަހެޅި އިސްލާހުގެ މަސައްކަތް އަންނަ މަހާ ޖެހެންދެން ދަންމާލަން ނިންމުމަށް ފަހު، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ވެސް ތިން މިނެޓު ތެރޭ ނިންމާލައިފިއެވެ.
މަޖިލީހުގެ ދައުރުން ބޭރުން އިއްޔެ ވަނީ ޖަލްސާއެއް ބާއްވައި، ދެ އިންތިޚާބު އެއްކޮށްލުން ހިމެނޭހެން ބައެއް މަސައްކަތްތައް ފަށާފައެވެ.
އިއްޔެގެ ޖަލްސާގައި އެ މަސައްކަތުގެ އިތުރުން، ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް ޕީއެންސީން ހުށަހެޅި އިސްލާހުގެ މަސައްކަތް ވެސް ބަލައިގަނެ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. އެ މަސައްކަތް ނިންމަން ކަނޑައެޅި މުއްދަތު މުރާޖާކުރަން އެ ކޮމިޓީގެ އިތުރު ބައްދަލުވުމެއް މިއަދު ވެސް ވަނީ ބާއްވާފައެވެ.
އެ ބައްދަލުވުން ފެއްޓެވި ގޮތަށް އެ މަސައްކަތް ނިންމަން ކަނޑައެޅި ސުންގަޑި ދަންމާލަން މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ވަނީ އައްސަވާފައެވެ. އެ ގޮތުން، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވަނީ މި މަހުގެ ނިޔަލަށް ކަމާ ގުޅުންހުރި އިދާރާތަކުގެ ކޮމެންޓު ހޯދަން ފޮނުވަން ހުށަހަޅުއްވާފައެވެ. އަދި، އަންނަ މަހާ ހަމައަށް ކޮމިޓީގެ މަސައްކަތް ދަންމާލަން އޭނާ ހުށަހެޅުއްވިއެވެ. ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.
އެއަށް ފަހު ކޮމިޓީ ބައްދަލުވުން ވަނީ ނިންމާލާފައެވެ. މުޅި ބައްދަލުވުމުގައި ހޭދަވީ ތިން މިނެޓެއްހާއިރެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިއަދު ދައުރުން ބޭއްވި ޖަލްސާގައި ވެސް ހޭދަވީ އަށް މިނެޓެވެ. ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރަން ބޭއްވި އެ ޖަލްސާގައި ވޯޓަށް އެހުމުން ވެސް 38 އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އެއަށް ފަހު ޖަލްސާ ވަނީ ނިންމާލާފައެވެ.
ސަރުކާރުން ޕެންޝަން ގާނޫނަށް މި އިސްލާހު ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)، ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލުމަށް ފަހު، އަދި އެ އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހު ވިދާޅުވުމަށް ފަހު، ދައުރުން ބޭރުން އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.
ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު އަލުން އެ އިސްލާހު ހުށަހެޅުއްވީ ޕެންޝަންގެ ގާނޫނަށް ގެންނަ އިތުރު އިސްލާހުތަކާ ވެސް އެކުއެވެ.
މި ބިލު މަޖިލީހުން ބަލައިގަތީ ޖަލްސާއަށް ހާޒިރުވި އިދިކޮޅު އެމްޑީޕީގެ މެންބަރުން ހިމެނޭހެން 51 މެންބަރުންގެ އިއްތިފާގުންނެވެ. ބިލު ބަލައިގަތުމާ ގުޅިގެން ރިޔާސަތުން ވަނީ މި ބިލު ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާލައިފައެވެ.
ސަރުކާރުން ވަނީ ޕެންޝަން ލިބޭ އުމުރު ހަމަނުވިކަމުގައިވިޔަސް ބޮޑު ބައްޔަކަށް ފަރުވާ ހޯދާ ހާލަތެއްގައި ޕެންޝަންގައި ހުރި ފައިސާ ދޫކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ ފައިސާ ދޫކުރެވޭނެ ގޮތަށް ހެދުމަށް ހުށަހަޅައިފައެވެ. އެގޮތަށް ފައިސާއަށް އެދޭއިރު ވަކިވަކިން ނުވަތަ އެއްފަހަރާ އެ ފައިސާ ދޫކުރަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.
މީގެ އިތުރުން، ޙައްޖަށް ދިޔުމަށްޓަކައި ޙައްޖު ކޯޕަރޭޝަނަށް ދައްކަންޖެހޭ އަގުގެ 20 ޕަސެންޓު ދައްކައިފިނަމަ، ޙައްޖަށް ދިޔުމަށްޓަކައި ދައްކަންޖެހޭ އަގުގެ ތެރެއިން ބާކީ 80 ޕަސެންޓު ފައިސާ، ޕެންޝަން އެކައުންޓުން ދެއްކޭ ގޮތަށް ވެސް ޕެންޝަން ގާނޫނު އިސްލާހުކުރުމަށް ވަނީ ހުށަހަޅާފައެވެ.
ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުން، އެ މީހުންގެ ފަރުވާއަށް ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭ ގޮތް ހެދުން ފަދަ ކަންކަމަށް މިހާރު ވެސް އަންނަނީ އެދެމުންނެވެ. ހަމައެއާއެކު ވަޒީފާއިން ވަކިވުމަށް ފަހު، ވަޒީފާގައި އުޅުނުއިރު އެއްވާ ޕެންޝަން ފައިސާ ލިބޭނެ ގޮތެއް ވޭތޯ ވެސް ބައެއް ރައްޔިތުން އެދެއެވެ.
މިހާރު ވެސް ހައްޖަށް ދިއުމަށް ފައިސާ ދެއްކުމަށް ޕެންޝަން ފަންޑު ބޭނުންކުރެވެއެވެ.
އެކަމަކު ގާނޫނުގައި އޮތް ގޮތުން މިހާރު ވަޒީފާ އަދާކޮށްގެން އެއްވާ ޕެންޝަން ފައިސާ ލިބެން ފަށަނީ 65 އަހަރުވުމުންނެވެ.